ހަބަރު

އީިއެސްޖީގެ ކޮމާންޑަރު ސަސްޕެންޑް ކުރަން އަންގައިފި

މައްސަލަބަލައި ނިމެންދެން މާފުށި ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ ކޮމާންޑަރު ސަސްޕެންޑް ކުރަން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ، ކަރެކްޝަނަށް އަންގައިފި އެވެ.

ޖަލުގައި ހިނގައިދިޔަ ކަންކަން ބެއްލެވުމަށް މިނިސްޓަރު އިމްރާން މިއަދު މާފުށްޓަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާއާ ބައްދަލުކުރައްވައި ވިދާޅުވި، މި ވަގުތުން ވަގުތަށް އީއެސްޖީގެ ކޮމާންޑަރު ސަސްޕެންޑް ކުރަން ކަރެކްޝަންސްގައި އެދިފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ޖަލުގެ ގަވާއިދުގައިވާ ގޮތުން އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ކަރެކްޝަންގެ އީއެސްޖީ ގުރޫޕުން އެވަގުތު އެޖެހޭ މައްސަލައެއް ޓޭކްއޯވާ ކުރަންޖެހޭނެ އެވެ. އަދި މައްސަލަ ހައްލުވަންދެން ޖަލު ބަލަހައްޓަމުން ގެންދާނީ އީއެސްޖީ އިންނެވެ.

"އެހެންވީމާ އެމަޖެންސީ އިއުލާން ކުރެވުނު ވަގުތުން ފެށިގެން، އެހާލަތު ނިމެންްދެން އޮޕަރޭޝަންގައި އިސްކޮށް ހުންނަން ޖެހެނީ އީއެސްޖީގެ ކޮމާންޑާރު ކަމަށް ވާތީވެ މައްސަލަ ބަލާ ނިމެންދެން އީއެސްޖީގެ ކޮމާންޑަރު ސަސްޕެންޑް ކުރުމަށް އަޅުގަނޑު މިއައީ ކަރެކްޝަންގެ ސީޕީ އަށް އަންގާފަ، މިހާރު އެކަން އެގޮތަށް ކުރިއަށްދާނެ،"

އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި އީއެސްޖީގެ އޮފިސަރު ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާތީ އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މުނާޒް ކުރެއްވި ޓްވީޓު

މިނިސްޓަރު ވިދާޅުވީ، ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އަނިޔާވެފައިވާ ކަމަށެވެ. އެހުރިހާ ކަމެއް އިންސްޕެކްޓަރު އޮފް ޕޮލިސް މިހާރު ބަލަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި މައްސަލަ ބަލާއި ނިމިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅިގެންދާނެ ކަމަށެވެ. ޖަލުގެ މައްސަލައަކީ އެތައް އަހަރެއް ވަންދެން ހައްލެއް ނުލިބި އޮތް ކަމެއް އެކަން ބަދަލުކޮށް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެކަންކަން މަޑުމަޑުން ހައްލު ކުރެވިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.