މީރާ

މީރާގެ އަންދާޒާއަށްވުރެ އާމްދަނީ އިތުރުވެއްޖެ

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންދާޒާ ކުރިވަރަށްވުރެ 82.6 ޕަސެންޓް އާމްދަނީ އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނީ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ލިބުނު އާމްދަނީއަށްވުރެ 173.8 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ މަހު ޓީޖީއެސްޓީ، ޖީއެސްޓީ، ގްރީން ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، އެއާޕޯޓް ސާވިސް ޗާޖް، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރު ކަމަށް މީރާ އިން ބުނެ އެވެ.

މީގެތެރެއިން ވެސް އެންމެ ގިނައިން ލިބިފައި ވަނީ ޖީއެސްޓީ ކަމަށް ބުނެ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 849.61 މިލިއަން ރުފިޔާ ލިބުނެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓުން ކަމަށާއި، އެއީ 139.12 މިލިއަން ރުފިޔާ ކަމަށް މީރާ އިން މައުލޫމާތު ދެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި 95.54 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 75.58 މިލިއަން ރުފިޔާ މިދިޔަ މަހުގެ ލިބުނެވެ.

މީގެ އިތުރުން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ބޮޑު އަދަދެއް އޭޕްރީލް މަހުގެ ތެރޭގައި ބަލައިގަނެފައިވާ ކަމަށް މީރާ އިން މައުލޫމާތު ދެއެވެ.

"އޭޕްރީލް މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވާ އަނެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފުރަބަންދުކޮށްފައިވުމުގެ ސަބަބުން އެ މަހުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރި ދަށްވެފައިވުމުން، އެ މުއްދަތާ އަޅައިބަލައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ." މީރާ އިން ބުންޏެވެ.

މިއަހަރުގެ އެޕްރިލް މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.