ހަބަރު

މާފުށީ ޖަލުގެ ރިމާންޑް ޔުނިޓް ފާސްކުރަން ނިންމައިފި

މާފުށީ ޖަލުގައި ރިމާންޑް މީހުން ބަންދުކޮށްފައިވާ ޔުނިޓްގައި ޖަލުގެ ސަލާމަތަށް ނުރައްކާވެދާނެފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެ ޔުނިޓް ބަލާފާސްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ތައްޔާރުވަމުންދާކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީން ބުނީ، މާފުށީ ޖަލުގައި ރިމާންޑް މީހުން ބަންދުކޮށްފައިވާ ޔުނިޓް ގެ ކެމެރާތައް ތަޅާލާފައިވާއިރު، 20 ޖޫން 2019 ވަނަ ދުވަހު ހަވީރު މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާއަށްފަހު ބައެއް ބަންދުމީހުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޖަލުގެ ކަންކަން އާންމުހާލަތުގައި ދެމެހެއްޓުމަށް ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޖަލުގެ ޔުނިޓް ބަލާފާސްކުރުމުގެ ކަންކަން ކުރިޔަށް ދާނީ ހޯމް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި، އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ ހާޒިރުގައި، ވީޑިއޯ އަދި އޯޑިއޯ ރިކޯޑް ކޮށްގެން ކަމަށާއި، އޮޕަރޭޝަން ގާތުން ބެލުމުގެ ފުރުސަތު ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބޭނުންވާނަމަ އެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ނިންމާފައިވާ ކަަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އެ އޮޕަރޭޝަން ކުރިއަށްގެންދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާއި ޖަލު އޮފިސަރުން ހިފަހައްޓަން ޖެހޭ ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ބާރުގެ ބޭނުންކުރާނީ ކޮންމެހެން ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި އެ ހާލަތަކާ އެކަށީގެންވާ އެންމެ ދަށްމިންވަރަށްކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވާކަމަށެވެ.

20 ޖޫން 2019 ވަނަ ދުވަހު ޖަލުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓްރީން ގެންގުޅޭ ސިޔާސަތަކީ ސިއްރުކުރުމުގެ ސަގާފަތް ދޫކޮށްލައި، ދެފުށްފެންނަ އުސޫލަކުން މައުލޫމާތު ހާމަކޮށް ގާނޫނާ އެއްގޮތްވާގޮތުގެ މަތިން އެންމެހައި ކަންކަން ކުރިއަށްގެންދިއުން ކަމަށާއި، ހަގީގަތާ ހިލާފު މައުލޫމާތު އާންމުކޮށް، އެފަދަ މައުލޫމާތު ނުފެތުރުމަށް ނަސޭހަތްތެރިވާކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.