ލައިފްސްޓައިލް

މޫނުމަތީގެ ޒުވާން ކަމަށް ހާކަންވީ އައިސްކިއުބް!

ކޮންމެ މީހަކުވެސް އެމީހުންގެ ބިއުޓީ ރޫޓީންގައި މޫނުމައްޗަށް ހާއްސަ އިސްކަމެއް ދެއެވެ. މޫނުމަތި ވީހާ ވެސް ސާފުކޮށް އޮމާންކޮށް ބެހެއްޓުމަށް ބޭނުން ވެއެވެ. މޫނުމަތީ އައިސްކިއުބު ލުމަކީ ވަރަށް ގިނަ ފައިދާތަކެއް އޭގެ ސަބަބުން މޫނުގެ ހަންގަނޑަށް ލިބޭ ކަމެކެވެ. ކޮންމެ ކަހަލަ ހަންގަނޑެއް މޫނުގައި ހުރި ނަމަވެސް އައިސް ކިއުބެއް މޫނުގައި ހޭކުމުން ގިނަ ފައިދާ ތަކެއް ލިބެއެވެ.

ކޮރެއާ މީހުންގެ މި ހާއްސަ ބިއުޓީ ހެކާއި އެކު "އައިސް ފޭޝަލް" ދަނީ މިހާރު މޫނުގެ ހަންގަނޑު ތާޒާ ކުރުމަށާއި ޒުވާންކޮށް ތިބުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބިއުޓީއަށް ލޯބިކުރާ ފަރާތްތަކުގައި މަގުބޫލުވަމުންނެވެ.

ފުރތަމަ ކަމަކަށް ބިޒީ ދުވަހަކަށްފަހު މޫނުގައި އައިސްކިއުބް ހޭކުމުން މީހާ ތާޒާވެ ދުވަހުގެ ސްޓްރެސްގެ ސަބަބުން ވާ ގެއްލުމުން މޫނުގެ ހަންގަނޑު ރައްކާތެރި ކޮށްދޭނެ އެވެ. އަދި މޫނަށް ލޭ ދައުރުވުމަށް އެހީތެރިވެދީ މީހާ އުޖާލާކޮށްލައި ދެއެވެ.

އަދި މޫނުގައި އައިސް ކިއުބް ޖެއްސުމުން މޫނުގެ ލޭ ނާރުތަށް ފިނިވުމުގެ ސަބަބުން ހިމަވެގެންދެ އެވެ. އޭގެ ސަބބުން މޫނަށް ލޭ ދައުރުވުން މަދު ކޮށް ދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން މިކަން ބެލެންސް ކުރުމަށް ހަށިގަނޑުގެ ލޭ ދައުރު ކުރުމުގައި ގިނަ ލޭ މޫނަށް ފޮނުވާލަވަ އެވެ. މީގެ ސަބަބުން މީހާގެ މޫނަށް ވަރަށް އުޖާލާ ފްރެޝް ލުކެއް އާދެ އެވެ.

މޫނުގައި ލާން ގެންގުޅޭ ކްރީމްތަށް މޫނަށް ވެއްދުމަށް އައިސްކިއުބު ހޭކުމުން އެހީތެރިވެދޭނެ އެވެ. މިއީ ސްކިންކެއާ ގެ ޒަމާންވީ އުކުޅެކެވެ. މޫނުގައި ހާކަ ނައިޓް ކްރީމް ނުވަތަ މޮއިސްޓަރައިޒާ ފަދަ ތަކެތި ހަންގަނޑުގެ ތެރެއަށް ރަނގަޅަށް ވަންނަނީ އެ އެއްޗެއް ހޭކުމަށްފަހު އައިސް ކިއުބް ޖެއްސުމުންނެވެ. ސަބަބަކީ އައިސްކިއުބް ޖެއްސުމުން މޫނުގައިވާ ކެޕިލަރީސް ހިމަކޮށްލާ ހަންގަނޑުގައި އެތެރެއަށް ދަމާކަހަލަ އިފެކްޓެއް އައުމުގެ ސަބަބުން މޫނުގައި ހާކައި ސާމަނު ހަންގަނޑުތެރެއަށް ވައްދާލަ އެވެ.

މޫނުގައި ނަގާ ބިހިންވެސް އައިސްކިއުބް ރައްކާތެރި ކޮށްދެއެވެ. މިގޮތުން މޫނުގައި އައިސް ކިއުބް ޖެއްސުމުން މޫނުގައި ތެޔޮ އުފެއްދުމުން ދުރުކޮށް ދެއެވެ. މީގެ އިތުރުން ބިހީގެ ސަބަބުން މޫނުގައި ހުންނަ ދުޅަކަން ވެސް ތިރިކޮށް ދެއެވެ.

