ވިލިމާލޭގައި ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލިފައިވާ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެ މައްސަލާގައި ޖެންޑާ މިނިސްޓްރީންނާއި ހިޔާއިން ބަލަންވާ ވަރަށް ބެލިފައި ނުވާ ކަމަށާއި ހިޔާއަކީ ޝައިމްފަދަ ކުއްޖަކު ބަހައްޓައި ގެންގުޅެވޭނެ ގޮތަށް އިންތިޒާމުކޮށް މީހުން ތަމްރީނު ކޮށްފައިވާ ތަނެއް ނޫން ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝައިމް ގެއްލުނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާ ގެއްލުމުން އާންމު ކުރަންޖެހޭ މިންވަރަށް މައުލޫމާތު ހާމަނުކޮށް ހިފަހައްޓާފައިވާތީ ޖެންޑާއަށާއި މިނިސްޓަރު ޝިދާތާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެކަމަނާ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ސުވާލުތަކާ ކުރިމަތިލެއްވީ ހަ ދުވަސް ފަހު މިއަދު ހަވީރު އެވެ.
އެކަމަނާ ވިދާޅުވީ ކުޑަކުދީންގެ ހިޔާގެ އިންތިޒާމުތައް ހުރީ ޝައިމް ފަދަ ކުށުގެ ވެށީގައި އުޅެމުންދާ ކުއްޖަކު ބަލަން އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި މިނިސްޓްރީ އާއި ހިޔާއިން ބަލަންވާ ވަރަށް ބެލިފައި ވެސް ނެތް ކަމަށެވެ.
ޝައިމް ގެއްލިފައި ވަނީ ކުޑަކުދިންގެ ހިޔާގައި ބަހައްޓައިގެން އޭނާގެ އެސެސްމެންޓެއް ހަދަމުން ދަނިކޮށް "ފިލައިގެން ދިޔުމުން" ނެވެ. އޭގެ ފަހަށް އޭނާއަށް ވީނުއެއް ނޭނގި ގެއްލި ހޯދަން ފުލުހުން އިއުލާން ކުރިއިރު، އޭނާއަކީ ދައުލަތުގެ ބެލުމުގެ ދަށުން، ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖެއް ކަން ހާމައެއް ނުކުރެ އެވެ.
އެ ސުވާލު ތަކުރާރުކޮށް ކުރުމުން ވެސް ފުލުހާއި ޖެންޑާއިން އޭރު ޖަވާބެއް ނުދިނެވެ. އެއީ ހިޔާގައި ހުރި ކުއްޖެއްކަން ފެންމަތިވީ އޭނާ ހޯދަން ޖުވެނައިލް ކޯޓުން ފުލުހުންނަށް ދިން އަމުރެއް ސޯޝަލް މީޑިއާއަށް ލީކްވި އިރު ގެއްލިގެން ހޯދަމުން ދަނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެއްކަން ފެންމަތިވި ހިސާބުންނެވެ.
ޝައިމްއާ ގުޅޭ ގޮތުން ޖެންޑާ އާއި ފުލުހުން ފުރަތަމަ ފަހަރަށް ބަހެއް ބުނީ ވެސް ޖުވެނައިލް ކޯޓުގެ އަމުރާ ގުޅޭ ގޮތުން ނޫސްވެރިން ފުލުހާއި މިނިސްޓްރީގެ މީޑިއާ ގްރޫޕްތަކުގައި ހުއްޓާ ނުލައި ސުވާލުކޮށް އަދި ބައެއް ނޫސްތަކުގައި ފާޑުކިޔާއި ރިޕޯޓް ކުރަން ފެށުމުންނެވެ.
ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑާގެ އިސް މަގާމެއް ފުރުއްވެވި އިރު މިޑިއާއާ ވަރަށް ގާތް ކަމެއް ބޭއްވެވި މިހާރުގެ މިނިސްޓަރު މިއަދު ވަނީ ޝައިމްގެ ނޫސްވެރިން ކުރި ސުވާލަކަށް ވިއްޔާ ދެވެން އޮތް ޖަވާބެއް ދެއްވާފަ އެވެ.
ޝީ ބިލްޑިންގުގައި އެއް ނޫސްވެރިއަކު އެކަމަނާއަށް އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ "ޝައިމްގެ މައްސަލާގައި މިނިސްޓްރީންނާއި ހިޔާއިން ވެސް ބަލަންވާ ވަރަށް ބަލާފައި ނުވާ" ކަމަށެވެ. އަދި ވިދާޅުވީ "ކުޑަކުދިންގެ ހިޔާއަކީ އެފަދަ ކުއްޖަކު ބަހައްޓައިގެން ގެންގުޅެވޭނެ ގޮތަށް އިންތިޒާމުވެފައިވާ ތަނެއް ވެސް ނޫން" ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަން އެންމެ ބަލަންވާ މިންވަރަށް ނުބަލާކަން އެ އޮތީ. އެއާއެކީ ފާހަގަ ކޮށްލަން ވަކި ކަހަލަ ބިހޭވިއާސް ހުންނަ ކުދިން ބަލަން އިކްއިޕްވެފަ ހުރި ތަނެއް ވެސް ނޫން ހިޔާއަކީ. އެ ގޮތަށް ތަމްރީނުވެފަ ތިބި މުވައްޒަފުންތަކެއް ވެސް ތިބި ތަނެއް ނޫން އެއީ... އެކަމަކު އެއީ އެ ކަން ވާންވީ ގޮތެއް ވެސް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި ޝައިމް ފަދަ ކުއްޖަކު ގެންގުޅޭނެ އިންތިޒާމުތައް ހިޔާގައި ހަމަޖެހި އެފަދަ ކުއްޖަކު ގެންގުޅޭނެ ގޮތުގެ ތަމްރީންތައް ވެސް މުވައްޒަފުންނަށް ދޭން ޖެހޭނެ އެވެ. މިހާރު އެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި ފަހުން މިދިއަ މުއްދަތުގެ ތެރޭގައި އެ ކަންކަން ކުރިއަށްވުރެ ރަނގަޅުވެފައިވެ އެވެ.
މައުލޫމާތު ދިނުން ތަންކޮޅެއް ލަސްވެގެން ދިޔައީ ހަގީގަތުގައި އެ ކަމުގެ ހައްސާސްކަން ބޮޑު ކަމުން. އަދި އެ ކުއްޖާގެ ރައްކާތެރިކަމަށް ވެސް ބަލާފައި. ނަމަވެސް މިހާރު ހުރި މައްސަލަތައް ފޮރުވަން އަޅުގަނޑު އެއްވެސް މަސައްކަތެއް ނުކުރާނަން.ޝިދާތާ ޝަރީފު | ޖެންޑާ މިނިސްޓަރު
"މި މައްސަލައިގެ މައުލޫމާތު ދިނުން ތަންކޮޅެއް ލަސްވެގެން ދިޔައީ ހަގީގަތުގައި އެ ކަމުގެ ހައްސާސްކަން ބޮޑު ކަމުން. އަދި އެ ކުއްޖާގެ ރައްކާތެރިކަމަށް ވެސް ބަލާފައި. ނަމަވެސް މިހާރު ހުރި މައްސަލަތައް ފޮރުވަން އަޅުގަނޑު އެއްވެސް މަސައްކަތެއް ނުކުރާނަން. އަދި މައްސަލަތައް ހައްލު ކުރަން، ހަރުދަނާ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނީ." މިިނިސްޓަރު ވިދާޅުވި އެވެ.
