ހަބަރު

ޝައިމް ހޯދަން ތިން ގެއެއް ބަލާ ފާސްކޮށްފި

މިދިޔަ އަންގާރަ ދުވަހު ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލުނު ޝައިމް އަބްދުﷲ ހޯދަން ތިން ގެއެއް މިހާތަނަށް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ ޝައިމް ހޯދަން ތިން ގެއެއް ބަލާ ފާސްކޮށްފައިވާއިރު ސީސީޓީވީ ފްޓޭޖްތައް ވެސް ބަލާފައިވާ ކަމަށެވެ. މިހާރު ވެސް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުންޏެވެ.

ފުލުހުން މީގެކުރިން ވަނީ ޝައިމްގެ ދެ ފޮޓޯއެއް އާންމުކޮށް އޭނާ ހޯދަން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރީ ޝައިމްއަކީ ކުޑަކުދިންގެ ހިޔާއިން ގެއްލުނު ކުއްޖެއްކަން މިރޭ މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއެކު އެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ޖެންޑާ މިނިސްޓްރީން ވެސް މިރޭ ވަނީ ވާހަކަ ދައްކައި އޭނާ ގެއްލުނީ ހިޔާއިން ކަމަށް އެއްބަސްވެފަ އެވެ. ޖެންޑާއިން ބުނީ ޝައިމް ގެއްލުނީ އެސެސްމެންޓުތަކެއް ހަދަން ކުޑަކުދިންގެ ހިޔާއަށް ގެނެސް ވަގުތީ ގޮތުން އޭނާ އަތުގައި ބަހައްޓާފައި ހުއްޓަ ކަމަށެވެ.