ރިޕޯޓް

އައްޑޫ މީހުން ރިޑި: ތަފިރިޔެ އައްޑޫ ކާފެއި، ބޯފެއު!

Jul 22, 2015
1

އައްޑޫ މީހުން ބުނަނީ މިހެންނެވެ. އެމީހުންގެ ގާތަށް އައިސްގެން އުޅެނީ އަމަށަކު ރުޅިއެއް ނޫނެވެ. އެހެންޏާ ފަހެ ސިޓީއެއްގެ ދަރަޖަ ބަޔަކު މީހުން "ސިޓީ އުރައަކަށް ލާފައި" ދިންތާ މާ ގިނަ ދުވަހެއް ނުވެ "މިނިވަން 50" އަށް ސަރުކާރުން އައްޑޫ ސިޓީ ލޫޓުވާލަން އުޅޭތީ އެވެ.

ކޮންމެއަކަސް ރުޅިއަރައިގެންފައި ތިބި އައްޑޫގެ ވަރަށް ގިނަ ބަޔަކު ބުނަމުން ދަނީ މިހެންނެވެ. ފޭސްބުކްގައި އެތައް ސަކޭތަ ބަޔަކު ލައިކް ޖަހަމުން މަލާމާތުގެ ރާގުގައި "މާލޭގެ ސަރުކާރަށް" އޭތި މީތިން ހަމަލާ ދިނުމަށް އައްޑޫ ކުދިންގެ ބަޔަކު ފޭސްބުކްގައި ހާއްސަ ޕޭޖެއް ހަދައިގެން އުޅެނީ ވެސް މި ސަބަބާ ހެދި އެވެ.

މި ގްރޫޕަކަށް ދީފައިވާ ނަމަކީ "އައްޑޫ އިން މާލެ ގިނޭއްވީ އެއްތެތީގެ ލިސްޓް" މިހެންނެވެ. މިއީ ލިސްޓެކެވެ. އައްޑޫ ސިޓީ އިން ކޮންމެހެން ހަދައިފައި ވެސް މިނިވަން 50 އަށް މާލެ ގެންދަން ޖެހޭ ކަމަށް އައްޑޫ މީހުންނަށް ފެންނަ އެއްޗެހީގެ ލިސްޓެކެވެ.

މި މަލާމާތުގެ ލިސްޓެއްގެ ވާހަކަ ނުލިޔެ ދޫކޮށްލާ ވަރަށް ވުރެ މަޖަލެވެ. އަދި އޭތި މި ވަނީ ނިކަން ރަނގަޅަށް އައްޑޫ މީހުންގެ ވައިގައި ހިފައިފަ އެވެ.

އެކަމަކު މި ގްރޫޕެއް މެދުވެރިކޮށް އައްޑޫ މީހުން "މާލޭގެ ސަރުކާރަށް" ހަދިޔާކުރަމުން ގެންދާ "މަލާމާތަށް" ބަލައިލުމުގެ ކުރިން ވެގެން އުޅެނީ ކީއްތޯ ބަލައިލަމާ ހިނގާށެވެ.

އައްޑު އަތޮޅުގެ ގިނަ ބަޔަކު ރުޅިއަރައިގެން ސަރުކާރާ ދިމާއަށް އަތް އުކަމުން އެ ގެންދަނީ އެމީހުންގެ ތަރައްގީއާ ގުޅިފައިވާ ގިނަ މުދާތަކެއް މިނިވަން 50 އަށް މާލެ އަށް ގެންދާ ކަމަށް ބުނެ އެވެ. އެގޮތުން މާލެ އަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން އެއް އިންޖީނު ހަލާކުވެ މިނިވަން 50 ގެ ކުލަ ބޮކި އެންމެ ރަނގަޅަށް ނުދިއްލިދާނެ ކަމުގެ ބިރު ހީވެފައި އޮތް ހިނދު އައްޑޫ ސިޓީގެ ދެ އިންޖީނު މާލެ އަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ އަޑު ވަނީ އަރައިފަ އެވެ.

މިއީ އައްޑޫގެ ރައްޔިތުން ރުޅިއަރައިގަނެގެން އުޅޭ އެއް ސަބަބެވެ. މީގެ އިތުރުން ކޮންވެންޝަން ސެންޓަރެކޭ ކިޔުނު އިމާރާތެއްގެ ތެރޭގައި ހުރި ގޮނޑިތަކެއް ވެސް މިނިވަން 50 ގެ ހަރަކާތަށް މާލެ ގެންނާތީ އައްޑޫ މީހުން ތިބީ ހިތްހަމަނުޖެހިފަ އެވެ.

އައްޑޫގައި ދިރިއުޅޭ މީހަކާ މި ދުވަސްކޮޅު ވާހަކަ ދައްކާލިޔަސް ފަޅައިގެން ދަނީ މީގެ ރުޅިވެރިކަމެވެ. މިނިވަން 50 އަށް ސަރުކާރުން އައްޑޫގެ ތަރައްގީ "ދޮވެ ހުސްކޮށްލަނީއޭ" ނުބުނާ މީހަކާ ދިމަލެއް ނުވެ އެވެ.

