ވިޔަފާރި

ބަހްރެއިންގެ ގައުމީ އެއާލައިން އޮގަސްޓް މަހު ރާއްޖެއަށް ފަށަނީ

ބަހްރެއިންގެ ގައުމީ އެއާލައިން "ގަލްފް އެއާ" ގެ ދަތުރުތައް އޮގަސްޓް މަހު ފަށާނެކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ގަލްފް އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ފުރަތަމަ މަޝްވަރާކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އަދި މި ދަތުރުތައް މި އަހަރު ރާއްޖެ އަށް ފަށާނެކަން އިއުލާނު ކުރީ ކުރުނބާ މޯލްޑިވްސްގައި ނިމިދިޔަ ހަފުތާގައި ބޭއްވި ޕާޓްނާޝިޕް ފޯރަމްގައި ބަހްރެއިން ސަރުކާރުގެ ސީނިއަ އޮފިޝަލެކެވެ. ނަމަވެސް އޭރު މި އެއާލައިން ފަށާނެ ތާރީހެއް ބަހްރެއިންގެ ސަރުކާރުން ބުނެފައެއް ނުވެ އެވެ.

އިތުރު މައުލޫމާތުތައް ހިމެނޭ ގޮތަށް، ގަލްފް އެއާ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އަންނަ އޮކްޓޯބަރު މަހުގެ 26 ވަަނަ ދުވަހު ރާއްޖެއަށް ދަތުރު ފަށާއިރު، ހަފުތާއަކު ފަސް ފްލައިޓް ބާއްވާނެ އެވެ.

މި ފްލައިޓު ރާއްޖެ އަންނާނީ ބަހްރެއިންގެ ވެރިރަށުން ސީދާ ރާއްޖެ އަށެވެ. މިއީ އެއާލައިން މި އަހަރު ފަށާ ތިން ވަނަ މަންޒިލެވެ.

ގަލްފް އެއާގެ ސީއީއޯ ކްރެސިމާ ކޫކޯ ވިދާޅުވެފައިވާ ގޮތުގައި މި ދަތުރުތައް ވެގެން ދާނީ ރާއްޖޭގެ ޓޫރިޒަމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަކަށެވެ.

"އާ މަންޒިލް ތަކަށް ދަތުރުތައް ފެށުމަކީ ލިބޭ ފަހުރެއް. ރާއްޖެ ފަދަ މަތީ ފަންތީގެ މަންޒިލަކަށް ދަތުރު ފެށުމަކީ އަޅުގަނޑުމެންގެ އާ ސްޓްރެޓެޖީ އެއް،" ކްރެސިމާ ވިދާޅުވި އެވެ.

ގަލްފް އެއާއިން ވަނީ މި ފްލައިޓުގެ ރޫޓާއި ފްލައިޓުގެ ގަޑިތައް ވެސް އާއްމުކޮށްފަ އެވެ. މި ފްލައިޓު ސީދާ ބަހްރެއިން އިން ރާއްޖެ އައުމަށްފަހު ލަންކާ އަށް ގޮސް އަނބުރާ ބަހްރެއަށް ދާނީ ރާއްޖޭގައި ޖައްސާފަ އެވެ.

ގަލްފް އެއާ އިން ބުނެފައިވާ ގޮތުގައި މި ފްލައިޓް ބަހްރެއިން އިންޓަނޭޝަލް އެއާޕޯޓުން ފުރާނީ އެ ގައުމުގެ ގަޑިން ރޭގަނޑު 11:20 ގައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާނީ ރާއްޖެ ގަޑިން ހެނދުނު 6:25 ގަ އެވެ. އަދި ރާއްޖޭގެ ގަޑިން ހެނދުނު 7:25 ގައި ސްރީލަންކާގެ ކޮޅުނބަށް ފުރާނެ އެވެ. އަދި މި ފްލައިޓު ލަންކާ ގަޑިން 4.55 ގައި އެގައުމުން ރާއްޖެ އެނބުރި އަންނަން ފުރާ ފްލައިޓު 5.53 ގައި ރާއްޖެ ޖެއްސުމަށްފަހު 6:55 ގައި ފަސިންޖަރުން ގޮވައިގެން އެނބުރައި ބަހްރެއިން އަށްދާނެ އެވެ. އަދި އެ ގައުމަށް ޖައްސާނީ ބަހްރެއިން ގަޑިން ރޭގަނޑު 10:05 ގަ އެވެ.

ރާއްޖެ އަށް ފަށާ މި ދަތުރުތަކުގައި ގަލްގް އެއާއިން ބޭނުންކުރާނީ އެ އެއާލައިންއާ މުޅިން އަލަށް ގުޅުނު އެއާބަސް އޭ 320 މަރުކާގެ ބޯޓެވެ.

ގަލްފް އެއާއަކީ 1950 ވަނަ އަހަރު އުފެދުނު އެއާލައިން އެވެ. މަހުޖަނުން ގިނަ ބަހްރެއިންގެ މި އެއާލައިންއަކީ މެދުއިރުމަތީގެ އެންމެ ދުވަސްވީ އެއް އެއާލައިން އެވެ. މި އެއާލައިން ދުނިޔޭގެ 50 މަންޒިލަކަށް އުދުހެ އެވެ.

މެދުއިރުމައްޗަކީ ރާއްޖޭގެ ޓޫރިޒަމަށް އުންމީދީ ސަރަހައްދެކެވެ. މި ސަރަހައްދުން މި އަހަރުގެ މިހާތަނަށް 19,994 މީހުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 18,564 މީހުންނާ އަޅާ ބަލާއިރު 7.7 ޕަސެންޓުގެ އިތުރުވުމެކެވެ.

މިއީ މި އަހަރު ރާއްޖެއަށް ފަށާ ދެވަނަ އެއާލައިންނެވެ. މިހާތަނަށް ފަށާފައިވަނީ އިންޑިއާގެ ގޯއެއާ އާއި ޕޮލެންޑުގެ ޕެނަރޯމާ އެއާލައިން އެވެ. ނަމަވެސް ޕެނަރޯމާ އެއާލައިންއަކީ ޗާޓަރު ފްލައިޓެކެވެ.