ހަބަރު

ކޮމިޓީއަށް ހާޒިރުވާން އަންގާފައި ވަނިކޮށް އިމްރާން ތިނަދޫއަށް

Jun 22, 2019
3

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހާޒިރުވާން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގާފައި ވަނިކޮށް އެމަނިކުފާނު މިރޭ ގދ. ތިނަދޫއަށް ފުރާ ވަޑައިގެންފި އެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި، ގައިދީންތަކަކަށް އަނިޔާވި މައްސަލާގައި މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން މިއަދު ނިންމާފައި ވަނީ އިމްރާން އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުއާޒް ހާޒިރު ކުރާށެވެ. ނަމަވެސް ހޯމް މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ތިނަދޫގައި މާދަމާ ފަށާ އިންޓަ ސްކޫލު އެޓްލެޓިކްސް ޗެމްޕިއަންޝިޕް ފައްޓަވައިދެއްވުމަށް މިރޭ މިނިސްޓަރު އެ ރަށަށް ވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހުގެ ކޮމެޓީގެ އެ ޖަލްސާ މިރޭ 8:30 ގައި ވަނީ ފަށާފަ އެވެ. ގައިދީންނަށް އަނިޔާކުރި މައްސަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަސް ވެސް އިމްރާން ހާޒިރު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ކޮމިޓީއަށް އިމްރާން ހާޒިރުވާން ޖެހެނީ އަންނަ ހޯމަ ދުވަހުގަ އެވެ.

ގައިދީންނަށް އަނިޔާ ކުރި މައްސަލާގައި ޖަލުގެ ކޮމާންޑަރަކު ސަސްޕެންޑުކޮށްފައިވާ އިރ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.