ހަބަރު

ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހާ ކޮބާ؟

Jun 24, 2019
8

ފަހަކަށް އައިސް ރާއްޖޭގައި ވަނީ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭ އެކަނިވެސް ޖިންސީ ގޯނާއި އާއި ފުރައްސާރަގައި ގިނަ މައްސަލަތަކެއް ފެންމަތިވެގެން އައިސްފައި ވެއެވެ. އަދި އެފަދަ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް ފުލުހުން ދިޔައީ ބުނަމުން ދިޔައިރު ތުހުމަތަށް ބައެއް މީހުން ހައްޔަރުވެސް ކުރި އެވެ.

މިފަހުން ފެންމަތިވި އެއް މައްސަލައަކީ ދެބައި އުމުރުގެ މީހަކު މާލޭގައި ޒުވާން އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެކެވެ. އެ އަންހެން މީހާއަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގެ ވާހަކަ އާއި ފޮޓޯ ހިމެނޭ ގޮތަށް ވިޑިއޯ އޭނާ ފުރަތަމަ ދޫކޮށްލީ ޓްވިޓާއަށެވެ. އޭނާއަށް ފުރައްސާރަކުރީ މާލޭގެ އޭޑީކޭ ކައިރިންނެވެ. އެ މީހާ ޖިންސީ ފުރައްސާރަ ކުރަމުން މަޝްހޫރު ސްކޫޕާ ހަމައަށް ދިޔަ ކަމަށް ވެއެވެ.

އެމީހާއަކީ މީގެ ކުރިންވެސް މަގުމަތިން އަންހެން ކުދިންނާއި ބެހި ފުރައްސާރަ ކުރާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި އެމީހާ މީގެ ކުރިންވެސް އެފަދަ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެ މައްސަލަ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަންފެށި އެވެ. އެ މައްސަލައަށް މާގިނަ ދުވަހެއް ނުނަގަ އެވެ. އެމީހާ ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިިރު ވަނީ އެމީހާގެ ފަރާތުން މީގެ ކުރިން އެފަދަ ކަމެއް ކުރިމަތިވެފައިވާ ފަރާތެއް ވާނަމަ އެކަން ހިއްސާ ކުރުމަށް ވެސް އެދިފަ އެވެ. އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދިޔަ އެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވަން ފުލުހުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އެ މައްސަލަ ނުހިނދި އުޅެނިކޮށް އިތުރު މައްސަލައެއް ފެންމަތިވެގެންދިޔަ އެވެ. މި ފަހަރު ފުރައްސާކުރީ އައްޑު އަތޮޅުން މާލެ އައި މޯލްޑިވިއަންގެ ފްލައިޓެއްގައި ދަތުރުކުރި ދިވެހި އަންހެނަކަށެވެ. އޭނާއަށް ފްލައިޓްގެ ތެރޭގައި ޖިންސާ ފުރައްސާރަކުރީ ރާއްޖޭގައި އިންޑިއާ މީހެކެވެ.

ފްލައިޓްގައި އަންހެން މީހާއަށް އިންޑިއާ މީހާ ފުރައްސާރަކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ހާދިސާ މެދުވެރިވި އަންހެން ކުއްޖާ އޭރު "އަވަސް" އާ އެކަން ހިއްސާކުރި އެވެ. އަދި އެނާ ވެސް ވީޑިއޯއެއް ސޯޝަލް މީޑިއާ ހިއްސާކުރި އެވެ.

އޭނާ އޭރު ބުނި ގޮތުގައި ބިދޭސީ މީހާ އިނީ އޭނާގެ ކުރިމަތީ އިން ސީޓްގަ އެވެ. އެންމެ ފުރަތަމަ ފަހަތަށް އެނބުރި ބަލަން ފެށީ އެވެ. އިރުކޮޅަކުން އޭނާގެ ދަބަހުން ބުރާއެއް ނަގައި ސީޓްގެ އަތްގަނޑު މަތިން ދެއްކީ އެވެ.

