ލައިފްސްޓައިލް

ރަތް ކުލަ ހާއްސަވަނީ ކީއްވެ؟

އިހުގައި ދިވެހިން ލީ ސާދަ ހެދުމުގެ ވާހަކަ އެހެން ގައުމުތަކުގެ މީހުން ވެސް ދައްކައެވެ. ދިވެހިންގެ ރީތި ހެދުމަށް ބަލާލާއިރު ކަސަބު ބޯވަޅު އެޅި ލިބާސް ލީ ޒަމާނުގައި ވެސް ރަތް ކުލަވެގެން ދިޔައީ ލިބާސް ލުމަށް ވަރަށް ގަޔާވާ ކުލައަކަށެވެ. ރަތްކުލައިގެ ދިވެހި ލިބާސް އާއްމުވެފައި ވަނީ މި ސަބަބާއި ހެދިކަމުގައި ވެދާނެ އެވެ. މިހާރުވެސް ސުކޫލެއްގައި ދިވެހި ދުވަހެއް ފާހަގަކުރާނަމަ ނުވަތަ އެހެންވެސް ސަގާފީ ދުވަހެއް ފާހަގަކުރާނަމަ ރަތް ކުލައިގެ ކޮންމެހެންވެސް ހޯދައެވެ.


މި ޒަމާނަށް ބަލާއިރު ރަތް ހެދުމާއި ރަތް ލިޕްސްޓިކް، ރަތް އަތް ދަބަހާއި ރަތް ބޫޓާއި އެކްސަސަރީސްއާ އަޅައިގަންނަ ގޮތެއް ހުރެއެވެ. އޮފީހަށް ދާ އިރުވެސް އާޢްމުކޮށް މި ލާ އޮފީސް ހެދުމުގައި ރަތްކުލައަށް ވެސް ރަތް ކުލައިގެ ކޮންމެވެސް އެކްސަސީރެއް ލުމުން އިތުރަށް ފުރިހަމަ ކޮށްދެއެވެ.

ރަތް ކުލައަކީ ވަރަށް އެކްސްޓްރީމް ކުލައެކޭވެސް ބުނެއެވެ. ރަތަކީ އިޝްގީ ލޯއްބާއި، ޖަޒުބާތުގައި ޖެއްސުމާއި، ބިރުވެރި ކަމާއި، ލޭ އޮހޮރުވުން، ރުޅި އަދި އެޑްވެންޗާގެ ކުލަ ވެސް މެއެވެ. އަންހެނުންގެ ފެޝަންގެ އިތުރުން ފިރހެނުން ވެސް ރަތް ކުލައަށް ހާއްސަކަމެއް ދެއެވެ. މިގޮތުން ރަތް ކުލައިގެ ޓައި، ބޫޓު އަދި ކާރާއި ފޯނަށް ވެސް ގިނަ މީހުން ހިތް ކިޔައެވެ.

ރަތްކުލައިގެ ހެދުން ހޮލީވުޑްގައިވެސް މަގުބޫލެވެ. މެރަލިން މޮންރޯ އާއި އޯޑްރީ ހެޕްބާން ފަދަ ތަރިންގެ ރަތް ކުލައިގެ ހެދުމުގެ ފޮޓޯތަށް އަދިވެސް ހިނގައެވެ.އަދި މިހާރުގެ ރަންވޭތަކުގައި މި ކުލަ ހިނގައެވެ. މިހާރަކަށް އައިސް ޕެސްޓެލް ނުވަތަ މަޑު ކުލަތަކާއި ނޫޑް ކުލަތަށް ހިނގިއަސް ރަތް ކުލައަކީ ހާއްސަ ހަފްލާތަކަށްވެސް ލުމަށް ގިނަ މީހުން އިހްތިޔާރު ކުރާ ކުލައެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ރަތް ކުލަ އަކީ ވަރަށް ބޯލްޑް އަދި ކޮންފިޑެންޓް މީހުންގެ ކުލައެކެވެ. ވަޒީފާއެއް ހޯދުމަށް އިންޓަވިއުއަކަށް ދާ ނަމަ ރަތް ލިޕްސްޓިކެއް މީހުން ހިޔާރު ކުރަނީ މި ސަބަބާއި ހެދިއެވެ. ރަތްކުލަ ލާނަމަ ކޮންމެ ތަނަކުންވެސް އެމީހަކު ވަކިން ހާއްސަކޮށް ފާހަގަވެ ލޮލުގައި އަޅައިގަނެއެވެ.

ސައިންޓިސްޓުން ރަތް ކުލަ ސިފަކުރަނީ ކާމިޔާބީގެ ކުލައެއް ގޮތުގައެވެ. ވާދަވެރިކޮށް ކުޅޭ ކުޅިވަރުގައި ރަތް ކުލަ ބޭނުން ކުރާ ނަމަ ކާމިޔާބުވާ ކަމަށްވެސް ބުނެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ރަތް ކުލަ ލާ ފުޓްބޯޅަ ޓީމު ތަކުން ތަށި ގެންދެ އެވެ. މީގެ ސަބަބަކަށް ބަލަނީ ރަތްކުލަ ލައިގެން ތިބޭ ޓީމުން އެމީހުންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވުމުން ޕާފޯމް ކުރެވޭ ގޮތް ރަނގަޅީއެވެ.

އަދި ވާދަ ކުރާ އަނެއް ޓީމުގެ މެންބަރުންނަށް މެސެޖެއްވެސް ފޮނުވާލާ ޓީމާއި މެދު ޖެހިލުން ކޮށްލާތީ ކަމުގައި ތަޖުރިބާ ކާރުން ބުނެއެވެ.

އެމެރިކާގެ ޕްރޮފެޝަނަލް ގޮލްފަރެއް ކަމުގައިވާ ޓައިގަ ވުޑްސް މުބާރަތްތަކުގައި އާއި މުހިއްމު ދުވަސް ދުވަހުގައި ރަތް ކުލަލުމަށް އިޙްތިޔާރު ކުރެއެވެ.

އެހެންކަމުން ކާމިޔާބުވުމަށް ބޭނުންނަމަ އެމީހެއްގެ ވޯޑްރޯބަށް ރަތްކުލަ އިތުރުކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. "ވިނާސް ވެއާ ރެޑް" ނުވަތަ ކާމިޔާބީގެ ކުލަގޮތުގައި ގިނަބަޔަކު ރަތްކުލަ ސިފަ ކުރާތީ ރަތްކުލަ ހަމަ ހާއްސަވަނީ އެވެ.