ދުނިޔެ

އިރާާގު ފަސްގަނޑުން އިރާނަށް ހަމަލައެއް ނުދެވޭނެ: ސާލިހް

އެމެރިކާގެ އަސްކަރިއްޔާއިން އިރާނަށް ހަމަލާ ދިނުމުގައި އިރާގު ފަސްގަނޑުގައި ހުރި އެއްވެސް ތަނެއް އެއްވެސް ހާލަތެއްގައި ބޭނުން ކުރަން ހުއްދަ ނުދެއްވާނެ ކަމަށް އިރާގުގެ ރައީސް ބަރްހާމް ސާލިހް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިރާގަށް އަރަން ދައުވަތު ދީފައިވާ ހަމައެކަނި ބޭނުމަކީ ބަޣުދާދުގައި ހަރަކާތްތެރި ވަމުންދާ ތަކްފީރީ ދައެޝް ޓެރަރިސްޓް ޖަމާއަތާއި ހަނގުރާމަ ކުރުމަށް ކަމަށް އެ މަނިކުފާނު އިއްޔެ ލަންޑަންގައި ހުންނަވައިގެން ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އިރާނުން ކުރާ ކަންކަން ބެލުމަށްޓަކައި އިރާގުގައި އެމެރިކާގެ ސިފައިން ބައިތިއްބަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުގެ އަސްލަކީ ކޮބާތޯ ރައީސް ސާލިހާ ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ އެ މަނިކުފާނު އެކަމާމެދު ދެކޭ ގޮތް އެމެރިކާއަށް ވަރަށް ރަނގަޅަށް ސާފު ކޮށްދެއްވާފައި ވާނެ ކަމަށެވެ.

އެގޮތުން އެމެރިކާގެ ސިފައިންނާއި ގުޅިފައިވާ ގައުމުތަކުގެ ސިފައިން އިރާގު ސަރުކާރުގެ ދައުވަތަކަށް އެ ގައުމުގައި ތިބި ހަމައެކަނި ބޭނުމަކީ އައިސިސް (ދައެޝް) ޖަމާއަތާއި ހަނގުރާމަކުރަން ކަމަށް އިރާގުން އޭރު ނެރެފައިވާ ބަޔާނުގައި ވަރަށް ސާފުކޮށް ފާހަގަކޮށްފައި ވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަޙުންނަށް ނުރައްކާވެ އަނިޔާވާނެ ފަދަ އަމަލެއް ހިންގާ ތަނަކަށް އަޅުގަނޑުމެންގެ ފަސްގަނޑު ވެގެން ދާކަށް ނޭދެން. އަދި އިރާގުގެ އަހުންގެ ތެރޭގައި އިރާނު ވެސް ހިމެނޭ. އެމެރިކާ ސަރުކާރާއި އިރާގު ސަރުކާރުގެ ދެމެދުގައި ވެފައިފާ އެއްބަސްވުމުގައި ހަމަ ގައިމުވެސް އެގޮތަކަށް ނޯންނާނެ،" އިރާާގުގެ ރައީސް ވިދާޅިވި އެވެ.

އެމެރިކާއާއި އިރާނާއި ދެމެދުގެ މަޝްރަހު ހޫނުވެފައި ވުމުގެ ސަބަބުން އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން އިރާނުން ޑްރޯން ވައްޓާލި މައްސަލާގައި އެމެރިކާއިން ރައްދުގައި ދޭން އުޅުނު ހަމަލާ އެންމެ ފަހުވަގުތު ހުއްޓުވާފައި ވުމުން އެކަމާމެދު ރައީސް ސަލާހް އުފާ ފާޅުކުރައްވާ މެދުއިރުމައްޗަށް ހަނގުރާމައަކަށް ވުރެ ބޮޑަށް ބޭނުންވަނީ ސުލްހަވެރިކަން ކަމަށް ސީއެންއެންއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.

އެ މަނިކުފާނު ވިދާޅުވަނީ "ހަނގުރާމައެއް ފަށަން ވަރަށް ފަސޭހަ ވީ ނަމަވެސް އެ ހަނގުރާމަ ނިންމުން ފަސޭހަ ކަމަކަށް ނުވާނެ" ކަމަށެވެ.