ހަބަރު

ތްރީއޭ ކުންފުނިން ޓެކުހުގެ ގޮތުގައި 1.8 މިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފި

ތްރީއޭ ޓްރޭޑިން ކުންފުނިން ޓެކުހުގެ ގޮތުގައި 1.8 މިލިއަން ޑޮލަރު (28 މިލިއަން ރުފިޔާ) ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މިރާ އިން ބުނީ ސިވިލް ކޯޓުން މިއަދު ތްރީ ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ވަނީ ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި އެއާ ގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ކަމަށެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން ތްރީއޭ ކުންފުނިން، ޓީޖީއެސްޓީ އަދި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1.8 މިލިއަން ޑޮލަރު (28 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. މީގެ ތެރޭގައި ހިމެނެނީ ގްރީން ޓެކްސް އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 959,454 ޑޮލަރެވެ. މި ފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.

ތްރީއޭ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، ލައިސަންސް ނެތި އެ ކުންފުނިން ހިންގަމުން ގެންދިޔަ ތިން ރިސޯޓަކަށް ޓޫރިޒަމް މިނިސްޓްރީން މެއި މަހު ވަނީ އަލުން ލައިސަންސް ދީފަ އެވެ. ލައިސަންސް އަލުން ދީފައިވަނީ އެއް އަހަރުގެ ތެރޭގައި ޖޫރިމަނާ އާއި ކުލީގެ ގޮތުގައި ހުރި ފައިސާ ދެއްކުމަށެވެ. އެ ކުންފުނިން ހިންގާ، ފިލިތެޔޮ ރިސޯޓުން 8.1 މިލިއަން ޑޮލަރު (124.9 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ މެދުފުށިން 4.2 މިލިއަން ޑޮލަރު (64 މިލިއަން ރުފިޔާ) ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެ އެވެ. އަދި ހޮނޑާފުށިން 409،575 ޑޮލަރު (6.3 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ.