ޖަލުތައް ބެލެހެއްޓުމުގެ ތަމްރީން ލިބިފައި ތިބި މުއައްޒަފުން މި ސަރުކާރުން ވަކިކޮށް އެ ވަޒީފާ އެކްޓިވިސްޓުންނަށް ދީފައިވާ ކަމަށާއި އޭގެ ސަބަބުން ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޖަލުތަކުގައި ހިނގި ހަަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، މުއައްޒަފުންނަށް ޕްރޮފެޝަނަލް ތައުލީމާއި ތަމްރީންތައް ދީފައިވާ ކަމަށާއި އޭގެ ސަބަބުން އެ ދުވަސްވަރުގައި ޖަލުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ޕްރޮފެޝަނަލް ތަމްރީން ލިބިފައިވާ ކަރެކްޝަންސްގެ އޮފިސަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އެތަންތަން ބަލަހައްޓަން އެމްޑީޕީގެ އެކްޓިވިސްޓުންނަށް ލާފައިވާ ކަމަށެވެ. އޭގެ ސަބަބުން 2003 ވަނަ އަހަރު އީވާން ނަސީމް މަރާލި ދުވަސްވަރު އޮތް ހާލަތަށް ރާއްޖޭގެ ޖަލުތައް ވެއްޓިފައިވާ ކަމަށެވެ.
"... މިއީ މި ޕާޓީ އިން ކަންބޮޑުވާ ކަމެއް، މިފަދަ ލާއިންސާނީ އަމަލުތައް ހިންގާފައިވާ ކަމަށް ލިބިފައިވާ ރިޕޯޓުތަކަކީ މި ސަރުކާރުން އިންސާނީ ކަރާމާތަށް އަރައިގެންފައިވާ ކަމުގެ ހެއްކެއް. މިކަމަކީ ސަރުކާރުން ޒިންމާވާން ޖެހޭ ލަދުވެތި އަދި ހުތުރު އަމަލުތަކެއްކަން ފާހަގަ ކުރަން،" އެ ބަޔަަނުގައި ބުނެފައިވެ އެވެ.
ގައިދީންނަށް އަނިޔާކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ގަބޫލްކޮށްްފަ އެވެ. އެ މައްސަލާގައި ޖަލު ބަލަހައްޓާ ކޮމާންޑަރަކު ވެސް ވަނީ މިހާރު ސަސްޕެންޑުކޮށްފަ އެވެ. އެ މައްސަލަ ރައްޔިތުން މަޖިލީހުގެ ދެ ކޮމިޓީއަކުން ބަލަމުން އަންނަ އިރު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް އެ މައްސަލަ ބަލަ އެވެ.