މިދިޔަ އަންގާރަ ދުވަހު ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލި، އަދި ފުލުހުންނަށް ރިޕޯޓް ކުރުމުން ހޯދަމުން އަންނަ ކަމަށް ބުނެފައިވާ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްކަން ހާމަވެއްޖެ އެވެ.
ދަފުތަރު ނަންބަރު ރސ 2997 ޝާއިމް ގެއްލުނުތާ މިއަދަށް ފަސް ދުވަސްވެފައިވާ އިރު ފުލުހުން ވަނީ އެ ކުއްޖާގެ ދެ ފޮޓޯއެއް އާންމުކޮށް، އެ ކުއްޖާ ހޯދާ ކަމަށާއި އޭނާއާބެހޭ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހާ ހިއްސާ ކުރަން އެދިފަ އެވެ. އެނޫން އެހެން އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.
ނަމަވެސް އެ ކުއްޖާ ހޯދަން އަމުރުކޮށް ޖުވެނައިލް ކޯޓުން ނެރުނުން އަމުރެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ. އޭގައި ބުނާ ގޮތުން ޝައިމަކީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެކެވެ. ޝައިމަކީ މިދިއަ އަންގާރަ ދުވަހު ހެނދުނު 9:30 އެހާކަންހާއިރު ހިޔާއިން ފިލައިގެން ގޮސްފައިވާ ކުއްޖެއް ކަމަށް ވެސް އެ އަމުރުގައި ވެއެވެ.
ޝައިމްގެ މައްސަލާގައި ފުލުހުން ވެސް އިތުރު އެއްވެސް މައުލޫމާތެއް ނުދޭއިރު އާންމުކޮށް ކޮންމެ ދުވަހުކުހެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ބައިވެރިވެ ވަޑައިގަންވާ ހަރަކާތްތައް ގަވައިދުން ނޫސްތަކަށް ފޮނުވާ ޖެންޑާ މިނިސްޓްރީން ވެސް މިކަމާ ގުޅޭ ގޮތުން އަދި "އެއްކަރުދާސްކުރެވިފައިވާ ލިޔުމެ" އް އީމެއިލެއް ނުކުރެ އެވެ. އަދި ޓްވީޓެއް ވެސް ނުކުރެ އެވެ. އެ މިނިސްޓްރީގެ ވައިބާ ގްރޫޕްގައި ވެސް ހިއްސާކޮށްފައެއް ނުވެއެވެ. އެ ކުއްޖާގެ މައްސަލާގައި މިިނިސްޓްރީގެ ބަހެއް ހޯދަން މިނިސްޓްރީއަށް ގުޅުމުން ފޯނެއް ނުނަގަ އެވެ.
ރާއްޖޭގެ އެހެން ވަރަށް ގިނަ ނޫސްވެރިން ވެސް ޖެންޑާ މިނިސްޓްރީގެ މީޑިއާ ގްރޫޕާއި ފުލުހުންގެ ވައިބާ ގްރޫޕްގައި މި ކުޑަ ކުއްޖާގެ އަޕްޑޭޓަކީ ކޮބައިތޯ ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް މިހާތަން އެއިން އެއްވެސް ފަރާތަކުން ޖަވާބެއް ނުދެ އެވެ.
ހިޔާގައި ތިބޭ ކުދިން ރަނގަޅަށް ނުބަލަހައްޓާ ކަމުގެ ޝަކުވާތައް އޮންނަ އިރު އެތާނގައި ތިބޭ ބައެއް ކުދިން ފިލާ މައްސަލަ މީގެ ކުރިން އެކި ފަހަރުމަތީން ދިމާވެފައި ވެއެވެ.