ހަބަރު

ޖަލު ހަމަނުޖެހުމުގައި ބައެއް ގައިދީންގެ ބޯ ތުނިކުރި: މިނިސްޓަރު

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމުގައި ޖަލުގެ އޮފިސަރުން ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށައި ޓްރިމްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ޖަލުގައި ހިނގައިދިޔަ ކަންކަން ބެއްލެވުމަށް މިނިސްޓަރު އިމްރާން މިއަދު މާފުށްޓަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާއާ ބައްދަލުކުރައްވައި ވިދާޅުވި، މީގެ ކުރިން ވެސް ގައިދީން ޖަަލުގައި ހަމަނުޖެހުން ހިންގައިފި ނަމަ ބޯ ތުނިކޮށް ޓްރިމް ކުރާ ކަމަށެވެ. އެގޮތަށް އަމަލު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބޯ ބާލާފައެއް ނޫން ހުރީ، ބޯ ތުނިކޮށް ޓްރިމަރުން ކޮށާފައި ހުރީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެކަން އެއީ ކޮށްގެން ވާނެ ކަމެއް ނޫން، އެ ފޯސް އެގޮތަށް ބޭނުން ކޮށްގެންވާނެ ކަމަށް ގަބޫލެއް ނުކުރަން، އެހެން މި ދެންނެވީ އެކަންކަން އެގޮތަށް ބަލާފައި އެކަން ކުރީ ކާކު ބުނެގެންތޯ ކުރީ ބަލާފަ ފިޔަވަޅު އަޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެފަދަ ގޮތަކަށް އަމަލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގުކުރީ ކީއްވެކަން ނޭންގޭ ކަމަށެވެ. ބޯ ހުރީ ބާލާފައެއްނޫން ކަމަށާއި ހުރީ ތުނިކޮށް ކޮށާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އަނިޔާވެފައިވާ ކަމަށެވެ. އެހުރިހާ ކަމެއް އިންސްޕެކްޓަރު އޮފް ޕޮލިސް މިހާރު ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގައިދީންނަށް ފަރުވާ ދިނުމުގައި އެކިވަރުގެ ކަންކަން ދިމާވެފަ ހުރި ކަމަށެވެ. އެގޮތުން އެންމެ އެކަށީގެންވާ ފަރުވާ ދިނުން ލަސްވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. ފަރުވާ ދިނުމުގައި ލަސްނުކޮށް ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ. އެކަމުގައި އިހުމާލުވެ ފަރުވާކުޑަކޮށްފައިހުރި ހުރިހާ ކަމެއް ދެނެގަތުމަށްފަހު ފިޔަވަޅު އެޅިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެމެޖެންސީ ހާލަތެއްގައި ބާރުގެ ބޭނުން ޖެހޭނީ އެންމް ކުޑަ މިންވަރަށް ކަމަށެވެ. ނަމަވެސް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ.

"އެމެޖެންސީ ހާލަތެއްގައި ބާރުގެ ބޭނުން އެންމެ ކުޑަ މިންވަރަށް ކުރަން، ޕެޕާ ސްޕްރޭ ބޭނުންކުރަންޖެހޭ މިންވަރަށް ވުރެ ބޮޑަށް ބޭނުން ކުރިޔަސް، ނުވަތަ ބިޑި އަޅުވަންޖެހޭ މިންވަރަށްވުރެ ބާރަސް އެޅުވިއަށް ވާނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް، އެކަހަލަ ކަންކަން އެބަހުރި ފާހަގަ ކުރެވިފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މައްސަލަ ބަލާއި ނިމިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅިގެންދާނެ ކަމަށެވެ. ޖަލުގެ މައްސަލައަކީ އެތައް އަހަރެއް ވަންދެން ހައްލެއް ނުލިބި އޮތް ކަމެއް އެކަން ބަދަލުކޮށް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެކަންކަން މަޑުމަޑުން ހައްލު ކުރެވިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.