ހަބަރު

ގާނޫނީ ފަންނުގެ ބިލް ފާސްކޮށްފި

Jun 25, 2019

ދައުލަތުގެ ވަކީލުންނަށް ފިޔަވަޅު އެޅޭ ގޮތަށް، ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރާ ބާ ކައުންސިލް ހިމިނައިގެން ސަރުކާރުން ހުށަހެޅި ގާނޫނީ ފަންނުގެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބާ ކައުންސިލް އުފައްދާ ގާނޫނީ ފަންނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅިއިރު އެ މުއައްސަސާގެ އިހުތިސޯސްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި އެޓާނީ ޖެނެރަލް (އޭޖީ) ގެ ވަކީލުންގެ މައްޗަށް ނުހިނގަ އެވެ. ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން އެ ކަން ބަދަލު ކުރަން ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.

އެ ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ ދައުލަތުގެ ވަކީލުންގެ މައްޗަށް ބާ ކައުންސިލްގެ އިހުތިސޯސް ނުހިނގާ ގޮތަށް އޮތް މާއްދާ އުނި ކުރުމަށެވެ.

ކޮމިޓީން ނިންމި ގޮތަށް އެ ބިލު މިއަދު ފާސްކޮށްފައިވަނީ 69 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުށަހެޅުއްވި ބިލުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި ވަކީލުން ކުރާ މަސައްކަތްތައް ބަލައި ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ ގުޅުން ހުރި ހުރިހާ ގަވާއިދެއް އެކުލާވައިލުމުގެ މަސައްކަތް ކުރާނީ ވެސް އެ މުއައްސަސާއިންނެވެ.

ގާނޫނުތައް މިހާރު އޮންނަ ގޮތުންނަމަ ވަކީލުން ރެގިއުލޭޓް ކުރުމުގެ ބާރު އޮންނަނީ ޝަރުއީ ކޯޓުތަކުގަ އެވެ. ގާނޫނީ ގޮތުން ކޯޓުތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ބައެއް ކޯޓުތަކުން ވަނީ ބައެއް ވަކީލުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑް ވެސް ކޮށްފަ އެވެ.