ފަހުން އަތުގެ އިނގިލިތަކާއި އަތުން އެކި ގޮތްގޮތަށް ޖިންސީ އިޝާރާތްކޮށް ދޫ ނެރެ ހެދި އެވެ. އަދި ފަހުން ފޯން ނަގައި އެ ފޯނުގައި ހުރި އަންހެނެއްގެ ނިވާކަން ކުޑަ ފޮޓޯތަކެއް ޒޫމްކޮށްފައި ދެއްކި އެވެ. އެވ ފްލައިޓް ވީއައިއޭއަށް ލޭންޑް ކުރަންދެން އޭނާގެ އަމަލުތަައް ހުރީ އެގޮތަށެވެ.

ފްލައިޓް ޖެއްސުމާއެކު ކުރޫއިންގެ ސަމާލުކަށް އެކަން އޭނާ ގެނައެވެ. އަދި ފްލައިޓުން ފޭބުމަށްފަހު ފުލުހުންނަށް ވެސް އެ މައްސަލަ ހުށަހެޅި އެވެ.

އެއަންހެން ކުއްޖާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަަތު ކުރަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަނީސް މަރިއަމަތިއަސް އަށެވެ. އޭނާއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގދ. ތިނަދޫ ކެމްޕަސްގަައި ފާމަސީ ކޯހެއްގެ ފުލްޓައިމް ލެކްޗަރާ އެކެވެ. އެމީހާ ވަނީ މިހާރު ވަޒީފާއިން ވަކިކޮށްފަ އެވެ.

އެ ހާދިސާއަށް ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް ފުލުހުން އެމީހާ ހައްޔަރު ކޮށްފައެއް ނުވެ އެވެ. އަދިވެސް އެ މައްސަލަ ދަނީ ފުލުހުން ތަހުގީގް ކުރަމުންނެވެ. ނަމަވެސް ކުރީގެ މައްސަލަ ބެލިގޮތަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދޭ ހެއްޔެވެ؟ އެއްވެސް ފިޔަވަޅެއް އެޅިގެން ނުދަނީ ކީއްވެ ހެއްޔެވެ؟

އެ މައްސަލައާ ގުޅިގެން ފުލުހުން މާބޮޑު ވާހަކަތަކެއް ދައްކާތަނެއް ވެސް ނުފެނެ އެވެ. އަދި އެމީހާގެ ފަރާތުން ފުރައްސާރަ ކުރިމަވި އެހެން ކުދިން ވެސް ތިބި ކަމަށް އެ އަންހެން ކުއްޖާގެ ފަރާތުން އެނގިފައިވާއިރު، އެފަދަ މައުލޫމާތު ހިއްސާކުރަން ވެސް ފުލުހުން މި މައްސަލާގައި ބާރު އަޅާފައިވާތަނެއްވެސް ފެނިގެނެއް ނުދެ އެވެ.

އެމީހާ މިހާރު ރާއްޖޭގައި ހުރިކަމެއް ވެސް ސާފެއްނުވެ އެވެ. އެމީހާ ހުރީ ދޫކޮށްލާފަ އެވެ. ފުލުހުން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރު، އެމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމެއްވެސް ސާފެއްނުވެ އެވެ.

މައްސަލަ ހިނގާ ދިޔަގޮތް ވަރަށް ސާފުކޮށް އަންހެން ކުއްޖާ ފޭސްބުކްއަށް ލާފައިވާ ޕޯސްޓުން ފެނިގެންދެއެވެ. ނަމަވެސް މިހާތަނަށްވެސް އެމައްސަލާގައި ތުހުމަތުވާ މީހާ ހައްޔަރުކޮށްފައިނުވާތީ ގިނަ ބަޔަކު ސުވާލު ކުރަމުންދެ އެވެ. ދިވެއްސަކު އަންހެން ކުއްޖަކާ މަގުމަތިން ފުރައްސާރަކުރި މައްސަލާގައި އެމީހާ ހައްޔަރުކޮށް ބަންދުކޮށްފައިވާއިރު، އިންޑިއާ މީހާ ހައްޔަރު ނުކޮށް މިހާބޮަޑަށް ލަސްވާން ޖެހެނީ ކީއްވެ ކަމެއް ނޭނގެ އެވެ. އެކަމަކު މި ދެ މައްސަލާގައި މާބޮޑު ތަފާތެއް ހުރި ކަމަކަށް ނުފެނެ އެވެ.