ހަބަރު

ސިވިލް ކޯޓުގެ ގާޒީ ފަހީމްގެ މައްސަލަވެސް ބަލަނީ

Jun 26, 2019
1

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ގާޒީ ފަހީމް އާގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް ޒަހީން ވިދާޅެއްނުވެ އެވެ.

އެ މައްސަލަ ބެލުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް މިއަދު ވަނީ ނަގާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް އަދި ކޮމިޝަންގެ މެމްބަރު ހިސާން ހުސެއިން އެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ އިތުރު ތިން ޝަކުވާއެއް ބަލަން ވެސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ހަސަން ނަޖީބާއި ގުޅޭ ޖުމްލަ ހަތް ޝަކުވާއެއް މިހާރު ކޮމިޝަނުން ބަލަމުންގެންދާ ކަމަށާއި، ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރާއި ބެހޭގޮތުން ހުށަހަޅާފައިވާ ޖުމްލަ ފަސް ޝަކުވާއެއްވެސް ބެލުމަށް ނިންމާފައިވާކަމަށް ޒަހީން ވިދާޅުވި އެވެ.

ފަހަކަށް އައިސް ޖޭއެސްސީން ގެންދަނީ ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީ އިން ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެ އެވެ. ނަމަވެސް އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގި އެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް ފަނޑިޔާރުގެ ސަސްޕެންޝަން ދަމަހައްޓާފަ އެވެ. އަދި ފަނޑިޔާރު ދީދީ ގެންދަވަނީ ޖޭއެސްސީގެ ނިންމުމާ ހިލާފަށް ވަޒީފާއަށް ނުކުންނަވަމުންނެވެ.

ޖޭއެސްސީން މައްސަލަ ބަލަން ނިންމި ފަނޑިޔާރުން

  • އަބްދުﷲ ދީދީ - ސުޕްރީމް ކޯޓުގެ ފަނޑިޔާރު
  • ޝުޖާއު އުސްމާން - ހައިކޯޓުގެ އިސް ފަނޑިޔާރު
  • ހަސަން ނަޖީބު - ކްރިމިނަލް ކޯޓުގެ ގާޒީ
  • ހަސަން ފަހީމް އިބްރާހީމް - ސިވިލް ކޯޓުގެ ގާޒީ
  • އަހްމަދު ޝުކޫރު - ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް
  • މުހައްމަދު ރާޣިބު އަހްމަދު - ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް

އޭގެ އިތުރުން، ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މިއީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު ވަކިކުރަން ނިންމި ފުރަތަމަ ފަހަރެވެ.