ތައިލެންޑުގައި މުދާ އުފައްދާ 27 ކުންފުންޏަކުން ދިވެހި ވިޔަފާރިތަކާ ބައްދަލު ކުރަން ބާއްވާ "ތައިލެންޑް ބިޒްނަސް މެޗިން ފޯރަމް 2019" ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.
ތައިލެންޑުގެ މިނިސްޓްރީ އޮފް ކޮމާސްގެ، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޓްރޭޑް އެންޑް ޕްރޮމޯޝަން ބޯޑާއި ތައި ޓްރޭޑް ސެންޓަރު އަދި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދަރުބާރުގޭގައި މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފޯރަމްގައި ތައިލެންޑުގެ 27 ކުންފުންޏެއް ތަމްސީލު ކުރެއެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މި ފޯރަމްއާ ބެހޭ ގޮތުން ތައި ޓްރޭޑް ސެންޓަރު، ޗެންނާއީގެ ޑިރެކްޓަރު ޖިޓީމާ ނަކަނާމޯ ވިދާޅުވީ މި އަހަރުގެ ފޯރަމްގައި ތައިލެންޑުގެ ކުންފުނިތަކުން ބައިވެރިވެފައިވަނީ އެ ކުންފުނިތަކުގެ ޕްރޮޑަކްޓްތައް ރާއްޖޭގައި ވިއްކަން ކަމަށެވެ. މި ފޯރަމްގެ ސަބަބުން އެ ކުންފުނިތަކަށް ރާއްޖޭން ޑިސްރިބިއުޓަރުންނާއި މުދާ ވިއްކާނެ ކުންފުނިތައް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"މި ފޯރަމްގައި ހޮޓެލް ސަޕްލައި އާއި ފުޑް އެންޑް ބެވަރޭޖަސް އުފައްދާ ކުންފުނިތަކުން ބައިވެރިވެފައިވޭ. މީގެ އިތުރުން ރެސްޓޯރެންޓު ސަޕްލައިޔަރުން ނާއި ގޭގައި ބޭނުންކުރާ ތަފާތު ޕްރޮޑަކްޓްތައް އުފައްދާ ކުންފުނިތަކުން ވެސް ބައިވެރިވޭ،" ޖިޓީމާ ނަކަނާމޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ ސަބަބުން ދިވެހި ކުންފުނިތަކާއި ތައި ކުންފުނިތަކުގެ ގުޅުން ބަދަހިވާނެ އެވެ.
"ރާއްޖެ އައިސް ކުންފުނިތަކުން ރަނގަޅު އެކްސްޕޯޓަރުންނާއި މުދާ އުފައްދާ ކުންފުނިތަކާ ބައްދަލުކޮށް ވިޔަފާރި ފުޅާ ކުރަން މިއީ ރަނގަޅު ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
ގިނަ ކުންފުނިތައް ރާއްޖެއަށް އަލަށް
މި ފޯރަމް ފުރަަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު އެވެ. ފޯރަމްއަށް ތައި ކުންފުނިތަކުން އަންނަނީ އެ މީހުންގެ ޕްރޮޑަކްޓްތަކުގެ ސާމްޕަލްސް ވެސް ހިފައިގެނެވެ. މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ފޯރަމްގައި 27 ކުންފުނި ބައިވެރިވެފައިވާއިރު ކެއިން ބުއިމަށް ބޭނުންކުރާ ޕްރޮޑަކްޓްތަކާއި މިނޫން ވެސް ގިނަ ބާވަތްތައް ހިމެނެ އެވެ.
ބިޒްނަސް މެޗިން ފޯރަމަށް އައިސް ހުރި ތައިލެންޑުގެ މުއިންލީ ގްލޯބަލް ޓްރޭޑާސްގެ ރެސިޑެންޓް މެނޭޖިން ޑިރެކްޓަރު ކުކީ ވިންޑް ވިދާޅުވީ އެ ކުންފުނީގެ ޕްރޮޑަކްޓް ތަކަކީ ރާއްޖެއަށް އެކަށީގެންވާ އުފެއްދުން ތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މި ހުރީ ރެޑީޓް އީޓް ޕްރޮޑްޓްތަކެއް. ހޫނު ފެން އަޅައިގެން، ނޫނީ ހޫނު ކޮށްލައިގެން ކައިލެވޭނެ. އަނެއްކާ މިއީ ހަލާލް ޕްރޮޑަކްޓްތަކެއް. މީގައި އެބަހުރި ތައި ކަރީ އާއި ތައި ސޫޕް ފަދަ ގިނަ ބާވަތްތަކެއް. ފެންވަރު ރަނގަޅު ޕެކިންގައި މި ޕްރޮޑަކްޓްތައް މިހުރީ ލަގްޒަރީ މާކެޓާއި ހުރިހާ ފަންތިއެއްގައި ބޭނުން ކޮށްލެވޭ ކޮލިޓީގައި،" ކުކީ ވިދާޅުވި އެވެ.
ބެޑް ރޫމްގައި ބޭނުން ކުރާ ގިނަ ބާވްތަކެއް އުފައްދާ ތައި ކުންފުންޏެއް ކަމަށްވާ ވޮނޯ ފައިވް ސްޓާގެ މެނޭޖިން ޑިރެކްޓަރު ޕޮލްޕޮންގް ވޮރޮޗިޕްސަންތީ ވިދާޅުވީ ރާއްޖެއަށް އެ ކުންފުނިން އައިރު ރާއްޖޭގެ މާކެޓު ކޮންމެވެސް ވަރަކަށް ދިރާސާވެސް ކުރި ކަމަށެވެ.
"ޓޫރިޒަމް ސިނާއަތުގައި ގޮދަޑި އާއި މި ފަދަ ބާވަތްތަކުގެ ޑިމާންޑް އޮންނާނެ ކަމަށް އުންމީދު ކުރަނީ. ރާއްޖެއަކީ ވަރަށް ސުލްހަވެރި ގައުމެއް. އެހެންވެ އުންމީދު ކުރަނީ މި ދަތުރުން ފައިދާ ލިބޭނެ ކަމަށް،" ވޮރޮޗިޕްސަންތީ ވިދާޅުވި އެވެ.
މީގެ އިތުރުން ހައި ލެވަލްގެ ކޮފީ އާއި ސައިފަތް އުފައްދާ ކުންފުންޏެއް ކަމަށްވާ ނަވާ އިންޓަ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޕިސާމާ ކޮންގްވަތަމައި ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ހާއްސަ ވާނެ ކަމަށެވެ.
"ޗީވީ [ކޮފީ ބްރޭންޑް] އަކީ ރާއްޖެއަށް ވެސް މުހިންމު ޕްރޮޑަކްޓް ތަކެއް. އަޅުގަނޑުމެންގެ އަތުގައި އެބަހުރި ހަޖަމްގެ މައްސަލަ އުޅޭ މީހުންނަށް ހާއްސަ ކޮފީ އާއި ސައިފަތް ވެސް،" ޕިސާމާ ވިދާޅުވި އެވެ.
ތައިލެންޑަކީ ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 200 މިލިއަން ޑޮލަރުގެ މުދާ ވަނީ ރާއްޖެ އެތެރެކޮށްފައި ވެއެވެ.