ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ލުުމުން ނިޒާމް މުޅިން ސިޔާސީވީ: ޖަމީލް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލު ކުރުމަކީ މުޅި ޝަރުއީ ނިޒާމު ސިޔާސީކޮށްލަން އަޅާ ފަހު ފިޔަވަޅު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ޖޭއެސްސީގެ ގާނޫނަށް ބަދަލުތަކެއް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ގެންދިއުމާއި ޖޭއެސްސީގެ މެންބަރަކަށްވުމުގެ ހަގު އުމުރު މަތިކުރުމުގެ އިތުރަށް ޖޭއެސްސީގެ މެންބަރުން ކޯޓުތަކުގައި ވަކާލާތު ކުރުން ހިމެނެ އެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރު ކަން ވެސް ކުރެއްވި ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭއެސްސީ އެކުލެވިގެން ވަނީ ސިޔާސީ ބޭފުޅުންތަކެއް ވެސް ހިމެނޭ ގޮތަށް ކަމަށްވީއިރު، ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ގެންދިޔުމަކީ މުޅި ޝަރުއީ ނިޒާމު ސިޔާސީ ކޮށްލުމުގެ ފަހު ފިޔަވަޅު ކަމަށެވެ. އެފަދަ ފިޔަވަޅެއްގެ ސަބަބުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި ޖުޑިޝަރީ އިސްލާހު ކުރަން ކުރެވޭ މަސައްކަތަށް އަންނަ ގޮންޖެހުމެއް ކަމަށެވެ.

"ޖުޑިޝަރީ އިސްލާހު ކުރަން މިއަށްވުރެ [ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ގެންދިއުމަށް] މާ މުހިއްމު މަސައްކަތް އެބައޮތް. އެންމެ މުހިއްމު އެއް ކަމަކީ [ސިޔާސީ މީހުން ހިމެނޭ] ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލު ކުރުން." ޖަމީލު ވިދާޅުވި އެވެ.

ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ފާޑުވިދާޅުވެ ޖަމީލު ކުރެއްވި ޓްވީޓް

ޖުޑިޝަރީ އިސްލާހު ކުރުމުގެ ގޮތުން ކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހުށަހަޅާ ކަންކަމަށް ޖަމީލު ވަނީ މީގެ ކުރިން ވެސް ފާޑުވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވެސް ހިމެނޭ ޖޭއެސްސީގެ ނިންމުންތަކަށް ވެސް ޖަމީލު ވަނީ ފާޑުވިދާޅުވެފަ އެވެ. ޖަމީލު ގެންދަވަނީ ޖޭއެސްސީން ފިޔަވަޅު އަޅައި މައްސަލަ ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުކަން ވެސް ކުރައްވަމުންނެވެ.