ހަމަނިދި ނުލިބުމާއި، ސްޓްރެސްވުމާއި މީހާ ވަރުބަލިވެފައި ހުންނަ އިރު ލޯކައިރީގައި އާއްމުކޮށް މި ކިޔާ "އައި ބޭގްސް" ލައެވެ. އަދި މިގޮތަށް ލޯ ކައިރި ތިރީގައި ފެން ހެދުމުގެ ސަބަބުން ދުޅަވެފައި ހުންނަ ގޮތަށް ހުރުމަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. މިކަމަށްވެސް އޮތް އެންމެ ފަސޭހަ ހައްލަކީ އައިސްކިއުބް ހޭކުމެވެ. އައިސް ކިއުބެއް މަޑުމަޑުން ލޯ ކައިރީގައި ތިރީގައި ވަށްބުރެއް ހެން ހާކަނީ އެވެ. މިހެން މަސާޖު ކުރުމުން ދުޅަ ތިރިވާނެ އެވެ.

މޫނުގައި ހުންނަ ޕޯސް އަކީ މޫނުގައި ގުދުރަތީ ތެޔޮ އަދި ދާ ބޭރު ކުރުމަށް މޫނުގެ ހަންގަނޑުގައި ހުނަން ކުދި ކުދި ލޯވަޅުތަކެވެ. މޫނުގައި ރަނގަޅަށް މޭކަޕް ނުފިލުވާ އަދި މި ޕޯސްތައް ރަނގަޅަށް ސާފު ނުވާ ނަމަ މޫނުގައި ބިހި ނެގުމަށް މެދުވެރި ވެއެވެ. އަދި މޫނުގައި އައިސްކިއުބް ޖެއްސުމުން މި ޕޯސްތަށް ކުޑަކޮށް ދޭނެ އެވެ. އަދި މޫނުމަތި ސާފުވެއެވެ.

އައިސްކިއުބް ގެ ސަބަބުން މޫނުގައި ރޫޖެހުމުން ވެސް ރައްކާތެރި ކޮށްދެއެވެ. މިގޮތުން އަލަށް ރޫ ޖެހުމާއި ކުރިން މޫނުގައި ޖެހިފައިވާ ރޫތަށް ވެސް މަދު ކޮށްދޭނެ އެވެ. އެހެންކަމުން މޫނުގެ ހަންގަނޑު ޒުވާންކޮށް ބެހެއްޓުމަށް މިވަރު އެއްޗެއް ނެތެވެ.

އައިސް ފޭޝަލް ހަދާނެ ގޮތް!

މޫނަށް އައިސް ފޭޝަލްއެއް ދިނުމުގެ ކުރިން ބަލަންވީ ކަންކަން އެބަހުއްޓެވެ. މިގޮތުން މާ ގިނަ ފަހަރަށް އައިސް ނުޖެއްސުން ހިމެނެއެވެ. އަދި އައިސް ކިއުބް ޖައްސާއިރު ހަންގަނޑުގައި ހުރަހަކާ ނުލައި ޖެއްސުމުގެ ބަދަލުގައި ފޮތިކޮޅެއްގައި އޮޅާލާފައި ޖައްސާށެވެ.

އައިސް ފޭޝަލްއެއް ހެދުމުގެ ކުރިން މޫނު ރަނގަޅަށް ދޮވެލާ، އަދި މޫނުގައި ޖެއްސުމުގައި ކޮންމެ ތަންކޮޅެއްގައި ވެސް 1 މިނެޓަށްވުރެ ގިނަވަގުތު ހޭދަ ނުކުރާށެވެ.

ލޯ ކައިރީގައި އައިސްކިއުބް ޖައްސާއިރު ވަރަށް ބަލައިގެން ފަރުވާތެރިކަމާއި އެކު ޖައްސާށެވެ. އަދި މަޑުމަޑުން ވަށް ބުރެހެން އައިސް އިން މަސާޖު ކުރާށެވެ. އަދި އައިސް ތެރަޕީ ގިނަވެގެން ހަދަންވަނީ 10 މިނެޓާއި 15 މިނެޓާއި ދެމެދުއެވެ. ހެނދުނާއި ހަވީރުވެސް މި ތެރަޕީ ހެދިދާނެ އެވެ.