ދުނިޔެ

އެމެރިކާ ދަތުރު ކުރަނީ ނުބައި މަގަކުން: ރޫހާނީ

އެމެރިކާއިން ދަތުރު ކުރަމުންދަނީ މުޅިން ނުބައި މަގަކުން ކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ރިޕަބްލިކް އޮފް އިރާން ބްރޯޑްކާސްޓިންގް (އައިއާރްއައިބީ) ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ރޫހާނީ ވިދާޅުވީ ހުރިހާ އެންމެނަށް އަންގަން ބޭނުންވަނީ އެމެރިކާ ހިޔާރުކޮށްފައި ވަީނީ ނުބައި މަގެއްގައި ކަމަށެވެ.

އެ މަނިކުފާނު އެހެން ވިދާޅުވެފައި ވަނީ އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚަމުއިނީ އާއި އިރާނުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް މިދިޔަ ހޯމަދުވަހު ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޓްރަމްޕް އެކަން އިއުލާނު ކުރެއްވުމާއި ގުޅިގެން އެމެރިކާއާއެކު އިތުރަށް ދައްކަވާނެ އިތުރު އެއްވެސް ވާހަކައެއް ނެތްކަމަށް ވިދާޅުވެފައި ވާއިރު އިރާނުގެ ފޮރިން މިނިސްޓަރުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކުން އެކަނިވެސް އެމެރިކާ ސުލްހަވެރިކަން ބޭނުން ނުވާކަން ވަރަށް ސާފުކޮށް ދޭހަވާ ކަމަށް ވިދާޅުވި އެވެ.

އިރާނާއެކު 2015 ގައި އެމެރިކާއިން ސޮއިކޮށްފައިވާ ނިއުކްލިއާ އެއްބަސްވުމުން އަމިއްލައަށް ވަކިވެ އެމެރިކާއިން އިރާނަށް އެކި ގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ އަޅަމުން ނެވެ.