ހަބަރު

ސުޕްްރީމް ކޯޓުން ނުފޫޒު ފޯރުވާތޯ ބަލަން ބޭރުގެ އެހީ ހޯދަނީ

ސުޕްރީމް ކޯޓުން ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެ ނޫން ވެސް މުއައްސަސާތަކުގެ އިހުތިސޯސްގެ ތެރެއަށް ވަދެ ނުފޫޒު ފޯރުވާތޯ ބަަލަން ބޭރު ފަރާތްތަކުގެ އެހީ ހޯދައި ދިރާސާއެއް ހަދަން އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީއިން އެގޮތަށް ނިންމީ، ސުޕްރީމް ކޯޓު ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލި ކަމަށް ބުނާ މައްސަލަ ބަލަން ކޮމިޝަނަށް ފޮނުވާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން ވިދާޅުވީ ރައްޔިތުން މަޖިލީހުން ފޮނުވި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން މިހާތަނަށް އެއްވެސް މުއައްސަސާއެއްގެ ބާރަށް އަރައިގެންފައިވޭތޯ ބަލަން ބޭރުގެ ފަންނީ މާހިރުންގެ ލަފާ ހޯދައި ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށެވެ.

"ކޮމިޝަނުން ނިންމާފައި ވަނީ މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ވީހާވެސް އަވަހަކަށް މި ދިރާސާ ހަދަން ކުރަން ޖެހޭ މަސައްކަތްތައް ފެށުން،" ޒަހީން ވިދާޅުވި އެވެ.

ޖޭއެސްސީ އިން މިއަދު ވަނީ ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުންގެ ފެންވަރު ބަލަން ވެސް ނިންމައިފަ އެވެ. އެ މަސައްކަތަކީ ވެސް މުޅިން އަލަށް ފަށާ ކަމަކަށް ވާތީ ބޭރު ކޮންސަލްޓަންޓުންގެ އެހީ ތެރިކަން ހޯދަން ވެސް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.