ހައިކޯޓުގެ ފަނޑިޔާރަކާއި ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
ޖޭއެސްސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން ވިދާޅުވީ ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ގާޒީއަކާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަތައް ބަލަން ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވާލެވިފައިވާ ކަމަށެވެ.
މައްސަލަތައް ބަލާ ކޮމިޓީ
- ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ
- ކޮމިޝަނުގެ މެންބަރު މުހައްމަދު އީސާފުޅު
- ކޮމިޝަނުގެ މެންބަރު އަބްދުލްހައްނާން އަހުމަދު
އޭގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރަކާ ގުޅޭ ގޮތުން ޝަކުވާތަކެއް ހުށަހެޅިފައިވާ ކަމަށާއި އެކަން ވެސް ބަލާނީ އެ ކޮމިޓީ އިން ކަމަށް ޒަހީން ހާމަކުރެއްވި އެވެ. ނަމަވެސް އެ ގާޒީއާއި ފަނޑިޔާރުގެ ނަމެއް ހާމައެއް ނުކުރެ އެވެ.
ފަހަކަށް އައިސް ޖޭއެސްސީން ގެންދަނީ ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީ އިން ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެ އެވެ. ނަމަވެސް އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގި އެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް ފަނޑިޔާރުގެ ސަސްޕެންޝަން ދަމަހައްޓާފަ އެވެ. އަދި ފަނޑިޔާރު ދީދީ ގެންދަވަނީ ޖޭއެސްސީގެ ނިންމުމާ ހިލާފަށް ވަޒީފާއަށް ނުކުންނަވަމުންނެވެ.