ހަބަރު

ލުތުފީ ފިލައިގެން އުޅެނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި: އުމަރު

Jun 24, 2019
16

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ތެރޭގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވި އިރު އޭނާގެ ހޯމް މިނިސްޓަރު ކަމުގެ ދުވަސްވަރުގައި ވަނީ ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނެވޭ ފަދަ މައުލޫމާތެއް ދޭ މީހަކަށް 10،000 ޑޮލަރު (154،200 ރުފިޔާ) އިނާމެއް ދޭން ނިންމައިފަ އެވެ. ނަމަވެސް އެ ދުވަސްވަރު އެފަދަ އެއްވެސް މައުލޫމާތެއް އެނގޭ ކަމެއް ވިދާޅެއް ނުވެ އެވެ.

ލުތުފީއާ ބެހޭ މައުލޫމާތު އެނގޭ މީހަކަށް 10،000 ޑޮލަރު ދޭން ނިންމި ހަބަރު ރީ ޓުވީޓު ކުރައްވަމުން އުމަރު ރޭ ވިދާޅުވީ ލުތުފީ ފިލާ ހުރީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ތެރޭގައި ކަމަށެވެ.

އުމަރު ކުރެއްވި ޓްވީޓު

ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި މައްސަލަ ލުތުފީގެ މައްޗަށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނިކޮށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާ ބޭސްފަރުވާއަށް ލަންކާއަށް ފޮނުވައިލި އެވެ. އޭގެ ފަހުން އަނބުރާ ނާދެ އެވެ.

ކޮންމެ ސަރުކާރަކުން ވެސް ލުތުފީ ގެނައުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވެ އެވެ. ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމްގައި ހުންނަވައިގެން އަހުމަދު އަޒްލީން ވެސް ވިދާޅުވެފައި ވަނީ ލުތުފީ ވަރަށް އަވަހަށް ގެންނާނެ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ލުތުފީއާ ބެހޭ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރު ކުރުމަށް ހުށަހަޅައިފަ އެވެ.