މާފުށީ ޖަލުގައި ހިނގި ބަލާ ފާސް ކުރުމުގެ އޮޕަރޭޝަން ތެރޭގައި ޖަލުގައި ހުރެގެން ނުވާނެ ފަދަ ސާމާނާއި އާލާތް ފެނިފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.
މާފުށީ ޖަލުގައި ރިމާންޑް މީހުން ބަންދުކޮށްފައިވާ ޔުނިޓް ބަލާ ފާސް ކުރަން ނިންމީ، ޖަލުގެ ސަލާމަތަށް ނުރައްކާވެދާނެފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެވެ.
ބަލާ ފާސްކޮށް ނިމުމަަށް ފަހު ހޯމް މިނިސްޓްރީ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އެ އޮޕަރޭޝަން ވަރަށް އޮމާން ކަމާއެކު ކުރިޔަށް ގޮސްފައިވާ ކަމަށާއި މިއަދަށް ބަލާ ފާސް ކުރުން ނިންމާލާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަންގެ ތެރޭ ޖަލު ތެރޭގައި ހުރެގެން ނުވާނެ ފަދަ ތަކެތި ފެނިފައިވާ ކަމަށާއި އެތަކެތި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
ޖަލުން ހޯދާފައި ވަނީ ކޯއްޗެއް ކަމަށް އެ މިނިސްޓްރީ އިން ހާމައެއް ނުކުރެ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީން ދަނގަނޑުބުރި ތަކެއް ގެންގުޅުނު ކަމަށްވެ އެވެ.
އެ ހަމަނުޖެހުމުގެ މައްސަލަ ހޯމް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި މަޖިލީހުގެ ދެ ކޮމިޓީއަކުން އަންނަނީ ބަލަމުންނެވެ.