ރާޅު ގުޑި އިވެންޓް

"ރާޅުގުޑި"، ވާވުން މާފުއްޓަށް: 34 މޭލް!

މާފުށިން: ނާޒިމް ހަސަން
Jun 22, 2019

އިއްޔެ، މ. މަޑުއްވަރީއިން ރާޅުގުޑި އިވެންޓަށް ލިބުނު ބޮޑު ތަރުހީބާއެކު މިއަދު އެ ރަށުން ނައްޓާލީ އުންމީދަކާއެކު އެވެ. މިއަދު ވެގެންދިޔައީ ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފު ކުރުމުގެ ނިޔަތުގައި ރާޅުގުޑި ފެށި ދަތުރުގައި މިހާތަނަށް އެންމެ ކާމިޔާބު ވެސް ދުވަހަށެވެ. މިހާތަނަށް ތިބެން ޖެހިފައި އޮތީ ވައި ނުލިބިގެން "ވައިވެފަ" އެވެ.

ވައި ނުލިބި ދިއުމަށްފަހު ރާޅުގުޑި އެންމެ ފުރަތަމަ އަރުވާލެވުނީ އިއްޔެ އެވެ. އައްޑޫ ސިޓީއިން މ. އަތޮޅާ ހަމައަށް ވައި ނެތެވެ. އިއްޔެ ރާޅުގުޑި އެރުވީ މ. ތުވަރުން މަޑުއްވަރީއަށެވެ. މިއަދު އެއަށްވުރެ ދިގު ރާސްތާއެއްގައި އުދުހެވޭ ގޮތްވި އެވެ.

މިއަދު އެންމެ ފުރަތަމަ ގުޑި ކަނޑަށް ނުކުތީ ވ. އަތޮޅުގެ ރީތި ފިނޮޅެއް ކަމަށްވާ މަޑިއްޕަޅު ފިނޮޅުންނެވެ. ރީތި ދޮންވެލިގަނޑެއް އޮތް އެ ފިނޮޅަށް ފައިބާ ދަތުރުގައި ބައިވެރިވާ ހަތަރު އެޓްލީޓުން ގުޑި އުދުއްސާލީ މެންދުރު 12:20 ގަ އެވެ. މަޑުމަޑުން ޖެހެމުން ދިޔަ ވައިގައި ގުޑި ހިފަހައްޓާލައި އެހިސާބުން ވަރަށް ފޯރީގައި ހަތަރު އެޓްލީޓުން ވެސް ދަތުރު ފެށީ އެވެ.

ދާން އޮތް މަންޒިލަކީ ހިތް ފަސޭހަ ރަށެއްގެ ގޮތުގައި މަޝްހޫރު، ވ. ފުލިދޫއަށެވެ. މީސްކޮޅު މަދު ވ. އަތޮޅުގެ ހުރިހާ ރަށަކީ ވެސް ރަށްފުށުގެ ދިރިއުޅުން ފެނިގެންދާ ރަށްރަށެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ރަށަކީ މިއީ އެވެ.

އާސިމް މުހައްމަދު (ސިންބެ) އާއި އަހުމަދު ހަމްދާން (ހަންބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގައި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ ޔޫރީ ޒޫން، ކައިޓްގައި ފުލިދޫގެ ރީތި ވެލިމަލައިގައި މަޑުކޮށްލީ މެންދުރު ފަހު 1:15 އިގައެވެ. ހަތަރު އެތުލީޓުން ވެސް ތިބީ، ރާޅުގުޑީގައި ކާމިޔާބު ދަތުރެއް ކޮށްލެވުން ވަރަށް ހެވިފަ އެވެ.

