މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ލާއިންސާނީ އަމަލުތައް ކުށްވެރި ކުރާ ކަމަށާއި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން މި ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގާ ބައެއް ގައިދީންނަށާއި ކަރެކްޝަންސްގެ އޮފިސަރުންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި ހަމަނުޖެހުން މައިތިރި ކުރުމަށް އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި އެވެ. މައްސަލަ ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ އެވެ.
މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީތަކުން ވެސް ގެންދަނީ ބަލަމުންނެވެ.
މިކަމާ ގުޅިގެން އިދިކޮޅު ކޮންގްރެސް ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މާފުށި ޖަލުގައި ބައެއް ގައިދީންނާމެދު އަމަލު ކޮށްފައިވަނީ ގާނޫނު އަސާސީއާއި ޖަލުތަކާ ޕެރޯލް ގާނޫނާ ހިލާފަށް އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއަހަދާތަކާ ހިލާފަށް ކަމަށެވެ. އެއީ ލާއިންސާނީ އަނިޔާވެރި އަމަލުތަކެއް ކަން ފާހަގަކޮށް ކޮންގްރެސް ޕާޓީން ވަނީ އެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.
ކޮންގްރެސް ޕާޓީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނަށް މިފަދަ ލާއިންސާނީ އަނިޔާ ކުރުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގައިދީންނަށް ލިބިދޭން ޖެގޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ކަމާ ބެހޭ ކަމާ ބެހޭ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށާއި ނަމަވެސް އެ ފަރާތްތަކުން އެ ޒިންމާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ޕީއެންސީން ބުންޏެވެ
މި ސަރުކާރަކީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި އަނިޔާ ނުދޭނެ ކަމަށް ވައުދުވެ އައިސްފައިވާ ސަރުކާރަކަށްވީއިރު މިފަދަ އަމަލުތައް ހިންގުމަކީ ސަރުކާރުން ވައުދު ފުއްދުގައި އެއްވެސް އިހުލާސްތެރި ނިޔަލެއް ނެތް ކަން އަންގައިދޭ ކަމެއް ކަމަށް އެ ޕާޓީގެ ބަޔާނުގައިވެ އެވެ. ޖަލުގައި މިފަދަ ލާއިންސާނީ އަމަލުތަކެއް ހިނގާފައިވާއިރު ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުގައި ހިނގާ މިދިޔަ ހަތް މަސް ދުވަހުގެ މުއްދަތުގައި އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށް ޕީއެންސީން ބުންޏެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) މި ކަމާ ގުޅޭ ދެފުށްފެންނަ މިނިވަން ތަހުގީގެއް ހިންގައި އެ އަމަލުތައް ހިންގި ފަރާތްތައް ޖަވާބުދާރީކޮށް، އެ ފަރާތްތަކަށް ލިބެން ޖެހޭ ހައްގު އަދަބު ދިނުމަށް ކޮންގްރެސް ޕާޓީން ގޮވާލި އެވެ. އަދި ޖަލުގައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކާ ބެހޭ މައުލޫމާތުތައް އެއްވެސް އޮޅުވާލުމެއް ނެތި ރައްޔިތުންނާ ހިއްސާ ކުރުމަށާއި ގާނޫނާއި ގަވާއިދުގެ ތެރެއިން ގައިދީންނަށް ލިބިދޭން ޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް ވެސް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.