ހަބަރު

ހިޔާ ފްލެޓުތައް: މަހަކު 11،000 ރުފިޔާ، ނިމޭނީ އަންނަ އަހަރު

Jun 25, 2019
21

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 11،000 ރުފިޔާ ކަމަށާއި އެ ފްލެޓުތަކުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ މަޝްރޫއާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވީ 100 ޕަސަންޓް ދަރަނީގެ ގޮތުގައި ކުރީގެ ސަރުކާރުން ފެށި މަޝްރޫއުގައި ފިނިޝިން މަސައްކަތް ހިމަނާފައި ނުވާ ކަމަށެވެ. އެގޮތުން، ޓައިލްޖެހުމާއި ދޮރު ހަރުކުރުމުގެ އިތުރުން ކުލަލާން އިތުރު 42 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހިފައިވާ ކަމަށާއި އޭގެ ސަބަބުން މަސައްކަތް ނިމޭ ތާރީހު ވެސް ލަސްވެފައިވާ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

"ކުރިން އޮތީ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމަން. އެކަމަކު ފިނިޝިން މަސައްކަތް ނިންމަން އެބަ ބޭނުންވޭ އިތުރު ދެ ތިން މަސް. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ އަންނަ އަހަރުގެ ފެބްރުއަރީ މާޗް ހިސާބުގަ ފްލެޓްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް،" ސުހެއިލް އިތުރަށް ވިދާޅުވި އެވެ.

އެޗްޑީސީގެ ޑެޕިއުޓީ އެމްޑީ އަހުމަދު އާތިފް ވިދާޅުވީ ޑިޒައިނަށް ގެނައި ބަދަލުތަކާއެކު ހިޔާ މަޝްރޫއުގެ ޖުމްލަ އަގު 434 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި އެހެންވެ އާންމުންނަށް އަންދާޒާ ކުރެވުނު ވަރަށް ވުރެ ފްލެޓްތަކުގެ އަގުތައް ބޮޑުވާނެ ކަމަށެވެ. އެގޮތުން ޔުނިޓެއްގެ އަގު 82،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށާއި ފްލެޓަކަށް ކޮންމެ މަހަކު 11،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އާތިފް ވިދާޅުވި އެވެ. ނަމަވެސް އެ އަގު އިތުރަށް ކުޑަ ކުރަން ކަމާބެހޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެހެން ކޮސްޓިންތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ޓޫ ބެޑްރޫމްގެ އެޕާޓްމަންޓަކަށް 82,000 ޑޮލަރު އަކީ ބޮޑު އަގެއް ކަން. އެހެންކަމުން އާއްމުންނަށް މި އަގުގައި ކޮންޓްރެކްޓް ކުރެވިފައި އޮތް ޕްރޮޖެކްޓެއް އަންދާޒާ ކުރެވުނު ވަރަށް ވުރެ އަގު ބޮޑުވާނެ ކަަމަށް ލަފާ ކުރެވޭ. އެހެންވީމާ އެކަމާ ގުޅޭ ގޮތުން ސަރުކާރާ މަޝްވަރާކުރެވެމުން ދޭ،" އާތިފް ވިދާޅުވި އެެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީއިން ޗައިނާގެ ސީސީސީއާ ހަވާލުކުރީ 20 ޖުލައި 2016 ގަ އެވެ. އެ މަޝްރޫއުގެ އަމަލީ ގޮތުން އެ މަސައްކަތް ފެށީ 20 ޑިސެމްބަރު 2017 ގަ އެވެ.

ހިޔާ ފްލެޓުތަކުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ސަރުކާރުން ބުނާ އިރު އެ ޓަވަރުތައް ޑިޒައިންކޮށްފައިވާ ގޮތުން ލިފްޓް ފަދަ ހިދުމަތްތައް ވެސް ވަރަށް ދަތިވާނެ ކަމަށް ސުހެއިލް ފާހަގަކުރެއްވި އެވެ. ނަމަވެސް ސްޓްރަކްޗާ ހުރި ގޮތުން ލިފްޓް އިތުރުކޮށް މާބޮޑު ބަދަލެއް ގެނެވޭކަށްނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.