ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

ރަޝިއާއަށް ދަތުރުކުރާ ދިވެހިން ސަމާލުވާން އެދެފި

ކޯވީޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރަޝިއާ ސަރުކާރުން ވަނީ އެ ގައުމުގެ ބޯޑަރު ގަވާއިދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާތީ ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

ދިިވެހިންނަށް ރަޝިޔާއަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް 2019 ގައި ވަނީ ހަމަޖައްސާފައެވެ. އެގޮތުން ދިވެހިރާއްޖެއާއި ރަޝިއާ އާ ދެމެދު ޖޫން 25، 2019 ގައި ސޮއިކޮށްފައިވާ "އެގްރީމަންޓް ބިޓްވީން ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވާންމަންޓް އޮފް ދަ ރަޝިއަން ފެޑެރޭޝަން އޮން މިއުޗުއަލް އެކްސެމްޕްޝަން އޮފް ވިސާ ރިކުއާމަންޓްސް ފޯ ނޭޝަނަލްސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ފޯ ނޭޝަނަލްސް އޮފް ދަ ރަޝިއަން ފެޑެރޭޝަން" އެގްރީމަންޓަށް ޖުލައި 25، 2019 ގައި ވަނީ އަމަލުކުރަން ފަށާފައެވެ. މި އެއްބަސްވުމުގެ ދަށުން، ރަޝިއާއަށް ދަތުރުކުރާ ދިވެހިންނަށް (މަސައްކަތް ކުރުމަށާއި ކިޔެވުމަށާއި ދިރިއުޅުން ބަދަލުކުރުން ފިޔަވައި އެހެން ބޭނުންތަކަށް) 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެއެވެ.

އެހެން ނަމަވެސް ކޮވީޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރަޝިއާ ސަރުކާރުން ވަނީ އެ ގައުމުގެ ބޯޑަރު ގަވާއިދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިގޮތުން މިހާރު ދިވެހީންނަށް ރަޝިއާއަށް ދަތުރު ކުރެވޭނީ ހަމައެކަނި ރާއްޖެއިން ފުރާ އަދި ރާއްޖެއިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތަކުގައެވެ.

ފޮރިން މިނިސްޓްރީން ވަނީ ގަވާއިދަށް ގެނައި ބަދަލާއެކު ރަޝިއާ އަށް ދަތުރުކުރަން ގަސްތުކުރާ ދިވެހިން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފު ކުރުމަށްވެސް އެދިފައިވެއެވެ.