ޗެލްސީ

ކޯޗަކަށް ލަމްޕާޑް ގެންދަން ޗެލްސީން ވާހަކަތައް ފަށައިފި

މަގާމު ހުސްވެފައިވާ، ޗެލްސީގެ ކޯޗްގެ މަގާމަށް އެ ޓީމުގެގެ ލެޖެންޑް، ޑާބީ ކައުންޓީގެ މިހާރު ކޯޗް، ފްރޭންކް ލަމްޕާޑް ގެންދިއުމަށް ޗެލްސީން ވާހަކަތަށް ފަށައިފި އެވެ.

ޗެލްސީގެ ކޯޗްގެ މަގާމުގައި ހުރި، އިޓާލީގެ މައުރީޒިއޯ ސާރީ ވަނީ، ޔުވެންޓަސްގެ ކޯޗް ކަމާ ހަވާލުވެފަ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންޝިޕްގެ ޕްލޭއޮފްއަށް ޑާބީ ކައުންޓީ ގެންދިޔަ ލަމްޕާޑް ޗެލްސީއަށް ދޫކޮށްލަން، ޑީބީ ކައުންޓީން އެއްބަސް ވަނީ ހަތަރު މިލިއަން ޕައުންޑަށެވެ.

އިނގިރޭސި ބައެއް މީޑިއާތަކުން ބުނެފައި ވަނީ، އަންނަ ހަފުތާގައި ޗެލްސީގެ ކޯޗް ކަމަށް ލަމްޕާޑް ހަމަޖެހިގެން ދާނެ ކަމަށެވެ. ޑާބީ ކައުންޓީންވެސް ވަނީ އެ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާފަ އެވެ.

"ދެ ކުލަބަށްވެސް ޕްރީ ސީޒަނަށް ވަގުތު ކުޑަތަން ވަމުން އަންނައިރު އުންމީދު ކުރަނީ ޗެލްސީން ހަލުވި ސްޕީޑްގައި ގެންގޮސް ވާހަކަތައް ނިންމާލާނެ ކަމަށް،" ޑާބީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "މި ކުލަބުން އިތުރަށް މިކަމާ މެދު އެއްޗެއް ހާމަ ނުކުރާނަށް އެކަމަށް އެންމެ އެކަށީގެންވާ ވަގުތު އައުމުން ނޫނީ."

ޕްލޭއޮފްގައި، ލަމްޕާޑްގެ ޑާބީ ކައުންޓީ ބަލިވީ އެސްޓަން ވިލާ އަތުންނެވެ. ޗެލްސީގައި ހޭދަ ކުރި 13 އަހަރު ލަމްޕާޑް ވަނީ އެ ޓީމަށް 648 މެޗު ކުޅޭދީ 11 ތަށި ހޯދަން އެހީވެ ދިފަ އެވެ.