ރާޅު ގުޑި އިވެންޓް

ލޯތައް ގޮއިދޫގެ ހަގު ކައިޓް ސާފަރުންނަށް!

ކައިޓް ސާފުކުރުމަކީ ހަމައެކަނި ޒުވާނުންނަށް އޮތް ކަމެއް ނޫނެވެ. އުމުރުން ވަރަށް ހަގު ކުދިން ވެސް ކައިޓް ސާފު ކުރެއެވެ. ރާއްޖޭގެ ރަށްރަށުގައި ކައިޓް ސާފުކުރަން މިހާރު ވަރަށް ބޮޑު ފޯރިއެއްވެސް އޮވެއެވެ. އޭގެ ތެރެއިން ވެސް ބ. ގޮއިދޫ ވަރަށް ހާއްސަ އެވެ. އެއީ ކައިޓް ސާފަރުންގެ ރަށެވެ.

ރާޅުގުޑި ދެކުނު އުތުރަށް ކުރާ ދަތުރުގައި އިއްޔެ ވޯޓާސްޕޯޓްސްގެ މައި ރަށް، މާފުށިން މާލެއަށް ރާޅުގުޑި ކުރި ދަތުރުގައި ގޮއިދޫގެ ފުރާވަރުގެ ޓީމެއް ބައިވެރިވި އެވެ. އޭގެ ތެރޭގައި ގޮއިދޫ ސްކޫލްގައި ކިޔަވަމުން އަންނަ ހަތް ކުއްޖަކު ހިމެނެ އެވެ. އެ ޓީމްގައި އެންމެ ހަގަށް ހުރީ ގްރޭޑް ހައެއްގައި ކިޔަވާ 11 އަހަރުގެ މުހައްމަދު ޝުއާއު އެވެ.

މާފުށީގެ ގޮނޑުދޮށުގައި ހަށަން ބަނދެލައިގެން އެހެން މީހުންގެ ހަރަކާތްތައް ބަލަން ހުރި ޝުއާއުއަށް އޭރު އަދި ހިލަމެއް ނެތެވެ. އޭނާއަކީ އެކަން އިހްސާސް ކުރެވުނީ އެތަނަށް އެއްވެ ތިބި މީހުންނާއި ޓޫރިސްޓުންގެ ސަމާލުކަން ވެސް އޭނާއަށް ހުއްޓުނު ހިސާބުންނެވެ.

"ވަރަށް އުފާވޭ، ކައިޓްގައި ވަރަށް ދުރަށް ދާން ބޭނުމީ!" ވަރަށް ބަސް މަދު ޝުއާއު ބުނެލި އެވެ.

ޝުއާއު ކައިޓް ސާފުކުރަން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭނާއަކީ އަދި ކުޑަކުއްޖަކަށްވީ ނަމަވެސް މިހާރުވެސް ސްކޭޓް ކުރުމުގައި ޝުއާއުއަކީ ރަށުގައި ވަރަށް މޮޅު ކުއްޖެކެވެ. ސްކޭޓް ކުރަން މަޝްހޫރު ކުދިންކޮޅެއް އުޅޭ ގޮއިދޫގައި އޭނާއަކީ އެންމެ މަގުބޫލު އެއް މޫނެވެ.

ރާޅުގުޑިއާއެކު މާފުއްޓަށް އައި ގޮއިދޫ ޓީމްގެ ތެރޭގައި ޝުއާއުގެ ބައްޕަ އާއި އެ ރަށު ސްކޫލްގެ ޕްރިންސިޕަލް ވެސް ހިމެނެ އެވެ. އެހާ ދިގު ދަތުރަކަށް ޝުއާއު ފުރަން ތައްޔާރުވަމުން ދިޔައިރު އޭނާގެ ބައްޕަގެ ފަރާތުން ފަހުރުވެރިކަމުގެ އިހްސާސް ކުރެވޭތަން ފެންނަމުން ދިޔަ އެވެ. ދަރިފުޅުގެ ހުރިހާ ހަރަކާތެއް އޭނާ ގާތުން ބެލި އެވެ.

