ރާޅުގުޑި "ދެކުނުން އުތުރަށް" ރާޅުގުޑި ހަރަކާތުގެ ކްރޫއިން ދަތުރުކުރާ ލޯންޗުގައި އަހަރެމެން މާފުށިން މާލެއަށް ދަތުރު ކުރަމުން ދަނިކޮށް ފެނުނީ މަދުން ނޫނީ ނުފެންނާނެ ހިތް ދަމައިގަންނަ ފަދަ މަންޒަރެކެެވެ. ބިޔަ ކަނޑުގެ ތެރޭގައި އެކީއެކުގައި ކައިޓްގައި ސާފުކުރަމުން އެ ދަނީ ދެބަފައިންނެވެ.
އެއީ ދެކުނުން އުތުރަށް ކައިޓް ސާފުކުރާ ހަތަރު އެތުލީޓުންގެ ތެރޭގައި ހިމެނޭ އާސިމް މުހައްމަދު (ސިންބެ) އާއި އޭނާގެ ފިރިހެން ދަރިފުޅު އަލްޔަޝާއު (އެލް) އެވެ.
މާފުށީގައި އެންމެ ފުޅާ ގޮތެއްގައި ވޯޓާސްޕޯޓްސްގެ ހިދުމަތް ފޯރުކޮށްދޭ "މާފުށީ ޑައިވް" ގެ ވެރިޔާ ސިންބެއަކީ އަބަދުވެސް މޫދުގެ މީހެކެވެ. އަމިއްލަ މަސައްކަތުން ގިނަ މޫދު ކުޅިވަރުތަކެއް ދަސްކޮށްފައިވާ ސިންބެ ދަނީ އޭނާގެ 14 އަހަރުގެ ދަރިފުޅަށް މޫދުގެ ކުޅިވަރުތައް ދަސްކޮށް ދެމުންނެވެ.
ބައްޕަގެ ފަހަތުން ކައިޓް ސާފުކުރުމުގެ ޝައުގުވެރިކަމާއެކު އެލް މޫދަށް ފައިބާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އަދި އަހަރެއް ވެސް ނުވެ އެވެ. އެކަމަކު، އޭނާއަކީ މިހާރު ބައްޕައެކޭ އެއްގޮތަށް ކުޅަދާނަކަމާއެކު ކައިޓް އަރުވާލައި ސާފުކުރަން ދަންނަ ކުއްޖެކެވެ.
މީގެ ކުރިން ވެސް ސިންބެ ދަރިފުޅާއެކު ކައިޓް ސާފުކުރި ނަމަވެސް އިއްޔެގެ ދަތުރަކީ އޭނާ ވަރަށް ފަހުވެރިވާ ދަތުރެކެވެ. އެ ދަތުރު ދަރިފުޅާއެކު ކުރަން ލިބުމަކީ އޭނާ އެންމެ އުފާވިކަން ކަމަށް ސިންބެ ބުންޏެވެ.
މާފުށިން މާލެއަށް 30 އަށްވުރެ ކައިޓް ސާފަރުންނާއެކު ދަތުރުކުރި އެލް ވެސް ވަނީ ވަރަށް ދުރަށް ގޮސްފަ އެވެ. މާލޭ ރަސްފަންނާ ހަމައަށް ވައި ހުރި ގޮތުން އެލްއަށް ފޯރާން އުނދަގޫވީ ނަމަވެސް އޭނާ ވަނީ ސިނަމާލެ ބްރިޖާ ހަމައަށް ކައިޓްގައި ސާފުކޮށްފަ އެވެ. އެއީ އެލްއަށް ސާބަސް ދޭވަރުގެ ދިގު ދަތުރެކެވެ.
ކްރޫއިން ތިބި ލޯންޗު، ދެބަފައިންނާ ހަމަށް ފޯރިއިރު އެލްގެ މަންމަ އައިޝާ އަދި ކޮއްކޮ ވެސް ލޯންޗުގައި ތިއްބެވެ. އެ މަންޒަރުވީ އައިޝާއަށް ވެސް ވަރަށް އުފާވެރި މަންޒަރަކަށެވެ. އެކި ގޮތްގޮތަށް އެ މަންޒަރު އޭނާގެ ފޯނުގައި ރައްކާކޮށް، ދެބައިފައިންނަށް ހިތްވަރާއި ސާބަސް ދިނެވެ.