ޝައިމް ކުއްލިއަކަށް ގެއްލުނީ ކިހިނެއް؟
މިނިސްޓަރު ވިދާޅުވި ގޮތުގައި ޝައިމް ގެއްލިގެން ރިޕޯޓް ކުރި ދުވަހުގެ ކުރީ ރޭ އޭނާ ނިދިތޯ މުވައްޒަފުން ބެލި އެވެ. އަދި އޭނާ ނިދާފައި އޮތް ކަމަށް ރިޕޯޓް ވެސް ކުރެވުނެވެ. ނަމަވެސް ޝައިމް އާންމުކޮށް ނިދަނީ މޫނު ފޮރުވައި މުޅި ހަށިގަނޑުގައި ރާޖައެއް ލައިގެން ކަމަށްވާތީ އެ ރޭ ކޮޓަރީގައި ޝައިމް ނިދަން އޮތް ކަން މުވައްޒަފުންނަށް ފަހުން ޔަގީނެއް ނުކުރެވުނެވެ.
މިނިސްޓަރު ވިދާޅުވީ ޝައިމް "ފިލައިގެން ދިޔައީ" ކިހިނެއްތޯ ހޯދަން މިނިސްޓްރީން ހޯދުންތަކެއް ހޯދި އިރު ފާހަގަ ކުރެވުނީ އޭނާ ހުރި ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގެ މަރާމާތަށް އެ ކޮޓަރީގެ ކުޑަދޮރުގެ ތޭރިތައް ނަގާފައި ހުރި ކަމަށެވެ. އަދި އެ ކޮޓަރީގެ ކުޑަދޮރު ތެރެއިން ފުރާޅު މައްޗަށް ފުންމާލެވޭނެ ފުރުސަތު އޮވެ އެވެ. ނަމަވެސް ތަހުގީގު ކުރަމުންދާތީ އެއީ ސީދާ ފިލި ގޮތްތޯ ނޫންތޯ ވިދާޅުވާން ދައްޗެވެ.
ޝައިމް ކަހަލަ ކުއްޖެކޭ ވިދާޅުވަނީ ކީއްވެގެން؟
ޝައިމް އާ ގުޅޭ ބައެއް ތަފުސީލްތަކަށް މިނިސްޓަރު ޝިދާތާ މިއަދު ވަޑައިގެންނެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ޝައިމްގެ މައްސަލައެއް އެންމެ ފުރަތަމަ ޖެންޑާއަށް ހުށަހެޅުނީ ޖޫން 10، 2009 ގަ އެވެ. އެއީ ޝައިމްގެ އާއިލާއިން އޭނާ ބެލުމުގައި އިހުމާލުވި މައްސަލަ އެވެ. އެހެން ކަމުން ޝައިމްގެ މި މައްސަލަ ވަރަށް ކުރިން ފެށިއްޖެ އެވެ.
ޝައިމް އުޅެމުން ދިޔައީ އެކަށީގެންވާ ރައްކާތެރިކަން ލިބޭ މާހައުލެއްގައި ކަމަށް ނުވާތީ އޮކްޓޯބަރު 25، 2015 ގައި އެންމެ ފުރަތަމަ ދައުލަތުގެ ބެލުމުގެ ދަށަށް، އޭނާ ކުޑަކުދިންގެ ހިޔާއަށް ނެގި އެވެ. އަދި އޮކްޓޯބަރު 27، 2015 ގައި ޝައިމް ބަލަން ޝައުގުވެރިކަން ހުރި ފަރާތަކުން އެކަމަށް އެދި ރަސްމީކޮށް އެދުމުން ދަރުމައަށް ކުދިން ބަލަހައްޓައިދޭ އުސޫލުގެ ދަށުން އޮންނަ އެއްބަސްވުމާއެކު ޖެނުއަރީ 11، 2016 ގައި އެ ފަރާތާ ޝައިމް ހަވާލު ކުރި އެވެ.
