ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅި ގޮތާ މެދު ހިތްހަމަ ނުޖެހިގެން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ހުށަހަޅާފައިވާ ޝަކުވާ ބެލުން މަޑުޖައްސާލައި މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސަން އެ ކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ގޮވާލައިފި އެވެ.
މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދެވޭނެ ކުންފުނިތައް ކަނޑައަޅަން އިސްލާމިކް މިނިސްޓްރީން ކަނޑައެޅި އުސޫލުތަކާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރުން ވަނީ އެ މިނިސްޓްރީއަށް އެ ކަމުގެ ޝަކުވާ ހުށަހަޅާފަ އެވެ. އަދި އެ ކަމުގައި ކޮރަޕްޝަންގެ މުއާމަލާތް ހިމެނޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ވެސް ހުށަހެޅި އެވެ.
ސިސިލްފަރުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި އަހަރު ހައްޖު ކޯޓާ ލިބުނު ޖަމާއަތްތަކަށް ފައިސާ ދައްކާފައިވާ ދިވެހިންގެ ހައްޖު ދަތުރަށް ސީދާ ކޮށް ވިޔަސް އަދި ނުސީދާކޮށް ވިޔަސް ހުރަސް އެޅުމަކީ އެ ކުންފުނިން އެއްވެސް ހާލަތެއްގައި ކުރާނެ ކަމެއް ނޫން ކަމަށާއި ހައްޖުގެ އަޅުމުގެ ދުވަސްތަކަށް ކުޑަތަންވާއިރު ހައްޖުގެ ތައްޔާރީތައް ލަސްވެ ވެގެން ދިއުމަކީ އެ ކުންފުނިން އެދެނޭ ކަމެއް ނޫން ކަމަށެވެ.
ހައްޖާ ގުޅޭ ރަސްމީ ކަންކަން ކުރަން ޖެހޭނީ އެ ކަމަށް ހާއްސަ އީ-ޕޯޓަލްއަކުން ކަމުގައިވާއިރު އެ ޕޯޓަލްގެ ހިދުމަތް، މިނާ ހައްޖު ގްރޫޕަށް އިސްލާމިކް މިނިސްޓްރީން ދީފައި ނުވާތީ އެ ގްރޫޕުން ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމުގައި ބުނާތީ އެ ކަމުގެ ކަންބޮޑުވުން ވެސް ސިސިލްފަރު ކުންފުނިން ފާޅުކުރި އެވެ.
"ސިސިލްފަރު އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި ޝަކުވާގެ ކަންކަން ކުރިއަށް ގެންދިއުން، ހައްޖު މޫސުން ނިމެންދެން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީގައި އެދުމަށް މި ގްރޫޕުން ނިންމާފީމެވެ. އަދި ވީހާ ވެސް އަވަހަކަށް މިހާރު ކޯޓާ ދީފައިވާ ގްރޫޕްތަކުން ހައްޖަށް ދިއުމުގައި މަގުފަހިކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއަށް އިލްތިމާސް ކުރަމެވެ." ސިސިލްފަރުގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން އެދެނީ އަންނަ އަހަރުގެ ހައްޖުގެ ކަންކަން މިއަށްވުރެ އިންސާފުވެރި ހަރުދަނާ ގޮތަކަށް ސަރުކާރުން ކުރިއަށް ގެންދިއުމަށް ކަމަށާއި އޭގެ ތެރޭގައި މި ފަހަރު ނުހައްގުން ކޯޓާ މަރުހޫމް ކުރި ގްރޫޕްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް މި ފުރުސަތުގައި ގޮވާލައި ކަމަށް އެ ބަޔާނުގައިވެ އެވެ.
ހައްޖު ކޯޓާ ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ހަމަހަމަ އުސޫލެއް ނެތި ވަކި ފަރާތަކަށް ބުރަވުމުގެ ފުރުސަތު އޮތް ކަމާއި އިވެލުއޭޝަން ކޮމިޓީގައި ކުއާޓާ ލިބުނު ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ފަރާތެއް ބައިވެރިވެފައިވާ ކަމާއި އިވެލުއޭޝަން ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތުން ކޮރަޕްޝަން ތުހުމަތު ކުރެވޭ ކަންތައްތައް ފާހަގަކުރެވިފައިވާ ކަން އޭސީސީން ހޯދިހޯދުންތަކުން ވެސް އެނގިގެން ގޮސްފައިވާ ކަމަށް ސިސިލްފަރުން ބުންޏެވެ.