ރާޅު ގުޑި އިވެންޓް

މަނަދޫގެ "ރަސަމް" އާއެކު މަރުހަބާ، މިވަރެއް ނެތް!

ނ. މަނަދޫއިން: ނާޒިމް ހަސަން
Jun 26, 2019
2

"މި ރަށު މުޅި ރައްޔިތުން ވަނީ މިކަމަށް ތައްޔާރުވެފަ، ރާޅުގުޑި އެތުލީޓުން ނައިސްގެން ތިބީ، މި ރަށަށް ގިނަ ވަގުތު ވެސް ދޭން ވާނެ،" މިއީ ނ. މަނަދޫއަށް ދިޔުމުގެ މާކުރިން ވެސް ލިބެމުންދިޔަ މެސެޖްތަކެވެ.

މަނަދޫއަކީ މި ދަތުރުގައި ކުއްލިއަކަށް ދިޔުމަށް ހަމަޖެހުނު ރަށެކެވެ. ސަބަބަކަށްވީ އެ ރަށުގެ ރައްޔިތުން މިކަމަށް އޮތް ޝައުގުވެރިކަމެވެ. އެ ރައްޔިތުން އެކަމަށް އިންތިހާއަށް އެދުމުންދާތީ އެވެ. ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމުގެ ހަރަކާތަށް އެންމެ ބޮޑު ޝައުގުވެރިކަމެއް އޮތް ރަށަކީ ހަމަ ގައިމު ވެސް މަނަދޫ އެވެ.

ދަތުރުގައި ބައިވެރިވާ ހަތަރު އެތުލީޓުން ކައިޓްގައި މަނަދޫއަށް ދިޔައީ ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވައްޓަރުން ނައްޓާލައިގެންނެވެ. މަނަދޫއަށް ފޯރީ މެންދުރުފަހު ދެއެއްޖަހާ ބޮޑުވި ފަހުންނެވެ. އޭރު "ރާޅުގުޑީ"ގެ އިންތިޒާރުގައި މަނަދޫގެ ރައްޔިތުން ތިބޭތާ އިރުތަކެއް ވަނީ ވެފަ އެވެ. އެކަމަކު އެމީހުންގެ ފޯރިއަކަށް ޝައުގަކަށް ބަދަލެއް ނާދެ އެވެ.

މިއަދު ވައި މަޑުވެ، އެތުލީޓުންނަށް ކައިޓް ދުއްވުނީ ވަރަށް އުނދަގުލުންނެވެ. އެކަމަކު ވެސް މަނަދޫ ފެނިފައި އެމީހުންގެ ވަރުބަލިކަން އެއްކޮށް ފިލައިގެން ދިޔަ އެވެ. "ރާޅުގުޑި"ގެ އެތުލީޓުންނާއި ކުރޫއިންނަށް މަރުހަބާ ކިޔުމަށް މަނަދޫގެ ގޮނޑުދޮށުގެ ބޮޑު ސަރަހައްދެއް ވަނީ ސާފުކޮށް ތައްޔާރުކޮށްފަ އެވެ. އެއީ މީގެ ދެ ދުވަސް ކުރިން ރައްޔިތުން ނުކުމެ ކޮށްފައިިވާ މަސައްކަތެވެ.

އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ، ބިންމަތީ ފަތުން އަޅާފައިވާ "މަނަދޫ" އެވެ. އޭގެ ވަށައި ކުޑަކުދިންތައް ކޮޅުކޮޅަށް ދުވެ އުޅެ އެވެ. ހީވަނީ އެމީހުންނަށް ބޮޑު އީދު އައިސްގެން އުޅޭ ހެނެވެ. އަންހެންވެރިން ވެސް ތުއްތު ދަރިން ކިހިލި ޖަހައިގެންނާއި އަތުގައި ހިފައިގެން "ރާޅުގުޑި" ބަލަން ނުކުމެ ތިއްބެވެ.

