މިދިޔަ އަންގާރަ ދުވަހު ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލުނު ޝައިމް އަބްދުﷲ ކުޑަކުދިންގެ ހިޔާއަށް ގެންދިޔައީ އެސެސްމެންޓެއް ހަދަން ކަމަށާއި އެ ކުއްޖާއަކީ ހިޔާގައި ދިރިއުޅޭ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން އެއްބަސްވެެ، ވާހަކަ ދައްކައިފި އެވެ.
ޖެންޑާއިން ޝައިމްއާ ގުޅޭ ގޮތުން ވާހަކަ ދެެއްކީ އެ ކުއްޖާ ގެއްލުނުތާ ފަސް ދުވަސް ފަހުން ނޫސްވެރިންގެ ހުއްޓާ ނުލައި އެ މިނިސްޓްރީގެ މީޑިއާ ގްރޫޕެއްގައި ސުވާލު ކުރަން ފެށުމުންނެވެ.
ޖެންޑާ މިނިސްޓްރީން މިރޭ ބުނީ، ޝައިމް އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވުމުން އޭނާ ބެހެއްޓީ ކުޑަކުދިންގެ ހިޔާ އިމާރާތުގައި ހުންނަ "އަމާން ހިޔާ" ގައި އެސެސްމެންޓު ތަކެއް ހަދަން ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.
ޖެންޑާއިން މިރޭ ވާހަކަ ދެއްކި އިރު އެ ކުއްޖާ ހޯދަން އަމުރުކޮށް ޖުވެނައިލް ކޯޓުން ނެރުނުން އަމުރެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ. އޭގައި ބުނާ ގޮތުން ޝައިމަކީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެކެވެ. ޝައިމަކީ މިދިއަ އަންގާރަ ދުވަހު ހެނދުނު 9:30 އެހާކަންހާއިރު ހިޔާއިން ފިލައިގެން ގޮސްފައިވާ ކުއްޖެއް ކަމަށް ވެސް އެ އަމުރުގައި އޮވެ އެވެ.