ހަބަރު

މިނާ ގްރޫޕްގެ މީހުނަށް ހައްޖަށް ދެވޭނެ: މިނިސްޓްރީ

މިނާ ހައްޖު ގްރޫޕުން ހައްޖަށް ދާން ފައިސާ ދައްކާފައިވާ މީހުނަށް ހައްޖަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ ގްރޫޕުން ހައްޖަށް ދާން ފައިސާ ދައްކާފައިވާ މީހުނަށް މި އަހަރު ހައްޖަށް ނުދެވިދާނެ ކަމަށް އެ ގްރޫޕުން މީގެ ކުރިން ވަނީ ފައިސާ ދެެއްކި މީހުނަށް އަންގާފަ އެވެ. އެއީ އޭސީސީން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެނެވެ.

މި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ މިއަދު ވިދާޅުވީ މިނާ ގްރޫޕުން ކުރަމުން އައި މަސައްކަތް ހުއްޓާލަން އެ ގްރޫޕަށް އެންގީ އޭސީސީން ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެއީ ހުށަހަޅަން ޖެހޭ ބައެއް ލިޔެ ކިޔުންތައް ހުށަނާޅައި އޮތުމުންނެވެ.

ހައްޖަށް ގެންދިއުމާ ގުޅޭ ރަސްމީ ކަންކަން ބަލަހައްޓަން ސައުދީން އިސްލާމިކް މިނިސްޓްރީއަށް ދީފައި އޮންނަ އީ ޕޯޓަލް މިނާ ގްރޫޕަށް ނުދޭ ކަމަށް ޝާފިއު ވިދާޅުވި އެވެ. އެއީ އޭސީސީން އެ ގްރޫޕުގެ މައްސަލަ ބަަލަމުން ދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނާ ގްރޫޕަށް ހައްޖަށް ދެވޭނެތޯ ސުވާލުކުރުމުން ޝާފިއު ވިދާޅުވީ، އެ ގްރޫޕަށް ދެވޭނެތޯ ނުވަތަ ނުދެވޭނެ ތޯ މިނިސްޓްރީން ވަރަށް އަވަހަށް އަންގާނެ ކަމަށެވެ، އެކަމަކު ހައްޖުވެރިންނަށް ދެވޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

މި އަހަރު މިނާ ގްރޫޕުން ހައްޖަށް ދާން ޖުމްލަ 90 މީހުން ވަނީ ފައިސާ ދައްކާފައެވެ.