ހަބަރު

ޖަލު ހަމަނުޖެހުން ޓްރާންސްޕޭރެންސީން ކުށްވެރިކޮށްފި

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގެ ގައިދީން ތަކަކަށް، ޖަލު ބަލަހައްޓާ އޮފިޝަލުންގެ ތެރެއިން ބަޔަކު ދިން އަނިޔާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުށްވެރި ކޮށްފި އެވެ.

ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ކުރަންޖެހޭ ކަމަށެވެ. އަދި މި އަމަލު ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެ ބަޔާނުގައި ބުނީ، ގައިދީންނަށް ކުރި އަނިޔާގައި ޒަހަމްވެފައިވާ ފަރާތްތަކަށް ސިއްހީ ފަރުވާ ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މިފަދަ އަނިޔާތައް ހުއްޓުވުމުގައި އިހުމާލްވެފައިވާ މިންވަރު ވެސް ބަލަން ޖެހޭ ކަމަށާއި ހާއްސަކޮށް ހިއުމަސްރައިޓްސް ކޮމިޝަން މި ކަމުގައި ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖަލުގެ ގައިދީންނަށް ކުރި އަނިޔާގެ މައްސަލައިގެ ތަހުގީގު، ހާމަކަމާއެކު، އާންމުންނަށް އިނގޭނެހެން ކުރިއަށް ގެންދަން ޖެހޭނެއެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ޖަލު ތަކުގައި އަނިޔާ ކުރުމާއި ހަމަނުޖެހުން ގިނަ ވަނީ މުޖުތަމައުންނާއި ސިޔާސީ ފަރާތްތަކުން ޖަލު ތަކުގެ ހިނގާ ކަންކަމަކީ ރަނގަޅު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލު ނުކުރާތީ ކަމަށާއި އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަކީ އިންސާނިއްޔަތުކަމުގެ ނަޒަރުން އެބަޔަކާ ދޭތެރޭ ވިސްނަން ނުޖެހޭ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާތީ ކަަމަށެވެ.

މާފުށީ ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުމުގައި ބައެއް ގައިދީންގެ ބޯ ބާލުވާ އެ މީހުން ގަޔަށް ޕެޕާ ސްޕްރޭ ޖެހި ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް ކަރެކްޝަނުން އެ ވާހަކަތައް ވަނީ ދޮގު ކޮށްފަ އެވެ، މި މައްސަލައާއި ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.