އެމެރިކާއިން ދީނީ މިނިވަންކަމާބެހޭ ގޮތުން ނެރެފައިވާ ރިޕޯޓަށް އިންޑިއާގެ ސަރުކާރުން ފާޑު ކިޔައިފި އެވެ.
އިންޑިއާ ސަރުކާރުން އެމެރިކާގެ 2018 ވަނަ އަހަރުގެ އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް ރިޕޯޓް (ބައިނަލް އަގްވާމީ ދީނީ މިނިވަންކަމުގެ ރިޕޯޓް) ގައި ހައްދު ފަހަނަ އަޅާފައިވާ ހިންދޫ ގްރޫޕްތަކުން ކުދި ޖަމާއަތްތައް، ހާއްސަކޮށް މުސްލިމުންނަށް ގްރޫޕް ހަދައިގެން އަނިޔާ ކުރާކަމަށް ބުނެފައި ވެއެވެ.
އަދި ހިންދޫން މުސްލިމުންނަށް އަނިޔާ ކޮށްފައިވަނީ މުސްލިމުން ގެރި ކަތިލާާ އޭގެ މަސް ވިއްކާފައިވާ ކަމަށް ދެކެވުނު ވާހަކަތަކުގެ ސަބަބުން ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.
އެމެރިކާގެ ރިޕޯޓާއި ގުޅިގެން މީޑިއާތަކުން އިންޑިއާ ސަރުކާރާއި ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިންޑިއާގެ މިިނިސްޓްރީ އޮފް އިންޓާނަލް އެފެއާޒްގެ ތަރުޖަމާން ރަވީޝް ކުމާރް ވިދާޅުވަނީ އިންޑިއާއަކީ އެފަދަ އަނިޔާވެރި ގައުމެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީގެ ގޮތުގައި އޮތް ގައުމަށްވާ ހިނދު އެ ގައުމުގެ ކެތްތެރިކަމާއި އެއްބައިވަންތަކަމާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަށެވެ.
ތަރުޖަމާން ވިދާޅުވެފައިވާ ގޮތުގައި އިންޑިއާގެ ގާނޫނުގެ ދަށުން އެ ގައުމުގައި ދިރިއުޅޭ ހުރިހާ އެންމެންނަށް އެއީ ކޮންމެ ދީނެއްގެ ބައެއް ކަމަށް ވިޔަސް އެބައެއްގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ އެވެ.
އަދި އިންޑިއާއަކީ ކުލަގަދަ ޑިމޮކްރަސީއަކަށް ވާހިނދު އެ ގައުމަކީ ދީނީ ގޮތުން ހޭލުންތެރިވެފައިވާ ބަޔަކު ދިރުއުޅޭ ތަނެއް ކަމަށާއި އެ ގައުމުގެ ގާނޫނުތަކަކީ ހުރިހާ އެންމެންގެ ހައްގުތައް އެންމެ ފުރިހަމައަށް ހާސިލް ކޮށްދެވޭ ފަދަ ގާނޫނުތަކެއް ކަމަށް ވެސް ކުމާރް ވިދާޅުވި އެވެ.
"ކަން އެހެން އޮތް އިރު މި ގައުމުގެ ކަންތައް ނޭނގި ތިބެ ގޮތް ކިއުމުގެ އެއްވެސް ހައްގެއް އެހެން ގައުމަކަށް ނޯންނާނެ" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ކޮންގްރެސްގެ އަމުރަށް އެކުލަވާލާފައިވާ ދީނީ މިނިވަންކަމުގެ ރިޕޯޓުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ދީނީ މިނިވަންކަމާއި ހަމަހަމަކަން އޮތް މިންވަރު ހާމަކޮށްފައި ވެއެވެ. އެފަދަ ރިޕޯޓެއް ރާއްޖެއާބެހޭ ގޮތުން ވެސް ނެރެފައި ވެއެވެ. ނަމަވެސް ރާއްޖެއިން އެކަމާ މެދު އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.