ސްކޫލްގެ ޕްރިންސިޕަލް ވެސް ވަނީ ޝުއާއުއަށް ވަރަށް ހިތްވަރު ދެެއްވާފަ އެވެ. ދަތުރުގައި ޝުއާއު ކަނޑަށް ނުކުތުމުގެ ކުރިން ހާސްނުވުމަށާއި ދަތުރު ކާމިޔާބު ވާނެ ކަމުގެ އުއްމީދު ޕްރިންސިޕަލް ދެއްވި އެވެ.

ޝުއާއުގެ އިތުރުން މި ދަތުރުގައި ދެން ބައިވެރިވި ރާއިފް ޝަނީޒް ވެސް ވެގެން ދިޔައީ މީހުންގެ ސަމާލުކަން ހޯދި ކުއްޖަކަށެވެ. ރާއިފަކީ ގޮއިދޫ ސްކޫލްގެ ގްރޭޑް ހަތެއްގައި ކިޔަވާ ކުއްޖެކެވެ. އޭނާގެ އުމުރުން 13 އަހަރެވެ.

ރާއިފް ބުނި ގޮތުގައި މާފުށިން މާލެއަށް ކައިޓް ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވާން ފުރުސަތު ލިބުމުން އުފާވި އެވެ.

ބޮޑު، ގަދަ ކަނޑެއްގައި ކައިޓް ސާފުކުރަމުން މާލެއާ ހަމައަށް ޝުއާއު އާއި ރާއިފަށް ނާދެވުނު ނަމަވެސް ދެ ކުދިން ވެސް ވަނީ ވަރަށް ދުރަށް ދަތުރުކޮށްފަ އެވެ. އެ އުމުރާ ބަލާފައި މާ ބޮޑަށް ވެސް ރަނގަޅެވެ. ބައެއް ޒުވާނުން އެތުލީޓުންނަށް ވެސް މާލެއާ ހަމައަށް ކައިޓްގައި ދަތުރު ކުރުންވޯ ވަރަށް އުނދަގޫ ކަމަކަށެވެ.

ޝުއާއު އާއި ރާއިފް، މާލެ އައުމުން ރަސްފަންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގެންނެވި އެވެ. ރައީސް ބޮޑު ސަމާލު ކަމެއް ދެއްވީ ވީވެސް ޝުއާއު އާއި ރާއިފެވެ. ދެ ކުދިންނާ ބައްދަލު ކުރައްވައި އެކީގައި ފޮޓޯ ނަންގަވައި ހިތްވަރު ދެއްވި އެވެ.

މި ދެ ކުދިންގެ އިތުރުން ދެން ގޮއިދޫ ސްކޫލުން މި ދަތުރުގައި ބައިވެރިވެފައިވަނީ ގްރޭޑް 10 ގައި ކިޔަވާ ހަސަން މާހިރާއި ހުސެއިން އަލޫފާއި ޔަމާން އަބްދުލްގައްޔޫމާއި ޝުރްހާން މާހިރާއި މައުމޫން ނިޔާޒެވެ. މި ކުދިން ވަނީ މީގެ ކުރިން ވިލިމާލެއިން މާފުއްޓަށް ކައިޓް ސާފުކުރުމުގެ ހަރަކާތެއްގައި ވެސް ބައިވެރިވެފަ އެވެ.

އޭގެ ތެރެއިން ހަސަން މާހިރަކީ މިހާރު މުޅި ރާއްޖެއަށް ހަންޓޭގެ ނަމުން ނަން މަޝްހޫރު އަދި ސިލިންގްޝޮޓްގެ ހަމައެކަނި ރާއްޖޭގެ އެމްބެސެޑާ ވެސްމެ އެވެ. އޭނާ ކުޅަދާނަކަން މީގެކުރިން އެތައް ތަނަކުން އެތައް އިވެންޓަކުން ވަނީ ފެނިފަ އެވެ.

އިއްޔެގެ ވެސް ހަންޓެގެ ކުޅަދާނަކަން ކަނޑުމަތީގައި އާއި ރަސްފަންނު ކައިރީގައި ވެސް ވަނީ ދައްކާލާފަ އެވެ. ހަންޓެއަކީ އާދައިގެ އެތުލީޓެއް ނޫންކަން ދަތުރު ނިންމާލި ބައިވެރިންގެ ތެރޭގައި އޭނާ ހިމެނުމުން ވެސް އެނގެ އެވެ. އެންމެ ގިނަ މީހުންގެ ލޯތައް އަމާޒުވީ އޭނާއަށެވެ.