ހަބަރު

ޝައިމް ގެއްލުނު މައްސަލާގައި ޖެންޑާ މިނިސްޓްރީ ވަނީ އިހުމާލުވެފައި: ޕީއެންސީ

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ މައްސަލައިގައި ޖެންޑާ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީން ބުނެފި އެވެ.

ޝައިމް ގެއްލުނު މައްސަލައާ ގުޅިގެން ކޮންގްރެސް ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ގެއްލިގެން ހޯދާތާ ފަސް ދުވަސް ވެފައިވާއިރު އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާތީ އެ ޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

މި ކުއްޖާ ގެއްލިގެން ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާންކޮށް މައުލޫމާތު ހޯދުމަށް އެދުނުއިރު މި ކުއްޖާއަކީ ކޮންތާކު ދިރިއުޅޭ ކޮންގެއެއްގެ ކޮން ރަށެއްގެ ކުއްޖެއްކަން ހާމަކޮށްފައެއް ނުވާ ކަމާށާއި މި ކުއްޖާއަކީ ކުޑަކުދިންގެ ހިޔާއިން ގެއްލިގެން އުޅޭ ކުއްޖެއް ކަމުގެ ޑޮކިއުމެންޓްތަކެއް އާންމުވެފައިވާއިރު މި ކަމުގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައިވާކަން ހާމަވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ކޮންގްރެސް ޕާޓީން ބުނި ގޮތުގައި މިފަދަ ކަންކަން ހިނގަމުން މި ދަނީ ސަރުކާރުގެ އެއްވެސް ހަރުދަނާކަމެއް ނެތް ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންނެވެ. އަދި މި ކަމުގައި ޖެންޑާ މިނިސްޓްރީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަން އެ ޕާޓީން ބުންޏެވެ.

"ކުޑަކުދިންގެ ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ތަނަކަށް ވުމާއި އެ ތަނަކީ އެ ކުދިންނަށް ސަލާމަތްތެރި، ރައްކާތެރި ތަނަކަށް ހެދުމާއި އެ ކުދިންގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމާއި މި ކަންކަން އެންމެ ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީއަށެވެ. ވުމާއެކު މިކަމާ ގުޅޭ ސައްހަ މައުލޫމާތު އޮޅުވާ ނުލައި ރައްޔިތުންނަށް ހާމަކުރަން މި ޕާޓީން ގޮވާލަމެވެ." ކޮންގްރެސް ޕާޓީގެ ބަޔާނުގައިވެ އެވެ.

ޖެންޑާ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރަކީ މީގެ ކުރިން ވެސް ވ. ރަކީދޫން އިން ވަރަށް އިހާނެތިކޮށް މަރާލެވުނު އިބްތިހާލްގެ މައްސަލައިގައި ވެސް އިހުމާލުވި ފަރާތެެއް ކަމަށް ކޮންގްރެސް ޕާޓީން ބުންޏެވެ. އެއިރު ޝިދާތާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރެއްގެ މަގާމުގަ އެވެ. އެ ފަރާތަކަށް ޖެންޑާ މިނިސްޓްރީ ފަދަ މުހިއްމު ވުޒާރާއެއް ޒިންމާދާރުކަމާއެކު ހިންގިދާނެ ކަމަށް މި ޕާޓީއަށް ގަބޫލެއް ނުކުރެވޭ ކަމަށް ކޮންގްރެސް ޕާޓީން ބުންޏެވެ.

މި ކަމުގައި ފުރިހަމަ ތަހުގީގެއް ހިންގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ކޮންގްރެސް ޕާޓީން ސަރުކާރަށް ގޮވާލި އެވެ. އަދި މިފަދަ ހާދިސާތައް ހިނގުމުން މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ފޮރުވާ އޮޅުވާލުމަކީ ރައްޔިތުންނާމެދު އިހާނެތްތެރިވުން ކަން ފާހަގަކޮށް މި ސަރުކާރުގެ މިފަދަ އަމަލުތައް އެ ޕާޓީން ކުށްވެރި ކުރަމެވެ.

ޝައިމް ގެއްލިގެން ހޯދަން އިއުލާން ކުރިއިރު، އޭނާއަކީ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަން ހާމައެއް ނުކުރެ އެވެ. އެކަން ހާމަވީ ސޯޝަލް މީޑިއާގައި ދައުރުވި ޖުވެނައިލް ކޯޓުގެ އަމުރެއްގައި ގެއްލިގެން ހޯދަމުން ދަނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެއް ކަމަށް އޮތުމުންނެވެ. ޝައިމަކީ މިދިޔަ އަންގާރަ ދުވަހު ހިޔާއިން ފިލައިގެން ގޮސްފައިވާ ކުއްޖެއް ކަމަށް ވެސް އެ އަމުރުގައި އޮވެ އެވެ.

ޝައިމް އާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން ރަސްމީ ބަހެއް ބުނީ، ޖުވެނައިލް ކޯޓުގެ އަމުރާ ގުޅޭ ގޮތުން ނޫސްވެރިން އެ މިނިސްޓްރީގެ ގްރޫޕްގައި ސުވާލުތައް އަމާޒު ކުރުމުންނެވެ.