ރާއްޖޭގެ ޓޫރިޒަމަށް އާ ޕްރޮޑަކްޓްތައް ތައާރަފު ކުރަމުން ގެންދާ، ކްރައުން އެންޑް ޗަމްޕާ ކުންފުނިން ރާއްޖޭގެ ފުރަތަމަ ވެލްނަސް ރިސޯޓު ތަރައްގީ ކުރަން ފަށައިފި އެވެ.
ހަށިގަނޑުގެ ދުޅަހެޔޮކަމާއި ރިލެކްސިން އަދި ވެލްނެސް އަށް ހާއްސަ ހިދުމަތްތައް ލިބޭ ގޮތަށް ކްރައުން އެންޑް ޗަމްޕާ ކުންފުނި ވެލްންސް ރިސޯޓު ތަރައްގީ ކުރަނީ ކ. ކަގީގަ އެވެ.
"ކަގި މޯލްޑިވްސް ސްޕާ އައިލެންޑް" ގެ ނަމުގައި ބްރޭންޑުކޮށްގެން ތަރައްގީ ކުރާ މި ރިސޯޓުގައި ހުންނަނީ 50 ކޮޓަރި އެވެ. މި ކޮޓަރިތަކުގެ ތެރެއިން 40 ކޮޓަރި މޫދުގައި ހުންނައިރު 10 ކޮޓަރިއަކީ ބީޗް ކޮޓަރި ތަކެވެ.
މި ރިސޯޓުގެ އެންމެ ހާއްސަ ސިފައަކީ މޫދުގައި ތަރައްގީ ކުރާ ސްޕާ އެންޑް ވެލްނެސް ސެންޓަރެވެ. ރަށުން ޖެޓީއެއް އަޅައި ތަރައްގީ ކުރާ މި ތަނުގައި ވެލްނަސް އަށް ހާއްސަ 13 ކޮޓަރި ހުރެ އެވެ. މިތަނުގައި ޔޯގާ ޕެވިލިއަންއެއް ހުރެ އެވެ. މީގެ އިތުރުން ރަށުގެ ގަސްތަކުގެ މަތި ފެންނަ ގޮތަށް މެޑިޓޭޝަން ހާއްސަ ޕްލެޓް ފޯމެއް ވެސް ހުރެ އެވެ.
ކަގި ވެސް ފަރުމާކޮށްފައިވަނީ ޗަމްޕާ ކުންފުނީގެ ގިނަ ރިސޯޓުތަކުގެ ފަރުމާ ކުރުންތެރިޔާ އެމެރިކާގެ ޔޫޖީ ޔަމަޒާކީ އެވެ.
ރިސޯޓް ހުޅުވާނެ ތާރީހެއް އެ ކުންފުނިން ބުނެފައެއް ނުވެ އެވެ. މި ރިސޯޓު ތަަރައްގީ ކުރުމަށްޓަކައި ގާތްގަނޑަކަށް 2.5 ހެކްޓަރުގެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މެއި މަހު ވަނީ ކޮށްފަ އެވެ. މި މަސައްކަތް ކުރީ އެމްޓީސީސީގެ މަހާޖައްޖައްރާފާ އިންނެވެ.
މި ރަށަކީ ކުރީގެ ސަރުކާރުން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަކާއެކު ބިޑަށް ނުލައި ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެވެ. އޭރު އާއްމުކުރި ލިސްޓުގައި މިރަށުގެ އަގެއްގެ ގޮތުގައި ޖަހާފައިވަނީ 2.1 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 32 މިލިއަން ރުފިޔާ) އެވެ.
ކްރައުން އެންޑް ޗަމްޕާ ކުންފުނިން އެންމެ ފަހުން ހުޅުވާފައިވަނީ ޅ. ހުރަވަޅި އާއި ކުޑަދޫ ޕްރައިވެޓް އައިލެންޑެވެ. އަދި މި ގްރޫޕުން ރާއްޖޭގައި ނުވަ ރިސޯޓެއް ހިންގަ އެވެ.