ހަބަރު

ވިސާއާ ނުލާ ރަޝިއާއަށް ދެވޭ އެއްބަސްވުމުގައި ސޮއިކޮށްފި

Jun 25, 2019
5

ދިވެހިންނަށް ވިސާއާ ނުލާ ރަޝިއާއަށް ދެވޭ ގޮތް ހަދަން އެ ގައުމާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރަޝިއާގައި ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ރަޝިއާ ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް އެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން، ރަޝިއާއަށްދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ. އަދި ރާއްޖެ އަންނަ ރަޝިއާ މީހުންނަށްވެސް އެ މުއްދަތުގެ އޮން އެރައިވަލް ވިސާ ލިބިގެންދާނެ އެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފަ އެވެ.

އެގޮތުން، ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ރަޝިއާއަށް އެތެރެކުރާ ރާއްޖޭގެ މަހުގެ ބާވަތްތައް އިތުރުކުރުމާއި، ޓޫރިޒަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ފުޅާކުރުން ހިމެނެ އެވެ.