ފަހަރެއްގައި މާލެ އަށް އައްޑޫ ހިބަކޮށް ދިނުމަށް ފޭސްބުކްގައި ބަޔަކު މީހުން ގްރޫޕެއް ހަދައިގެން އުޅެނީ ވެސް މި ތުރާލެއްގެ ތެރެއިންނެވެ.

ކޮންމެއަކަސް އައްޑޫ މީހުންގެ މަލާމާތުގެ ކެމްޕޭން ވަރަށް ވެސް މަޖަލެވެ. އައްޑޫ އިން މާލެ ގެންދާނެ ތަކެތި މި ގްރޫޕްގައި ލިސްޓްކުރަމުންދާއިރު އެއް ފޮޓޯގަނޑުގައި ފެންނަނީ ހެލިކޮޕްޓަރެއްގައި ޖަހައިގެން އައްޑު އޮތޮޅު އޮތް ގޮތަށް މާލެ ގެންގޮސްދޭ މަންޒަރެވެ.

މީގެ އިތުރުން ނިކަން މީރު ކެއުމަކަށް ފަހު ހުސްކޮށްފައިވާ ތަށްޓެއް ދޮވުމުގެ ބަދަލުގައި ވެސް މީހަކު ބުނެލާފައި ވަނީ "މި ތަށި ވެސް ދެން މާލެ ގެންދަންވީ" ކަމަށެވެ.

"ކައި ނިމިގެން ތަށި ނެތް ދޮވެވޭކަށް. މާލެ އަށް ގެންދޭ މި ވެސް،" ފޮޓޯގަނޑު ޝެއާކުރި ފަރާތުން ބުނެފައިވެ އެވެ.

މި ގްރޫޕްގައި އައްޑޫ މީހުން ދަނީ މާލެ ފޮނުވަން ރަނގަޅު ކަމަށް ފެންނަ ކޮންމެ އެއްޗެއްގެ ވެސް ފޮޓޯ ޝެއާކުރަމުންނެވެ. އެގޮތުން އައްޑޫގެ ތަރައްގީއާ ގުޅިފައިވާ ތަކެއްޗާއި ތަންތަނުގެ ފޮޓޯތައް ގިނަކަން ފާހަގަކޮށްލެވެ އެވެ.

މަސް ދޯންޏާއި ބޭންކް އޮފް މޯލްޑިވްސްގެ ގޮފިތަކުގެ ފޮޓޯތަކުން ފެށިގެން ގޮސް ކަނޑުމަހާއި ވޭނާއި ޕިކަޕާއި ކާރުގެ އިތުރުން ކޮންވެންޝަން ސެންޓަރުގެ ހަލާކުވެފައިވާ ބޭރު ގޭޓްގެ ދޮރު ފަތް ފަދަ ތަކެތީގެ ފޮޓޯ ވެސް ގްރޫޕަށް ލައި "މާލެ އަށް ހަދިޔާކޮށްފައިވާ" މަންޒަރު ފެނެ އެވެ.

"އައްޑޫ މީހުން ކީއްކުރާ ބޭންކެއް. އައްޑޫ މީހުން ކީއްކުރާ މަސް ދޯންޏެއް. އައްޑޫ މީހުން ކީއްކުރާ އައްޑޫއެއް،" މިނިވަން 50 އަށް ޖޯކުޖަހައި ވީރާނާ50ގެ ނަމުގައި މި ގްރޫޕަށް ފޮޓޯ އަޅަމުން ގެންދަނީ މިފަދަ މަލާމާތުގެ ރާގުތަކުގަ އެވެ.

އައްޑޫ މީހުންގެ މެދުގައި މިނިވަން50 އާ ދިމާކޮށް މި ފޯރިގަނޑެއް ނުވަތަ ރުޅިގަނޑެއް އަރައިގެން އުޅޭއިރު ރައީސް އަބްދުﷲ ޔާމީނަށް ދިން ވޯޓް އަނބުރާ ހޯދަން އައްޑޫ މީހުން މާލެ އަރަން އުޅޭ އަޑުތަކެއް ވެސް އެހިސާބުން އެބައިވެ އެވެ. އައްޑޫ ދިއްލަން ބޮކިފަތި ނުދީގެން ވެސް ބޮޑާހާކާ ކަމުގެ ޚަބަރު ލިބެ އެވެ.

މިނިވަން50 ގެ ހަރަކާތްތަކާ ދިމާކޮށް އައްޑޫގައި ސަރުކާރާ ދެކޮޅު ހިޔާލުތަކެއް އެނބުރެމުންދާއިރު ފާހަގަކޮށްލަން ޖެހެނީ އައްޑޫ އަކީ އިދިކޮޅު އެމްޑީޕީގެ ބާރު އެންމެ ގަދަ އެއް ސަރަހައްދު ކަމެވެ. މި ސަބަބާ ހެދި އައްޑު އަށް މިނިވަން 50 ގެ ހަރަކާތްތައް ވެއްދުމަށް އައްޑޫގެ ކައުންސިލަރުންގެ މާ ބޮޑު އެއްބާރުލުމެއް ވެސް ނުލިބޭ ކަމަށް ބުނެވެ އެވެ.