ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތަކީ ޗަރުކޭހަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުވަސްތަކެއް ކުރިން އެތައް ދަތިތަކެއް ތަހަމައްލު ކުރުމާއެކު ސިޔާސީ ޕާޓީތަކެއް ގުޅިގެން ކުރި މަސައްކަތަކީ ރައްޔިތުންނަށް ހަމަހަމަ އިންސާފުވެރި މުޖުތަމައެއް އުފައްދަން ކުރި މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ކުރީ ވަކި ބަޔަކު ބާރުގައި ތިބެން ނޫން ކަމަށާއި އަދި ވަކި ވަގުތަކަށް ވެސް ނޫން ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
"މި ކަމުގައި މުހިއްމީ ބާރުގައި ތިބީ ކޮން ބައެއްތޯއެއް ނޫން. ކިހާ ދުވަސްވަރަކަށްތޯއެއް ވެސް ނޫން. މުހިއްމީ އަޅުގަނޑުމެންވީ ވައުދުތަކަށް އަޅުގަނޑުމެންގެ ތެރެއިން އިހުލާސްތެރިކަން އޮތީ ކޮން ބައެއްތޯ. ޖުޑިޝަރީ ރިފޯމަކީ ސާކަސްއަކަށް ވެގެން ނުވާނެ." ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި އިނގިރޭސިވިލާތުގައި އަރުވާލެވިގެން ތިބެ އުފެއްދި އިއްތިހާދުގެ އިސްވެރިންނާކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވައި ޖަމީލު ކުރެއްވި ޓްވީޓެއްގައި އެވެ. އެ އިއްތިހާދުގެ ލީޑަރަކީ ވެސް އޭނާ އެވެ.
ދައުލަތުގެ ބާރުތަކުގެ ޒިންމާތަކާ ހަވާލުވެފައިވާ ފަރާތްތަކުގެ ވާހަކަތައް ދައްކާއިރު، ޖަވާބުދާރީވާން ޖެހޭނީ ދައުލަތުގެ އެއް ބާރެާ ހަވާލުވެ ތިބި ފަރާތްތައް ނޫން ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޝަރުއީ ބާރެކޭ އެއްފަދައިން ވެރިކަމުގެ ބާރާއި ގާނޫނު ހަދާ ބާރުގެ ޒިންމާތަކާ ހަވާލުވެ ތިބި ފަރާތްތަކުން ވެސް މަސައްކަތް ކުރަން ވާނީ އެއް ހަމަތަކަކާއި އުސޫލުތަކެއްގެ މައްޗަށް ކަމަށެވެ.
"އެހެން ނޫން ނަމަ އެ ކުރެވެނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކުރާ މަސައްކަތަކަށް." ޖަމީލު ވިދާޅުވި އެވެ.
ޖޭއެސްސީން ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ޖަމީލު ގެންދަވަނީ އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. ޑީޑީ ޖަވާބުދާރީ ކުރުވުމެއް ނެތި ޖޭއެސްސީން އޭނާއާ މެދު ފިޔަވަޅު އެޅުމުން ޖަމީލު ވަނީ ޖޭއެސްސީއަށާއި ޖޭއެސްސީގެ ނިންމުން ދިފާއު ކުރި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.