ހަބަރު

ދިއްދޫ ފްލެޓްތަކަށް އަލުން އިއުލާން ކުރަން އަންގައިފި

ހއ. ދިއްދޫގައި އިމާރާތްކުރި 250 ހައުސިން ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫކޮށްފައިނުވާ ހައުސިން ޔުނިޓްތަކަށް އަލުން އިއުލާން ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ރަށު ކައުންސިލަށް އަންގައިފި އެވެ.

އޭސީސީން މިއަދު ބުނި ގޮތުގައި ދިއްދޫގައި އިމާރާތް ކުރި ހައުސިން ޔުނިޓުތަކުގެ ތެރެއިން މިހާރު ދޫނުކޮށް ބާކީ ހުރި ޔުނިޓްތައް ދޫކުރަން ދިއްދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނާއި ހައުސިން މިިނިސްޓްރީން ކުރި އިއުލާން ވަނީ ބާތިލުކޮށްފަ އެވެ. އަދި ބުނީ، ބާކީ ހުރި ހައުސިން ޔުނިޓްތަކަށް އަލުން އިއުލާން ކުރަން ދިއްދޫ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

ދިއްދޫގައި ދޫނުކޮށް ހުރި ހައުސިން ޔުނިޓްތައް ދޫކުރުމުގައި ވަކި ފަރާތްތަކަށް ފްލެޓްތައް ލިބޭ ގޮތަށް މަސައްކަތް ކުރާ ކަމަށް ބުނެ އޭސީސީއަށް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އެ މައްސަލާގައި އޭސީސީން ކުރި ތަހުގީގުގައި ބާކީ ހުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ހައުސިން މިނިސްޓްރީން ކުރި އިއުލާނަށް ގިނަ ބަޔަކު ފޯމު ހުށަހެޅިއިރު، އެ އިއުލާން ބާތިލު ކުރިކަން އާންމުންނަށް އަންގާފައި ނުވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އޭގެ ކުރިން ކައުންސިލުން ކުރި އިއުލާނާ އެއްގޮތަށް އެދުނު ފަރާތްތަކުގެ ތެރެއިން ބަޔަކަށް ބާކީ ހުރި ފްލެޓްތައް ދޭން ނިންމިއިރު، އެއީ ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށް އޭސީސީން ބުންޏެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް ކައުންސިލުން ކުރި އިއުލާނާއި މިނިސްޓްރީން ކުރި އިއުލާން ބާތިލުކޮށްފައިވާއިރު، ބާކީ ހުރި ހައުސިން ޔުނިޓްތައް ދޫކުރާނެ އުސޫލަކާއި ޕޮއިންޓް ދޭނެ އުސޫލެއް އަލުން ކަނޑައަޅައި އެ އުސޫލުތަކާ އެއްގޮތަށް، އެ ކަމަށް އެދޭ އެންމެންނަށް އަލުން ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށް އަލުން އެ މަސައްކަތް ކުރިއަށް ގެންދަން އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.