އެހެން ނަމަވެސް އޭގެ ފަހުން 2017 ވަނަ އަހަރުގެ ތެރޭގައި އަނެއްކާވެސް އެކި ފަހަރު މަތިން ޝައިިމްގެ މައްސަލަތައް މިނިސްޓްރީއާ ހަމައަށް ދިޔަ އެވެ. އޭގެތެރޭގައި ގަވާއިދުން ސްކޫލަށް ނުދިއުމާއި ގިނަ ވަގުތު ގެއިން ބޭރުގައި އުޅުން ފަދަ މައްސަލަ އާއި ޝަކުވާ ހިމެނެ އެވެ. ބަލަހައްޓާ ފަރާތަށް އުނދަގޫވެ އެ މައްސަލަތައް މިނިސްޓްރީއާ ހަމައަށް ގެންދަން ފެށި އެވެ.
މިދިޔަ އޭޕްރީލް މަހު ޝައިމް ބަލަހައްޓާ ފަރާތުން މިނިސްޓްރީއަށް ހާޒިރުވެ ޝައިމް ގެއަށް ނުވަދެ އުޅުމެއް ދަނީ ކުށުގެ ވެށީގައި ކަމަށްވާތީ އިތުރަށް ދެން ބެލެން ނެތް ކަމަށް ތަކުރާރުކޮށް ބުންޏެވެ. އެހިސާބުން ޝައިމް ގެއަށް ނުގޮސް އުޅެމުން ދިޔަ އެޑްރެސް ހޯދަން ތިން ފަހަރެއްގެ މަތިން ފުލުހުގައި އެދުނެވެ. އަދި ފެބްރުއަރީ މަހު އެޑިއުކޭޝަން މިނިސްޓްރީއާއެކު އެ މައްސަލައިގެ ކޭސް ކޮންފެރެންސެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
އެ "އޮޕަރޭޝަން" ފަހު ޝައިމް ހޯދައި ޖެންޑާގެ ފެމިލީ އެންޑް ޗައިޑް ޕްރޮޓެކްޝަނާ ގުޅީ މި މަހުގެ ތިންވަނަ ދުވަހު އެވެ. ޖެހިގެން އައި ހަތަރުވަނަ ދުވަހު ޝައިމް ހުރީ އެ ޑިޕާޓްމަންޓްގަ އެވެ. އޭގެ ފަހުން އޭނާ ބަލަހައްޓާނެ އެއްވެސް ފަރާތެއް ނުވުމުން އަލުން ކުޑަކުދިންގެ ހިޔާއަށް، ވިލިމާލެއަށް ގެންދިޔައީ އެވެ. -- ޖެންޑާގެ އެދުމަށް ފުލުހުން ޝައިމް ހޯދަމުން ދިޔަ ނަމަވެސް ކުއްލި ގޮތަކަށް އޭނާ ލޮކޭޓްވީ ފުލުހުން ހިންގި އެހެން އޮޕަރޭޝަނެއްގައި ކުށުގެ ވެއްޓެއް އޮތް މާހައުލެއް ބަލަމުން ދަނިކޮށް އެތާނގެ ތެރޭގައި ހުއްޓަ އެވެ.
"ނަމަވެސް ކުޑަކުދިންގެ ހިޔާގައި އޭރު ކަންތައްތައް ހުރި ގޮތުން އެހެން ކުދިންނާ އެކީ ޝައިމް ބެހެއްޓުން ރަނގަޅު ނުވާނެތީވެ ވަކި އިންތިޒާމެއް ހަމަޖައްސައި ވަކިން ބެހެއްޓި. ހިޔާގަ އުޅުނު އިރުވެސް އެކި މައްސަލަތައް ފެންމަތިވޭ... ތަކެތި ހަލާކު ކުރުން ފަދަ އެކި ކަހަލަ އަހުލާގީ މައްސަލަތައް އައިސްފައިވޭ މާރާމާރީގެ މައްސަލަތައް ވެސް އައިސްފައިވޭ" ޝިދާތާ ވިދާޅުވި އެވެ.