މި ހަތަރު އެތުލީޓުން ފުލިދޫއަށް އެރުމުން މަރުހަބާ ކިޔުމަށް ފިނި ބުއިންތައް އަތުރާލާފައި ހުއްޓެވެ. އެ ރަށުގައި މާގިނަ އިރު މަޑު ނުކުރިޔަސް މި ރަށުން ބަނޑު ފުރާ ރަނގަޅަށް ކާން ލިބުނެވެ. ފަތުރުވެރިން ވެސް ގިނަ އަދަދަކަށް އުޅޭ ފުލިދޫން އަނެއްކާވެސް ރާޅުގުޑީގެ ދަތުރަށް އެތުލީޓުން ނުކުތީ އެވެ. އެ މީހުން ނައްޓާލީ މެންދުރުފަހު 3:00 ޖެހި އިރު އެވެ.

މި ފަހަރުގެ މިސްރާބު، ރަށު ޓޫރިޒަމްގެ މައި ރަށް، ކ. މާފުއްޓަށެވެ. މޫދު ކުޅިވަރުގައި ވެސް އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ މާފުއްޓަށް ފެށި ދަތުރަކީ ދިގު ވެސް ދަތުރެކެވެ. ވައި ވެސް އެހާ ފައްސެއް ނޫނެވެ. އެކަމަކު، އެތުލީޓުންގެ ހިތްވަރު ގަދަ އެވެ. ތިބީ އާދައިގެ ޖޯޝެއްގައެއް ނޫނެވެ. ރާޅުގުޑީގައި ކަނޑުތައް ހުރަސްކޮށް 4:15 ގައި މާފުއްޓަށް ލަފައިފި އެވެ. މިއަދު ހަތަރު އެޓްލީޓުން 34 މޭލް ކައިޓްގައި ދަތުރުކުރީ އެވެ.

މިރޭ އެތުލީޓުން މަޑުކުރާނީ މި މާފުށީގަ އެވެ. އެއަށްފަހު މާދަމާ އޮތީ ބޮޑު ހަރަކާތެކެވެ. ހަތަރު އެޓްލީޓުން ވެސް މާދަމާ ރާޅުގުޑީގައި ދަތުރު ކުރާނީ ވެރިރަށް މާލެއަށެވެ.

މާލެއަށް ކުރާ ދަތުރުގައި ރާޅުގުޑީގެ ސާފަރުންގެ އިތުރުން މާފުށިން ގިނަ އަދަދެއްގެ އެހެން ކައިޓް ސާފަރުން ވެސް ބައިވެރިވާނެ އެވެ. އެހެންވެ ގިނަ އަދަދެއްގެ ކައިޓްތައް މާދަމާ ހަވީރު މާލެއަށް ދަތުރުކުރާނެ އެވެ. ގުޑިތައް ކައިރި ކުރާނީ ރަސްފަންނާ ދިމާލަށެވެ. ރާޅުގުޑިތައް ބަލައިލަން ބޭނުންނަމަ، މާދަމާ ހަވީރު ރަސްފަންނަށް ދާށެވެ.

"ދެކުނުން އުތުރަށް" ރާޅުގުޑި ކުރާ މި ދަތުރުގައި ޕްލާސްޓިކާ ދުރުވުމަށާއި މޫދަށް ކުނި އެޅުމާ ދެކޮޅަށް ކެމްޕޭނެއް ކުރެއެވެ. މި ދަތުރުގައި މޫދުން ކުނި ނަގާއިރު ރަށްރަށުގެ ގޮނޑުދޮށް ވެސް ސާފު ކުރެއެވެ. މި ހަރަކާތުގައި ތިމާވެއްޓަށް މަސައްކަތް ކުރާ ޕާލޭ ފަހަތުގައި އޮވެއެވެ. މިއަދު ވެސް އެތުލީޓުން ވަނީ މަޑިއްޕަޅު ފިނޮޅުގައި ހުރި ޕްލާސްޓިކާއި ކުނިތައް ނަގާ ސާފުކޮށްފަ އެވެ. ރާޅުގުޑީގެ ދަތުރުގައި ކަނޑުމަތީން ފެނުނު ކުނި ވެސް ނެގި އެވެ.