އުރީދޫ ކަލާ ރަންގެ އެކްސްޕޯ މި ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހު އައްޑޫ ސިޓީގައި ބާއްވާނެ ކަމަށް އުރީދޫއިން ބުނެފި އެވެ.
މި އަހަރު އައްޑޫގައި ބާއްވާ ކަލާ ރަންއަށް ރެޖިސްޓާ ކޮށްފައިވާ ދުވުންތެރިންނަށް އެކްސްޕޯއިން ކަލާރަންގެ ކިޓްތައް ލިބޭނެ އެވެ.
އެކްސްޕޯގެ ފުރަތަމަ ދުވަސް ކުރިއަށްދާނީ 25 ޖޫން ވާ އަންގާރަ ދުވަހު، އީކިއުއޭޓާ ވިލެޖްގެ ބްލޫ ލެގޫން ގައި، މެންދުރު 2.00 އިން ހަވީރު 6.00 އަށެވެ. އަދި ރޭގަނޑު 8.00 އިން 10.00 އަށެވެ. ފަހު ދުވަހު އެކްސްޕޯ ބާއްވަނީ ސ. ހިތަދޫ ޔޫތް ސެންޓަރުގައި ހެނދުނު 10.00 އިން ހަވީރު 6.00 އަށެވެ. އަދި ރޭގަނޑު 8.00 އިން 10.00 އަށެވެ.
ކަލާ ރަންގެ ކިޓްތައް ބަލާ ދާއިރު ރެޖިސްޓާ ކުރި ފަރާތުގެ އައިޑީ ކާޑާއި ރެޖިސްޓާ ކުރި ކަމުގެ ރަސީދުގެ ޕްރިންޓެއް ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހެ އެވެ.
ރެޖިސްޓާ ކުރި ފަރާތް ނޫން ނަމަ، ކިޓާ ހަވާލުވާ ފަރާތުގެ އައިޑީ ކާޑާއި ރެޖިސްޓްރީ ކުރި ފަރާތުގެ އައިޑީ ކާޑު ކޮޕީ އާއި ރެޖިސްޓްެރީ ކުރި ކަމުގެ ރަސީދު ބޭނުންވާނެ އެވެ. އައިޑީކާޑުގެ ބަދަލުގައި ޕާސްޕޯޓު ނުވަތަ ލައިސަންސް ވެސް ބަލައިގަންނާނެ އެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ އާއި ޖޮގްކޮށްފައި ދުވެފައި އަދި ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ. އުރީދޫ ކަލާ ރަން އައްޑޫގައި ބާއްވަނީ 28 ޖޫން ގެ ހަވީރު 4.00 ން 6.00 އަށެވެ.
މި ދުވުމުގެ އިތުރުން، ހުކުރު ދުވަހުގެ ހެނދުނު 8.00 އިން 10.00 އަކަށް ގުޑި މަހާސަމާ އެއްވެސް އިންތިޒާމް ކޮށްފައި ވެއެވެ. މި ހަރަކާތުގައި މަޑި އެރުވުމާއި މަޑި ހެދުމުގެ ވޯކްޝޮޕްތައް ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް އަދި ޕޮލިހުގެ ހާއްސަ ސްޓޯލެއް ވެސް ހުންނާނެ އެވެ. އުރީދޫ ކަލާ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ފަރާތްތަކުން ވިއްކާލަން ގުޑި މަހާސަމާގައި ހުޅުވާލާނެ އެވެ.
މީގެ އިތުރުންވެސް، އުރީދޫއާ ގުޅިގެން ޓްވިޓްސާފުން 29 ޖޫން ވަނަ ދުވަހުގެ ހަވީރު 4.00 އިން 6.00 އަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބާއްވާނެ އެވެ.