ހަބަރު

ކުރީ ސަރުކާރުގެ މައްސަލަތައް ބެލުން ލަސްވާތީ ކުއްލި މައްސަލައެއް

ކުރީ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ގޯސްތައް ތަހުގީގު ކުރިޔަށް ނުދިޔުމާއި އެ މައްސަލަތަކުގެ ޝަރީއަތްތައް ދިގު ލައިގެން ދާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހަޅީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އެ މައްސަލައިގެ ބަހުސް ކުރިޔަށް ގެންދަން 64 މެންބަރުންގެ ވޯޓާއެކު ފާސްވި އެވެ.

ވަހީދު ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައި ވަނީ ޖިނާއީ ތުހުމަތުތަކެއް ކުރެވޭ އެތަށް ބައެއްގެ މައްސަލަތައް ޝަރީއަތުގެ މަރުހަލާގައި ނުނިމި ހުރި ކަމަށާއި ވައްކަމާއި ހިޔާނާތާއި މަނީލޯންޑަރިން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ހިނގާފައިވާ ކަންކަން ނުބަލާ ލަސްވާ ކަމަށެވެ.

ރެކޯޑު މިންވަރަކަށް ދައުލަތުން ކުރި ވައްކަމާއި ހިޔާނާތާއި ވެރިކަން ހިންގުމުގެ ނިޒާމް ގަޑުބަޑުކޮށް، މަޖިލިސް ހިސޯރުކޮށް އަދި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގާފައިވުމު ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ފަނޑިޔާރުން ހައްޔަރު ކުރުމާއި ދެ ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާސީ ލީޑަރުން ޖަލަށްލި މައްސަލައިގެ ޖަވާބެއް ލިބުމަކީ ހައްގެއް ކަމަށާއި އެކަންކަން ނުބެލި ޝަރީއަތް ނުކުރެވި ދިގުލައިގެން ދާތީ ސަރުކާރުގެ ސަމާލު ކަމަށް ގެންނަން މައްސަލާގައި ބުނެފައިވެ އެވެ.

މިއަދު މި މައްސަލައިގެ ބަހުސް ކުރިޔަށް ގެންދިިޔުމަށް ފަހު ބަލައިގަތުމާ ބެހޭ ގޮތުން ގޮތެއް ނިންމާނެ އެވެ.