ހަބަރު

ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލަން ޖޭއެސްސީ އިން ނިންމައިފި

Jun 24, 2019
6

ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި މަސައްކަތް ކުރާ ފަނޑިޔާރުންގެ ފެންވަރު ބެލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލަން ނިންމީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަތޯ ބަލަން އެދި ޖޭއެސްސީއަށް ރައްޔިތުން މަޖިލީހުން ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން މިއަދު ނޫސްވެރިންނަށް ވިދާޅުވީ މަޖިލީހުން މިދިޔަ ބުދަ ދުވަހު ހުށަހެޅި ތިން ކަމެއްގެ މައްޗަށް އެ ކޮމިޝަނުގެ މެންބަރުންގެ ބައްދަލުވުމުގައި މިއަދު ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލްކަން ވަޒަންކުރަން 2014 ވަނަ އަހަރު އެ ކޮމިޝަނުން އެކުލަވާލާފައިވާ ގަވައިދުގެ ދަށުން އެ މަސައްކަތް ވީހާވެސް ފެށުމަށް ނިންމާފައިވާކަމަށް ޒަހީން ވިދާޅުވި އެވެ. އެ ފަދަ މަސައްކަތެއް އެކަށީގެންވާ މިންވަރެއްގައި މިހާތަނަށް ކުރެވިފައިނުވާއިރު، ޒަހީން ވިދާޅުވީ މަސައްކަތުގެ ފެންވަރާއި ގާބިލްކަން ހުރިތޯ ބެލުމުގެ މަސައްކަތުގައި އެއްވެސް ފަނޑިޔާރެއް އިސްތިސްނާނުކުރަންވެސް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ. އަދި އެމަސައްކަތުގައި ބޭރުގެ ފަންނީ އެހީތެރިކަންވެސް ހޯދާނެކަމަށް ޒަހީން އިތުރަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ކޮރަޕްޝަން މައްސަލައެއް ހުރިތޯ ބެލުމަށް މަޖިލީހުން އެދުނު އެދުމަށް ވެސް ޖޭއެސްސީން މިއަދު ވަނީ ގޮތެއް ނިންމައިފަ އެވެ. ޒަހީން ވިދާޅުވީ ކޮމިޝަންގެ މެންބަރުން ނިންމީ، ފަނޑިޔާރުންގެ ކޮރަޕްޝަން މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ، މިހާރުވެސް ހަމަޖެހިފައިވާ އުސޫލުތަކާއި އިޖުރާއަތްތަކާ އެއްގޮތަށް އެކަމުގައި ސުލޫކީ މައްސަލައެއްވޭތޯ ލަސްނުކޮށް ބަލައި ފިޔަވަޅު އެޅުމަށް ކަމަށެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި މަޖިލީހުން އެދިފައިވަނީ ޖޭއެސްސީވެސް ހިމެނޭގޮތަށް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ބާރު ކަނޑުވައިލަން ސުޕްރީމް ކޯޓުން އެއްވެސް އިރެއްގައި މަސައްކަތްކޮށްފައިވޭތޯ ބެލުމަށްކަމަށް ޒަހީން ހާމަކުރެއްވި އެވެ. އެކަމުގައި ޖޭއެސްސީން ނިންމާފައިވަނީ، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ލިބިފައިވާ ބާރުތަކަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވޭތޯ ބެލުމަށް ބޭރުގެ ފަންނީ ބޭފުޅެއްގެ އެހީ ހޯދައިގެން އެ މަސައްކަތް ކުރުމަށްކަމަށް ޒަހީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ އެ ގަރާރު މަޖިލީހަށް ހުށަހެޅީ ސުޕްރީމް ކޯޓާއި ޖޭއެސްސީއާ ދެމެދު މައްސަލަ ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލަ ހޫނުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ފުލުހުން ތަހުގީގު ކުރާ ކަމަށް ބުނެ އޭނާ ސަސްޕެންޑްކުރުމުންނެވެ.

ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.

އެ ނިންމުމަށް ރައްދު ދީ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.

އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް ތާއިދުކޮށް، ސުޕްރީމް ކޯޓުން އެހެން މުއައްސަސާތަކުގެ ޒިންމާތަކަށް ހުރަސް ނޭޅުމަށް އިލްތިމާސްކުރަން ނިންމާފަ އެވެ.

އޭގެފަހުން ޖޭއެސްސީއިން ވަނީ އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކާ ގުޅިގެން އޭނާ އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. އަދި ހުޅުވާލައިގެން ތަހުގީގު ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ތަހުގީގުގައި އަބްދުﷲ ދީދީ އާއި ޖޭއެސްސީގެ މެންބަރުންނާ ދެމެދު ހޫނު ބަހުސްތަކެއް ކުރިއަށް ދިޔަ އެވެ.

މިކަންތަކާ ހުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ރައީސް ވިދާޅުވެފައިވަނީ ޖޭއެސްސީ ޖަވާބުދާރީކުރުމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށާއި އެކަން ޖުޑިޝަރީ ނުވަތަ ސުޕްރީމް ކޯޓަށް ނުކުރެވޭނެ ކަމަށެވެ.

ފަނޑިޔާރުންގެ ޝަރުތު ހަމަތޯ ބެލުމަށް ނިންމާފައިވާއިރު ފަސް ފަނޑިޔާރުން މަގާމުން ދުރުކުރުމަށް އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް އަޑު ވަނީ ފެތުރިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގިނަ މެންބަރުންތަކެއް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުވިދާޅުވެފަ އެވެ. ފަނޑިޔާރުން ބޭރު ކުރަން ޖެހޭ ކަމަށް އެ މެންބަރުން ވަނީ ގޮވާލައްވާފަ އެވެ. އެމްޑީޕީއިން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ވަކާލާތު ކުރި ކަމަކީ ޖުޑިޝަރީ އިސްލާހު ކުރުމެވެ.

އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު ޖޭއެސްސީގެ ކޮންޓްރޯލް ވެސް އެމްޑީޕީއަށް އޮތީ ލިބިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ޖޭއެސްސީގައި އިންނަވަ އެވެ.