ހަބަރު

އައިޔޫއެމް ހަދަންވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް: މެންބަރުން

ދައުލަތުގެ ދެ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫމް) އެއްކޮށްލައި އައިޔޫއެމަކީ ގައުމީ ޔުނިވާސިޓީގެ ފުރާޅުގެ ދަށުގައި ހިނގާ ފެކަލްޓީއަކަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އައިޔޫއެމް އުފެއްދި އެވެ. އަދި ގައުމީ ޔުނިވާސިޓީގެ ކައުންސިލްގެ 12 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނަކީ ސީދާ ރައީސް އައްޔަން ކުރާ މެންބަރުން ގޮތަށް ގައުމީ ޔުނިވާސިޓީގެ ގާނޫނު ބަދަލު ކުރި އެވެ.

ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ އެ ގާނޫނު އިސްލާހުކޮށް، ޔުނިވާސިޓީގެ ކައުންސިލަށް ރައީސް އައްޔަން ކުރާ މެންބަރުން މަދުވާ ގޮތަށް ކައުންސިލްގެ އެކުލެވުން ބަދަލު ކުރަން ހުށަހަޅުއްވާފަ އެވެ.

މި ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އެ އިސްލާހަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރެއިން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީ އެއް ޔުނިވާސިޓީއަކަށް ބަދަލު ކުރަން ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީ ސަރުކާރުން ހިންގާ ކޮންމެ ޔުނިވާސިޓީއެއްގައި ވެސް އިސްކަމެއް ދޭނީ އިސްލާމީ އިލްމަށް ކަމަށް އެ މެންބަރުންގެ ވާހަކަތަކުގައި ފާހަގަ ކުރެއްވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ގައުމީ ޔުނިވާސިޓީއަކީ ވެސް އިސްލާމިކް ޔުނިވާސިޓީއެއް ކަމަށެވެ. އެހެންކަމުން ވަކިން އިސްލާމިކް ޔުނިވާސިޓީއެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އިސްލާމިކް ޔުނިވާސިޓީއާއި ގައުމީ ޔުނިވާސިޓީ އެއްކޮށްލައި އެއް ފުރާޅެއްގެ ދަށަށް ގެންދަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއް ޔުނިވާސިޓީއެއް މި ވަގުތު ބަހައްޓައިގެން ފުރިހަމަ ރަނގަޅު ކޮލިޓީ ތައުލީމެއް ދެވޭނީ. އިސްލާމިކް ޔުނިވާސިޓީ ނުކީއެއް ކަމަކު މި ރާއްޖޭގައި ހުންނާނީ އިސްލާމިކް ޔުނިވާސިޓީ. އަޅުގަނޑު ދެކޭ ގޮތުގައި އިސްލާމީ ތައުލީމު ފުރިހަމަ ގޮތުގައި ދެވޭނެ ފެކަލްޓީއެއް ޔުނިވާސިޓީގައި ބެހެއްޓިދާނެ،" އިންތި ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގެ ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީއަކީ ސަރުކާރުން ހިންގާ ދެ ޔުނިވާސިޓީއަކަށްވީއިރު، ދެ ޔުނިވާސިޓީން ވެސް ކުރަމުން ދަނީ ދާދި އެއް މަސައްކަތެއް ކަމަށެވެ. އެހެންކަމުން ދެ ޔުނިވާސިޓީ އެއް ފުރާޅެއްގެ ދަށަށް ގެންދިއުމުން ރަނގަޅުވާނެ ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ޔުނިވާސިޓީތަކުގައި ފަހަކަށް އައިސް ފާހަގަ ކުރެވޭ އެއް މައްސަލައަކީ ތަގުރީރުތަކުގައި ދަރިވަރުން ކުރާ ސުވާލުތައް މަދުވުން ކަމަށެވެ. ނަމަވެސް އިސްލާމީ މާއްދާތަކުގެ ތަގުރީރުތަކުގައި ދަރިވަރުން ކުރާ ސުވާލުތައް ގިނަ ކަމަށް އަލީ ވިދާޅުވި އެވެ.

ޔުނިވާސިޓީތަކުގެ ތެރެއިން އިސްލާމް ދީނާ ގުޅޭ ގޮތުން މީހުން ދައްކާ ވާހަކަތަކަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވި، އިސްލާމީ އިލްމު ފުޅާ ދާއިރާއެއްގައި ދެވެން އޮތީ ގައުމީ ޔުނިވާސިޓީގައި އެފަދަ ޕްރޮގްރާމްތައް ފުޅާ ކުރުމުން ކަމަށް އަލީ ވިދާޅުވި އެވެ.

"ގައުމީ ޔުނިވާސިޓީގެ ދަށަށް، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އިސްލާމިކް ޔުނިވާސިޓީ ގެނެވިގެން ނޫނީ އަޅުގަނޑުމެން މި ދާން ބޭނުންވާ މިސްރާބަކަށް ނުދެވޭނެ." އަލީ ހުސައިން ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ދުނިޔޭގައި އަމަލު ކުރަމުންދާ އެންމެ ރަނގަޅު އުސޫލަކީ ވަކި މާއްދާތަކަށް ޔުނިވާސިޓީއެއްގައި ވަކި ފެކަލްޓީތަކެއް ގާއިމު ކުރުން ކަމަށާއި ވަކި މާއްދާއަކަށް ވަކި ކޮލެޖެއް ނުވަތަ ވަކި ޔުނިވާސިޓީއެއް އޮންނަން ނުޖެހޭ ކަމަށެވެ. ހިސާން ވިދާޅުވީ ގައުމީ ޔުނިވާސިޓީގައި އިސްލާމިކް ފެކަލްޓީއެއް ތަރައްގީކޮށް އެ ފެކަލްޓީގެ ޕްރޮގްރާމްތައް ފުޅާކޮށް ހިންގުމުން އިސްލާމީ އިލްމު މާ ހަރުދަނާކޮށް ދެވޭނެ ކަމަށެވެ.

މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ވެސް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ކޮންމެހެން އިސްލާމީ ދިނުމަށްޓަކައި ވަކި ޔުނިވާސިޓީއެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ގޮތުން އިސްލާމިކް ޔުނިވާސިޓީގެ މަސައްކަތާއި މެންޑޭޓްތައް ގައުމީ ޔުނިވާސިޓީގެ ދަށަށް ގެންގޮސް އެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

ނަމަވެސް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ޔުނިވާސިޓީތަކުގެ ހިންގުން ބަދަލު ކުރަން ޖެހޭނަމަ އެ ކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ހިންގުން ހަރުދަނާ ކުރާ ފަދައިން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އިސްލާމީ ޔުނިވާސިޓީއެއް ވެސްް އޮންނަން ޖެހޭނެ ކަމަށެވެ. އެއީ އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އޭނާ ތާއީދު ކުރައްވަނީ އިސްލާމިކް ޔުނިވާސިޓީގެ އިތުރު ކެމްޕަސްތަކެއް ވެސް އަތޮޅުތެރޭގެ ރަށްތަކުގައި ގާއިމު ކުރުމަށެވެ. އެ ގޮތުން ދީނީ ގޮތުން ހަރުކަށި ފިކުރުތައް އާންމުވެފައި ދުވަސްވަރެއްގައި އިސްލާމީ އިލްމު ފެތުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކަމަށްޓަކައި އިސްލާމިކް ޔުނިވާސިޓީއެއް އޮވެ އޭގެ އިލްމުތައް ފުޅާ ކުރުމުގެ މަސައްކަތް އެ ޔުނިވާސިޓީއަށް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.