އެތުލީޓުން ރަށަށް ފޭބިތަނާ ރަށުގެ ވަރަށް ޒުވާން ބޮޑުބެރު ގުރޫޕެއް ކަމަށްވާ "މަންސާރޭ" މަރުހަބާގެ ބެރު ޖަހަމުން ދިޔަ އެވެ. އެއަށްފަހު މާބޮޑި އާއި ކުރުނބަލުން މަރުހަބާ ކިޔެ އެވެ. އޭރު ފަހަތުގައި ވަރަށް ހާއްސަ ކެއުމެއް ތައްޔާރުވަމުން ދިޔަ އެވެ. އެތަނަށް ވަދެލާ އޭގެ މައުލޫމާތު ސާފުކޮށްލިއިރު އެނގުނީ އެއީ "ރަސަމް" ކަމެެވެ.

"މިއީ މި ރަށުގައި ކައްކާ އުޅޭ އެއްޗެއް، ޑަބިއަލެއްގައި ވަލު ތެރޭގައި މި ކައްކާނީ، އާންމުކޮށް ޕިކްނިކް ގޮސްފަ، ޑަބިޔާ ތެރެއަށް ކުކުޅު އަޅައިގެން މި ކައްކަނީ، މިއަށް މި ކިޔަނީ ރަސަމް، ވަރަށް މަޝްހޫރު ވާނެ މި ރަށުގަ،" ރަށުގެ ޒުވާނަކު "ރަސަމް" ކިޔައިދިނެވެ. މި "ރަސަމް"އަކީ މަނަދޫގެ ޒުވާނުންގެ ގުޅުމުގެ ހަދިޔާއެކެވެ.

އޭގެ އަނެއް ކޮޅުގައި މޮޅު ދިވެހި ކެއުން ތައްޔާރުކޮށްފައި ހުއްޓެވެ. ބަނބުކޭލާއި ފަޅޯ ބަތާއި ފިހުނު ފަރު މަހާއި ރިހާކުރާއި ރިހާކުރު ދިޔަ ފަދަ އެތައް ބާވަތެއް ހުއްޓެވެ. ވަރަށް ރަހަމީރު ބޮޑިބަތްގަނޑެއް ވެސް ހުއްޓެވެ.

ކެއުމުގެ އިންތިޒާމް ގޮނޑުދޮށުގައި ޖޯލިތައް ބަހައްޓައި ހަމަޖައްސާފައިވާއިރު ސަގާފީ ހުށަހެޅުންތައް އެ ގަޑީގައި ކުރިއަށް ދިޔަ އެވެ. މަނަދޫ އެކުވެރި ކުލަބުގެ ފަރާތުން އެ ރަށަށް ހާއްސަ ދަނޑި ޖެހުމުގެ ހަރަކާތެއް ދައްކާލި އެވެ. ފިރިހެންވެރިންގެ އެ ދަނޑި ޖެހުމުގެ ސަޓައިލް އެހެން ރަށަކުން ނުފެނެ އެވެ. ދެން ދައްކާލީ ރަށުގެ އަންހެންވެރިންގެ ފަރި ހަރަކާތްތަކެވެ. ބަނޑިޔަލަށް އަންހެންވެރިން ފޯރީގައި ނަށާލި އެވެ.

އޭގެފަހުން ރަށުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ކައިޓް ސާފިންގެ ވޯލްޑް ޗެމްޕިއަން އަދި މި ދަތުރުގެ އެތުލީޓް ޔޫރީ ޒޫންއާއެކު ފޮޓޯ ނަގަން ސަފު ދަމާލި އެވެ. ގިނަ ބަޔަކު ޔޫރީއާއެކު ފޮޓޯ ނަގަމުންދިޔަ އެވެ. ޔޫރީއަށް ވެސް އެކަންވީ ވަރަށް އުފާވި ކަމެކެވެ. ކައިޓް ސާފިންނަށް ލޯބިކުރާ އެތައް ކުޑަކުދިންނާއެކު އޭނާ ފޮޓޯ ނެގި އެވެ.

ފޮޓޯ ސެޝަނަށްފަހު ޔޫރީ އާއި އެހެން އެތުލީޓުން އަނެއްކާވެސް މޫދަށް ކައިޓްގައި ފޭބި އެވެ. ރަށުގެ ފަޅު ތެރޭގައި އެތުލީޓުން ކައިޓް ދުއްވަމުންދިޔައިރު އެންމެން އެ މަންޒަރު ބެލުމަށް ގޮނޑުދޮށުގައި ތިއްބެވެ. އެ ރަށުން އެތުލީޓުންނާއި ކުރޫ ވެސް ނުކުތީ ވަރަށް ހިތްހަމަޖެހިގެންނެވެ.

