ދިވެހި ސިނަމާ

ސާކް ފެސްޓިވަލްގައި "ގޮށްރާޅު" ވާދަކުރަނީ "ޕަދްމާވަތު" އާއެކު

ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދިން ކްރައިމް ތްރިލާ ފިލްމު "ގޮށްރާޅު" ނުވަ ވަނަ ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިކުރަން ނިންމައިފި އެވެ.

ގިނަބަޔެއްގެ ތައުރީފު ލިބުނު މި ފިލްމު ސާކް ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކޮށްދޭ ގޮތަށް ބައިވެރިވާއިރު މި ފިލްމާއެކު ބޮލީވުޑްގެ ބްލޮކްބަސްޓާ ފިލްމު "ޕަދްމާވަތު" ވެސް ވާދަކުރެ އެވެ. ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނި ގޮތުގައި "ޕަދްމާވަތު" ކަހަލަ މޮޅު ފިލްމަކާއެކު "ގޮށްރާޅު" ވާދަ ކުރަން ލިބުމަކީ ވެސް ލިބުނު ޝަރަފެއް ކަމަށެވެ. އަދި ކޮންމެ ފިލްމަކުން ވެސް އުއްމީދު ކުރާ ފަދައިން ވަނައަކަށް އުއްމީދު ކުރާ ކަމަށެވެ.

ސާކް ކަލްޗަރަލް ސެންޓާ އިން މި މުބާރާތުގައި ބައިވެރިވާ ފިލްމުތައް ހިމަނައިގެން ނެރެފައިވާ ވީޑިއޯ އެއް --

ކްރައިމް ތްރިލާ ޖޯންރާ އަކަށް އުފައްދާފައިވާ މި ފިލްމު ޑައިރެކްޓް ކޮށްދީފައި ވަނީ އަހްމަދު ޝިނާނެވެ. މިއީ އޭނާގެ ފުރަތަމަ ސޯލޯ ޑައިރެކްޝަން އެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އެވެ. އަދި ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ ތައްޔާރުކުރީ މޫމިން ފުއާދު އެވެ. މި ފިލްމުގެ ލީޑު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފެންނާނެ އެވެ.

ސާކްގެ ގައުމުތަކުން ކޮންމެ އަހަރަކުވެސް ބައިވެރިވާ މި ފިލްމް ފެސްޓިވަލުގައި މީގެ ކުރިން ވެސް ރާއްޖެއިން ވަނީ ބައިވެރިވެ ވަނަތައް ހޯދާފަ އެވެ. އެގޮތުން، ފާހަގަ ކޮށްލެވޭ އެއް ކާމިޔާބީއަކީ 2017 ވަނަ އަހަރު ބޭއްވި އެވޯޑު ހަފްލާގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދީ ބަތަލާ އައިމިނަތު ރިޝްމީ އެވެ.

މި ފަހަރު ސާކް ފިލްމު ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހާ ހަތް ވަނަ ދުވަހާ ދެމެދުގެ ތާރީހެއްގަ އެވެ. ސާކް ފިލްމު ފެސްޓިވަލް ބާއްވަނީ ލަންކާގަ އެވެ.