މުހިންމު ކަންތައްތަކެއްގައި ޗައިނާއާއެކު އެއްބަސްވުމަކާއި ހަމައަށް ދެވިއްޖެ ކަމަށާއި ބައިނަލް އަގުވާމީ ދުނިޔޭގެ މަޝްރަހުގައި ޗައިނާގެ މައްސަލަ ކޮންމެ ގޮތަކަށް އޮތް ނަމަވެސް ޗައިނާއާ އުތުރު ކޮރެއާގެ ދެމެދުގައި އޮތް އެކުވެރިކަން ބަދަހި ކުރާނެ ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހައްލު ހޯދަން މަޝްވަރާކޮށް ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން ވަރުގަދަ ކުރަން ޗައިނާގެ ރައީސް ޝީ ޖިންޕިން އުތުރު ކޮރެއާއަށް ކުރައްވާ ދަތުރުފުޅަށް ފަހު، ޖަޕާނުގައި ބާއްވާ ޖީ-20 ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.
ރައީސް ކިމް އާާއި ރައީސް ޝީގެ ބައްދަލުވުމަކީ އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެދީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ އެކުވެރިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ކިމް ސިފަ ކުރެއްވި އެވެ.
ކޮރެއާގެ ނިއުކްލިއާ މައްސަލާގައި ކުރިއަށް ގެންދިޔަ ދެވަނަ ސަމިޓު ވެސް އެއްބަސްވުމަކާއި ހަމައަށް ނުދެވި ކުއްލި ގޮތަކަށް ވަނީ ނިންމާލާފަ އެވެ. އެއަށް ފަހު އުތުރު ކޮރެއާއިން އިތުރު މަޝްވަރާތަކަކަށް ދެވޭނީ ރައީސް ޓްރަމްޕްގެ ވިސްނުންފުޅު ބަދަލު ކުރެއްވުމުން ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާ އާއި ޗައިނާއާ ދެމެދު ވަރުގަދަ ވިޔަފާރީގެ ހަނގުރާމައެއް ކުރަމުން ދާާއިރު އަދި އޭގެ ސަބަބުން މުޅި ދުނިޔޭގެ މާލީ ބާޒާރުތަކަށް ލޮޅުން އައިސްފައިވާއިރު ޖީ-20 ސަމިޓުގައި އެމެރިކާާއާއި ޗައިނާއާއި ދެމެދު އާ މަޝްވަރާތަކަށް ދާނެ އެވެ.
ޗައިނާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާއާއެކު ކެތްތެރިކަމާއެކީ މަޝްވަރާތައް ކުރިއަށް ގެންދަން އޮތީ ތައްޔާރަށެވެ. ނަމަވެސް އެމެރިކާއިން މަޝްވަރާތަކުގައި ބައިވެރިވާނަމަ މަގުގެ މެދާ ހިސާބުން ޗައިނާއާ ބައްދަލު ކުރުމުގެ ގާބިލްކަން ވެސް އޮންނަންވާނެ ކަމަށް ޗައިނާއިން ބުނެ އެވެ.