ހަބަރު

ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލުތައް މަޖިލީހުން ބަލަން ފާސްކޮށްފި

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ރައްޔިތުންގެ މަޖިލީހުން ބަލަން ފާސްކޮށްފި އެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ ތިން މައްސަލައެއް ދިރާސާ ކުރަން މިދިޔަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. އެ ތިން މައްސަލައަކީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ ތަހުގީގު ލަސްވަމުންދާތީ އެ މައްސަލަ ބެލުމާއި، ރިލްވާންގެ މައްސަލާގައި ސަލާމަތީ ބާރުތަކުން އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތާއި، ރިލްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ބެލުމުގެ މައްސަލަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެބަލާފާސްކުރަން ވަތް ފުލުހުންގެ އަމަލުތަކުގެ މައްސަލައެއް ބެލުމަށް ވެސް އެއިރުގެ މަޖިލީހަށް ހުށަހެޅި އެވެ.

އެ މައްސަލަތަކާ ގުޅޭ ގޮތުން މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމީ ރިލްވާންގެ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަން ފަށާފައިވާ މައްސަލައަކަށްވާތީއާއި ނާޒިމްގެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީވެ، އެ މައްސަލަތަކާ ގުޅިގެން ކޮމިޓީން އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމެއް ނެތް ކަމަށެވެ.

ނަމަވެސް ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅުއްވުމުން ތުޅާދޫ ދާއިރާގެ މެންބަރު ރިޕޯޓަށް ވަނީ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އެއީ އެހެން މައްސަލަތައް ދިރާސާ ނުކުރި ނަމަވެސް ރިލްވާން ގެއްލުނު މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް މަޖިލީހުން ބަލައި ދިރާސާ ކުރުމަށެވެ. ހިސާންގެ ހުށަހެޅުއްވުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ތާއީދު ކުރެއްވި އެވެ. ހިސާން ހުށަހެޅުއްވުން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހާއެކު ކޮމިޓީ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ވޯޓު ދެއްވި އެވެ. ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހިއިރު ސިސްޓަމަށް މައްސަލައެއް ޖެހުމާ ގުޅިގެން ކޮމިޓީ ރިޕޯޓުގެ ވޯޓު ކުރިއަށް ގެންދިޔައީ ފެންނަ ކަމަށް ވޯޓު ދެއްވާ މެންބަރުން ކޮޅަށް ތެދުވެގެންނެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވި ގޮތުގައި މިހާރު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނަކީ ފުލުހުންގެ އިހުމާލުގެ މައްސަލަތައް ބެލުމުގެ މެންޑޭޓް އޮތް ކޮމިޝަނެއް ނޫނެވެ. ރިލްވާނަށް އިންސާފު ހޯދަން އޭނާގެ އާއިލާއިން ނުދާ މުއައްސަސާއެއް ނެތް ކަމަށާއި ރިލްވާންގެ މައްސަލާގައި އެހެން މުއައްސަސާތަކުން ވެފައިވާ އިހުމާލުތައް ބަލަން މިއަދު މަޖިލީހަށް ފުރުސަތު ލިބުމުން މަޖިލީހުން އެކަން ދޫކޮށްގެން ނުވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނީ އޮގަސްޓު 2014 ގަ އެވެ. އޭނާ ގެއްލުނުތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވީއިރު އަދިވެސް އޭނާ ވީތަނެއް ނޭނގެ އެވެ. އެ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ގެއްލުވާލާފައިވާ މީހުންނާއި މާރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.