މަނަދޫއިން މި ހޫނު މަރުހަބާ ކިޔުމުގެ އިންތިޒާމްތައް އެހާ ފުރިހަމައަށް ހަމަޖައްސާފައިވަނީ މަނަދޫގެ ޒުވާނުންގެ ޖަމިއްޔާއެއް ކަމަށްވާ "ސީރަޕް"ގެ ފަރާތުންނެވެ. އޭގެ އިތުރުން ރަށުގެ ކައުންސިލާއި ޗެސްޓާ ސްޕޯޓްސްގެ އެހީ ވެސް ވަނީ ލިބިފަ އެވެ.

އެ ރަށުން ނުކުމެގެން އެތުލީޓުން މިސްރާބު ޖެހީ ނ. ޅޮއްސަށެވެ. ޅޮއްސަށް ދިޔައިރު އެ ރަށް ވެސް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ބަނދަރު މަތީ ސަގާފީ ރީތި ހެދުންތަކުގައި ގިނަ ކުޑަކުދިންތަކެއް ތިއްބެވެ. ރަށުގެ ގިނަ ބަޔަކު ވެސް ބަނދަރު މަތީ ތިއްބެވެ. ބަނދަރު ވެސް ވަނީ ސަގާފީ ގޮތްގޮތަށް ޒީނަތްތެރިކޮށްފަ އެވެ. އަންހެންވެރިން ތައްޔާރުކޮށްލާފައިވާ މީރު ހެދިކާތައް ވެސް އަތުރާލާފައި ހުއްޓެވެ.

މިރޭ އެތުލީޓުން މަޑުކުރުމަށް ހަމަޖެހިފައިވަނީ ޅޮހީގަ އެވެ. މި ރަށަކީ ދަތުރުގެ ކުރޫއިންގެ ގިނަ މެންބަރުންތަކެއްގެ ވެސް އުފަން ރަށެވެ.

މިއަދުގެ ދަތުރު އެތުލީޓުން އެންމެ ފުރަތަމަ ފެށީ، ޅ. ކުރެންދޫއިންނެވެ. ކުރެންދޫއިން ދިޔައީ ހިންނަވަރަށެވެ. ހިންނަވަރުން ވެސް އެތުލީޓުންނަށް ޒުވާނުންކޮޅެއް ވަނީ މަރުހަބާ ކިޔާފަ އެވެ. އެ ރަށުގެ ގޮނޑުދޮށް ވެސް އެތުލީޓުން ސާފުކުރި އެވެ. މިއަދުގެ ހެނދުނުގެ ނާސްތާ ދީފައިވަނީ ހިންނަވަރުގެ ޒުވާނުންނެވެ.

އެތުލީޓުން ވަނީ ހިންނަވަރަށް އަރައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގެ، ނޫރާނީއާ ގެއަށް ވެސް ޒިޔާރަތްކޮށްފަ އެވެ. ރައީސް ސޯލިހު ވަނީ މި ހަރަކާތުގައި މާލެއިން ބައިވެރިވެވަޑައިގެންފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް މި ހަރަކާތަށް ހާއްސަ ޝައުގުވެރިކަމެއް އެމަނިކުފާނު ބަހައްޓަވަ އެވެ.

"ރާޅުގުޑި" ހަރަކާތް ނިމުމާ ގާތްވެފައިވާއިރު މާދަމާގެ މަންޒިލަކީ ށ. ފުނަދޫ އެވެ. އެއަށްފަހު ހދ. ކުޅުދުއްފުއްޓަށް ދާނެ އެވެ. އޭގެ އަނެއް ދުވަހު، ހއ. އުތީމަށާއި ތުރާކުނަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ހަރަކާތް ނިންމާލާނީ ތުރާކުނުގަ އެވެ. އެއީ ރާއްޖޭގެ އެންމެ އުތުރެވެ.